މީގެ 20 އަހަރު ކުރިން ޗެމްޕިއަންސް ލީގު ފައިނަލްގައި ބާސެލޯނާ އަތުން ބަލިވި ފަހުން ފުރަތަމަ ފަހަރަށް އާސެނަލް، ޔޫރަޕްގެ އެންމެ ބޮޑު ކްލަބް މުބާރާތުގެ ފައިނަލަށް މިރޭ ހިނގައްޖެ އެވެ.
އަމިއްލަ ދަނޑުގައި ކުޅުނު ސެމީ ފައިނަލްގެ ދެވަނަ ލެގުގައި ސްޕެއިންގެ އެތުލެޓިކޯ މެޑްރިޑް 1-0އިން ބަލިކުރީ ފުރަތަމަ ހާފު ނިމެން އުޅެނިކޮށް ބުކާޔާ ސަކާ ޖެހި ލަނޑުންނެވެ. ފުރަތަމަ މެޗު އެތުލެޓިކޯ ދަނޑުގައި ކުޅެ ނިމުނީ 1-1އިން އެއްވަރުވެގެންނެވެ.
ހަންގެރީގެ ވެރިރަށް ބުޑަފެސްޓްގައި މި މަހު 30ގައި އޮންނަ ފައިނަލްގައި އާސެނަލް ވާދަކުރާނެ ޓީމެއް އެނގޭނީ ބަޔާން މިޔުނިކާއި އެންމެ ފަހުގެ ޗެމްޕިއަން ޕީއެސްޖީ ކުޅޭ ދެވަނަ ސެމީ ފައިނަލް މެޗުގެ ނަތީޖާއިންނެވެ. ފުރަތަމަ ލެގު 5-4 އިން ކާމިޔާބުކުރީ ޕީއެސްޖީ އެވެ.
ޗެމްޕިއަންސް ލީގު ފައިނަލްގައި މީގެ ކުރިން އާސެނަލް ކުޅުނީ ވެސް ހަމައެކަނި 2006ގަ އެވެ. ޕެރިހުގައި ކުޅުނު ފައިނަލް މެޗުން ބާސެލޯނާ އަތުން އާސެނަލް 2-1އިން ބަލިވީ މެޗުގެ 18 ވަނަ މިނިޓްގައި ކީޕަރު ޖެންސް ލެމަންއަށް ރަތް ކާޑު ދެއްކުމުން މެޗުގެ ބޮޑު ބައި 10 ކުޅުންތެރިންނާ އެކު ކުޅެނިކޮށެވެ.
އެއީ ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ލަންޑަންގެ ކްލަބެއް ކުޅުނު ފުރަތަމަ ފަހަރު ވެސް މެ އެވެ.
އޭގެ ފަހުން ފައިނަލަށް ދިއުމުގެ ފުރުސަތު އެންމެ ބޮޑުވީ މިދިއަ އަހަރު އެވެ. އެކަމަކު ސެމީ ފައިނަލްގައި ޕީއެސްޖީ އަތުން ބަލިވެ ކެޓީ އެވެ.
މިފަހަރުގެ ޗެމްޕިއަންސް ލީގުގައި އެއްވެސް މެޗަކުން ބަލިނުވާ ހަމައެކަނި ޓީމަކީ ވެސް، މިކޭލް އާޓެޓާގެ އާސެނަލް އެވެ. އެހެެންކަމުން މިއީ ލަންޑަންގެ ތާރީހީ ކްލަބަށް ވަރަށް ހާއްސަ އަހަރަކަށް ވުން ވެސް ކައިރި އެވެ.
ޗެމްޕިއަންސް ލީގުގެ ފައިނަލުން ޖާގަ ހޯދުމުގެ އިތުރުން މިވަގުތު އާސެނަލް އޮތީ އިނގިރޭސި ޕްރިމިއަ ލީގުގެ ތާވަލްގެ ވެސް އެއްވަނައިގަ އެވެ. ކުރިއަށް އޮތް އެންމެ ފަހު ތިން މެޗުން މޮޅުވެއްޖެ ނަމަ، 22 އަހަރުގެ ތެރޭގައި ފުރަތަމަ ފަހަރަށް، ޕްރިމިއަ ލީގުގެ ޗެމްޕިއަނުންނަށް ވެސް އާސެނަލް ވާނެ އެވެ.
އާސެނަލް 20 އަހަރު ފަހުން ޗެމްޕިއަންސް ލީގު ފައިނަލަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ