ސުލްހަވެރިކޮށް ވެރިކަން ބަދަލުކުރާ ގޮތް މުޅި ދުނިޔެއަށް އެމްޑީޕީން ކިޔައިދޭން ޖެހޭ: ނަޝީދު

ބޮންނާޅާ އަދި ސުލްހަވެރިގޮތުގައި ވެރިކަން ބަދަލުކުރެވިދާނެ ގޮތް މުޅި ދުނިޔެއަށް އެމްޑީޕީން ކިޔައިދޭން ޖެހޭ ކަމަށް ކުރީގެ ރައީސް އަދި އެ ޕާޓީގެ ޗެއާޕާސަންކަމަށް ކުރިމަތިލައްވާފައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ތަފްސީލް - މިރޭ ބޭއްވި ކެމްޕޭންގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން އެމަނިކުފާނު ވަނީ، ވެރިކަން ބަދަލުކުރުމުގައި އެމްޑީޕީއިން ދުނިޔެއަށް ނަމޫނާ ދެއްކޭނެ ކަމަށް ވިދާޅުވެފަ އެވެ.
"އަޅުގަނޑު ގާތު، އެތައް ތަނެއްގައި މީހުން އެބަ ބުނޭ ތި ވާހަކަ ދައްކަބަލާށޭ...އެމްޑީޕީން ކުރަން އަޅުގަނޑު ހިތަށް ވަންނަ ކަމެއް މިއީ، ދުނިޔެއަށް އެހީތެރިވެދިނުން،" އެމަނިކުފާނު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ ހުދުމުހުތާރު ވެރިކަމެއް ނައްތާލަން ކުރަން ޖެހޭ ކަމަކީ އެތަނަކަށް ބޮންއެޅުން ކަމަށް ބައެއް ބޮޑެތި ގައުމުތަކަށް ހީވާ ކަމަށާއި އެކަމަކު ބޮންނާޅާ ވެސް ވެރިކަން ބަދަލުކުރެވޭނެކަން ރާއްޖެއިން ސާބިތުކޮށްދީފައިވާ ކަމަށެވެ. އެހެންވެ، ސުލްހަވެރި ސިޔާސީ ހަރަކާތެއް ހިންގައިގެން، ރާއްޖެއިން ކުރި އެ ތަޖުރިބާ އެހެން ގައުމުތަކަށް ކިޔައިދެވިދާނެ ކަމަށް ވިދާޅުވި އެވެ.
"ބޮމެއް ހަދަން އެބަދޭ 1 މިލިޔަން ޑޮލަރު. ސިޔާސީ ޕާޓީއެއް ހަދަން ނުދޭ ލައްކަ ޑޮލަރު ވެސް. [އެހެންވެ] މި މަސައްކަތް މުޅި ދުނިޔޭގައި ވެސް ކުރެވެން އެބައޮތް،" ނަޝީދު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ރާއްޖެއަށް މިހާރު ބޭނުންވަނީ ބޮޑު ބަދަލެއް ކަމަށެވެ. އެއީ ގާނޫނުއަސާސީއަށް ގެންނަންޖެހޭ ބަދަލުތަކުގެ އިތުރުން، މީހާގެ ވިސްނުމާއި އަހުލާގާއި ސުލޫކަށް ގެންނަން ޖެހޭ ބަދަލު ކަމަށާއި އެ ބަދަލުތައް ގެނެވޭނީ އެމްޑީޕީއަށް ކަމަށް ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވި ގޮތުގައި އެމްޑީޕީގެ ހިންގުމާ ހަވާލުވުމަކީ އެމަނިކުފާނު ވަރަށް އެދިވަޑައިގަންނަވާ ކަމެކެވެ. އަދި 2028 އަހަރު އަނެއްކާވެސް އެމްޑީޕީގެ ވެރިކަމެއް އޮތުމަށް ބޭނުންވެވަޑައިގަންނަވާ ކަމަށާއި އެމަނިކުފާނު ޗެއާޕާސަންއަކަށް ހުންނަވައިގެން އެކަން ކުރެއްވޭނެ ކަމަށް ވިދާޅުވި އެވެ.
"އެއީ އެމްޑީޕީ ވަރަށް ރަނގަޅަށް ދަންނަ މަސައްކަތެއް. އެމްޑީޕީގެ ޗެއާޕާސަނަކަށް ހުރެ އެ މަސައްކަތް، އެ ދަތުރު އެންމެން އެކުގައި ކުރެވޭނެ. އަދި ކާމިޔާބު ވެސް ވާނެ،" ނަޝީދު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ