ޖަލުގެ ހާލަތު ބެލުމަށް ފަހު އެޗްއާރުސީއެމުން ނެރުނު ރިޕޯޓާ ގުޅޭގޮތުން ބައެއް މީޑިއާތަކުން ހަބަރު ގެނެސްދީފައިވަނީ އޭގެ މާނަ އޮޅޭ ގޮތަށް ކަމަށް ފުލުހުން ބުނެފި އެވެ.
ވީ ކިހިނެއް؟ - ބައިނަލްއަގްވާމީ އެންޓި-ޓޯޗާ މުއާހަދާގެ ދަށުން އެޗްއާރުސީއެމުން ކޮންމެ އަހަރަކު ވެސް ޖަލުތަކަށް ޒިޔާރަތްކޮށް އެތަންތަނުގެ ހާލަތު ބަލައި، 'ނޭޝަނަލް ޕްރިވެންޓިވް މެކޭނިޒަމް'އާ ގުޅޭގޮތުން ރިޕޯޓެއް ނެރެ އެވެ.
މިދިޔަ އަހަރުގެ މި ރިޕޯޓާ ގުޅޭގޮތުން ބައެއް މީޑިއާތަކުން ބުނީ:
ޖަލުގެ އޮފިސަރުންނަށް ނުކިޔަމަންތެރިކަން ދައްކާ ގައިދީންނަށް ފިޔަވަޅުއެޅުމުގެ ގޮތުން އެ ގައިދީންގެ އަތާއި ފައިގައި ބިޑި އެޅުވުމަށް ފަހު، ވަރަށް ހޫނުވާ ސަރަހައްދެއްގައި އެކަހެރި ކޮށްފައި ބައިތިއްބާ މައްސަލަ އެޗްއާރުސީއެމުން ފާހަގަކޮށްފައިވާ ކަމަށް
އަދި ފުލުހުންގެ ބަންދުގައި ތިބޭ މީހުން ބައިތިއްބާ ދޫނިދޫ ޖަލުގައި އޮފިސަރުންގެ އަމުރުތަކަށް ނުކިޔަމަންތެރިވާ ހާލަތްތަކުގައި ގައިދީން ބިޑި އަޅުވައި، އެހެން މީހުންނާ ވަކިން ގޮޅިން ބޭރުގައި ބައިތިއްބާތީ އެކަމާ ކަންބޮޑުވުން ފާޅުކޮށްފައިވާ ކަމަށް
މިކަމާ ގުޅޭގޮތުން ފުލުހުން ނެރުނު ނޫސް ބަޔާނެއްގައި ބުނީ ބައެއް މީޑިއާތަކުން ހަބަރު ގެނެސްދިނުމުގައި ބޭނުންކޮށްފައިވާ ބަސްމަގާއި މާނަކޮށްފައިވާ ގޮތުން ކަންބޮޑުވާ ކަމަށެވެ. އެތަނުން ބުނީ:
ހަބަރުތައް ގެނެސްދީފައިވަނީ، ރިޕޯޓުގެ އަސްލު މަގްސަދާއި އޭގައި ބަޔާންކޮށްފައިވާ ކަންކަމުގެ ފުންމިނަށް ބެލުމެއްނެތި ކަމަށް
އަދި މުއައްސަސާތަކަށް ކުރިމަތިވެފައިވާ ވަސީލަތްތަކާއި އޮޕަރޭޝަނަލް ގޮންޖެހުންތަކަށް ރިއާޔަތްނުކޮށް ކަމަށް
"އާންމުންނަށް ސައްހަ މައުލޫމާތު ފޯރުކޮށްދިނުމުގައި ކަންކަމުގެ އަސްލަށް ވާސިލުވެ، ޒިންމާދާރުކަމާއެކު ހަބަރު ފެތުރުމަކީ ނުހަނު ބޭނުންތެރި ކަމެކެވެ،" ފުލުހުންގެ ބަޔާނުގައި ބުނެފައި ވެ އެވެ.
އެ ބަޔާނުގައި ބުނިގޮތުގައި މުއައްސަސާތަކުގެ ޒިންމާދާރުކަން އިތުރުކުރުމާއި ދެފުށްފެންނަ ގޮތަށް ކަންކަން ހިންގުމާއި އިންސާނީ ހައްގުތައް ހިމާޔަތް ކުރުމުގައި މިނިވަން މުއައްސަސާތަކުން އަދާކުރާ ދައުރު އެތަނުން ބަލައިގަނެ އެވެ. ހާއްސަކޮށް، އިންސާނިއްޔަތާ ހިލާފު އަދަބު ދޭތޯ ބެލުމަށް ހިންގާ މޮނިޓަރިންގެ މަސައްކަތްތައް ފާހަގަކުރާ ކަމަށް ބުނެފައި ވެ އެވެ.
އެތަނުން ބުނިގޮތުގައި:
އެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަމަކީ މުޅި ނިޒާމަށް އަމާޒުކޮށްފައިވާ އަދި ވަކި މުއައްސަސާއަކަށް އެކަނި ދިމާވެފައިވާ ގޮންޖެހުންތަކެއް ނޫން
އަދި އޭގައި ހިމެނޭ ހޯދުންތަކަކީ ކަންކަން އިސްލާހުކުރުމަށް ދީފައިވާ އިރުޝާދުތަކަކާއި ލަފާތަކެއް
އެއީ ގާނޫނީ ގޮތުން ކުށެއް ނުވަތަ ނުރަނގަޅު އަމަލެއް ހިންގާފައިވާކަން ކަނޑައަޅާ ނިންމުންތަކެއް ނޫން
މީޑިއާއިން އެޗުއާރުސީއެމްގެ ރިޕޯޓުގެ ހަބަރު ގެނެސްދިން ގޮތް ގޯސް ކަމަށް ފުލުހުން ބުނެފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ