ބަޣާވާތް ރާވަމުންދިޔަ މީހުންގެ ތަހުގީގަށް ހުރަސް އެޅީ އަބްދުﷲ ގާޒީ - ނަޝީދު

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ރާއްޖޭގައި ބަޔަކު މީހުން ބަޣާވާތެއް ރާވަމުންދިޔަ އިރުގައި ފުލުހުންނަށާއި ސިފައިންނަށް އެ ތަހުގީގުވިޔަ ނުދީ އެ ތަހުގީގަށް ހުރަސް އެޅުއްވި ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓު މުހައްމަދު ނަޝީދު ތުހުމަތުކުރައްވައިފި އެވެ.
ރޭ ޏ.އަތޮޅު ތައުލީމީ މަރުކަޒުގައި ބޭއްވި އެމްޑީޕީގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އަބްދުﷲ ގާޒީ ތަހުގީގަށް ހުރަސް އަޅުއްވާތީ އަބްދުﷲ ގާޒީއަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށް އޭރުގެ ޕޮލިސް ކޮމިޝަނަރ އަހުމަދު ފަސީހު ވިދާޅުވެފައިވާ ކަމަށެވެ.
"އަބްދުﷲ މުހައްމަދު ކުރައްވަމުން ގެންދެވި ކަމަކީ ރާއްޖޭގައި ބަޔަކު މީހުން ބަޣާވާތެއް ރާވަމުންދިޔަ އިރުގައި ފުލުހުންނަށާއި ސިފައިންނަށް އެ ތަހުގީގުވިޔަ ނުދީ އެ ތަހުގީގަށް ހުރަސް އެޅީ. އެހެންވެގެން ފުލުހުންގެ ވެރިޔާ ޗީފް އޮފް ޕޮލިސް ވިދާޅުވަމުން ގެންދެވީ އޭނާއަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެކޭ." ނަޝީދު ވިދާޅުވި އެވެ.
އެމަނިކުފާނު ރޭ ވެސް ވިދާޅުވީ އަބްދުﷲ މުހައްމަދު އެއްކައިރި ކުރާން ޖެހުނީ އޭރުގެ ފުލުހުންގެ ވެރިޔާ، ޗީފް އޮފް ޕޮލިސް އަހުމަދު ފަސީހާއި ޗީފް އޮފް ޑިފެންސް ފޯސް މޫސާ އަލީ ޖަލީލު، މިނިސްޓަ އޮފް ހޯމް އެފެއާޒް، މިނިސްޓަ އޮފް ޑިފެންސްގެ ނަޒަރުގައި ދިވެހިރާއްޖޭގެ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށް އެމަނިކުފާނު އަރިހު ތަކުރާރުކޮށް ވިދާޅުވުމުން ކަމަށެވެ.
"އޭރުގެ ފުލުހުންގެ ވެރިޔާ، ޗީފް އޮފް ޕޮލިސް އަހުމަދު ފަސީހާއި ޗީފް އޮފް ޑިފެންސް ފޯސް މޫސާ އަލީ ޖަލީލު، މިނިސްޓަ އޮފް ހޯމް އެފެއާޒް، މިނިސްޓަ އޮފް ޑިފެންސް، މިއެންމެ ބޭފުޅުންގެ ނަޒަރުގައި މި ދަންނަވާ ފަނޑިޔާރަކީ ދިވެހިރާއްޖޭގެ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށް އަޅުގަނޑު ގާތުގައި ތަކުރާރުކޮށް ވިދާޅުވީމަ، އަބަދުވެސް އަޅުގަނޑު ދަންނަވަމުން ގެންދިޔައީ އެ ބާވަތުގެ ކަމެއްގައި ގައުމީ ސަލާމަތަށް ނުރައްކަލެއް ހުރެގެން ހިންގާ ކަންކަމުގައި ކުރާ ގޮތަށް އަވަހަށް ބާރަށް އަމަލުކުރަމުން ގެންދަވާށޭ،" ނަޝީދު ވިދާޅުވި އެވެ.
"އެކަންކަން އަޅުގަނޑުމެންނަށް ރަނގަޅަށް ނުވި ކަމުން ފަހުން އައިސް ގައުމީ ސަލާމަތަށް ނުރައްކާވެ، މި ރާއްޖެ ބާޣާވާތަކަށް ވެއްޓިގެން ދިޔައީ. އަޅުގަނޑު ކުޑަކޮށް ވެސް ދެރައެއް ނުވޭ. އެއީ އެ ދުވަހު އަޅުގަނޑުމެންނަށް ކުރަން ޖެހިފައި އޮތް ކަމެއް. ހަގީގަތުގައި އެކަން ރަނގަޅަށް ނުކުރެވުނީތީވެ ރާއްޖޭގައި ބަޣާވާތް އުފެދުނީ،" ނަޝީދު އިތުރަށް ވިދާޅުވި އެވެ.
ފުއްމުލަކުގައި ރޭ ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނުގެ މައްޗަށްޕްރޮސެކިއުޓާ ޖެނެރަލް އުފުލާފައިވާ ދައުވާގެ ތެރެއިން އެ މަނިކުފާނު ޖަލަށް ނުލެވޭނެ ކަމަށާއި ޖީއެމްއާރާއި އެގްރިމެންޓް އުވާލައި، ރާއްޖެއިން އެ ކުންފުނިން ފޮނުވައި ވެސް ނުލެވޭނެ ކަމަށެވެ.
ރޭގެ ޖަލްސާ ގައި ރައްޔިތުންގެ މމަޖލީހާއި ރައްޔިތުންގެ ޚާއްސަ މަޖިލީހުގައި އެމްޑީޕީގެ މެންބަރެއްގެ ގޮތުގައި މަސައްކަތްކުރެއްވި މުޙައްމަދު އިބްރާހީމް ދީދީ (މޮޑީ) ވަނީ އަލުން އެމްޑީޕީއާ ގުޅިވަޑައިގެންފައެވެ.
އެމްޑީޕީއަށް އަލުން ސޮއިކުރެއްވުމަށް ފަހު މޮޑީ ވިދާޅުވީ އެމްޑީޕީއަށް އަލުން ސޮއިކުރެއްވީ ރާއްޖޭގައި އޮތް ހަމައެކަނި ޑިމޮކްރެޓިކް ޕާޓީގެ މެންބަރަކަށް އަލުން ވުމަށްޓަކައި ކަމަށެވެ. ރައީސް ނަޝީދު ވިދާޅުވީ މޮޑީއަކީ އެމްޑީޕީ ވުޖޫދަށް ގެނައުމަށް ބުރަކޮށް މަސައްކަތްކުރެއްވި ބޭފުޅެއް ކަމަށާއި، މޮޑީއަށް އެމަނިކުފާނު މަރުހަބާ ވިދާޅުވަނީ “އުފަލާއި، ހިނިތުންވުމާއި އެކު،” ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ