ދުބާއީގެ އެޑްރެސް ހޮޓަލުގައި އަލިފާން ރޯވީ ކަރަންޓު މައްސަލައެއްގެ ސަބަބުން- ޔޫއޭއީ ފުލުހުން

އައު އަހަރު ފާހަގަކުރުމަށް ތައްޔާރުވެފައިވަނިކޮށް ދުބާއީގެ އެޑްރެސް ހޮޓަލުގައި ނުރައްކާތެރި އަލިފާނުގެ ޙާދިސާއެއް ހިނގަން މެދުވެރިވީ ދިމާވި ކަރަންޓު މައްސަލައެއްގެ ސަބަބުންކަމަށް ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ފުލުހުންގެ ވެރިޔާ މޭޖަރ ޖެނެރަލް ޚާމިސް އަލް މުޒެއިނާ ވިދާޅުވެއްޖެއެވެ.
މުޒެއިނާ މިހެން ވިދާޅުވެފައިވަނީ ފޭސްބުކްގައި އޭނާ ޕޯސްޓް ކުރި ސްޓޭޓަސްއެއްގައެވެ. މީގެ އިތުރުން އޭނާ ވިދާޅުވީ އެ ހޮޓަލުގައި އަލިފާން ހިފާފައިވަނީ ހޮޓަލުގެ 14 ވަނަ ފަންގިފިލާގައިކަން ތަހުޤީޤުން ކަށަވަރުވެފައިވާ ކަމަށެވެ.
މުޒެއިނާ ވިދާޅުވިގޮތުގައި ފޮރެންސިކް ތަހުލީލުތަކުން ޙާދިސާ ހިނގިތަނުން ތެޔޮ ފަދަ އަލިފާން ހިފާ ޒާތުގެ އެއްވެސް އެއްޗެއް ފެނިފައި ނުވާކަމަށެވެ.
މަޝްހޫރު ލަގްޒަރީ ހޮޓަލެއް ކަމުގައިވާ އެޑްރެސްގައި އަލިފާން ރޯވުމުގެ ސަބަބުން އިމާރާތުގެ ބޮޑު ބަޔަކަށްވަނީ ގެއްލުން ވެފައެވެ.  މި ޙާދިސާގައި އެތައް ސަތޭކަ ބަޔަކުވަނީ ސަލާމަތްވެސް ކޮށްފައެވެ.
މި ޙާދިސާގެ ސަބަބުން އެއްވެސް މީހަކު މަރުވެފައި ނުވި ނަމަވެސް އެކަކަށްވަނީ ހާޓް އެޓޭކެއް ޖެހިފައެވެ. މީގެ އިތުރުން ބައެއް މީހުންނަށް އެކިވަރުގެ ޒަޚަމްތައް ލިބިފައެވެ.
ހޮޓެލް އެޑްރެސް ހުންނަނީ ދުނިޔޭގެ އެންމެ އުސް އިމާރާތް ބުރުޖް ޚަލީފާއާއި ދާދި ކައިރީގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ