"ބޮނދައިގެން" ރައީސް ޔާމީންގެ ގެކޮޅަށް ޢަބްދުﷲ ގާޒީ ވަންނަންވީ ސަބަބެއް ނެތް - ރޮޒެއިނާ

ރޭގެ ވަގުތެއްގައި ކްރިމިނަލް ކޯޓްގެ އިސް ގާޒީ ޢަބްދުﷲ މުޙައްމަދު، ރައިސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީންގެ ގެކޮޅަށް "ބޮނދަބޮނދައިގެން" ވަންނަންވީ ސަބަބެއް ނެތް ކަމަށް އައްޑޫ މީދޫ ދާއިރާގެ މަޖިލިސް މެންބަރު ރޮޒެއިނާ އާދަމް ވިދާޅުވެއްޖެއެވެ.
މިއަދު ހަވީރު ކުރީގެ ރައީސް މުހައްމަދު ނަޝީދު ދޫކޮށްލުމަށް ގޮވާލައި އެމްޑީޕީއިން މާލޭގެ މަގުތަކުގައި ބޭއްވި ހިނގާލުމުގައި ވާހަކަ ދައްކަވަމުން ރޮޒެއިނާ ވިދާޅުވީ ރައީސް ޔާމީން، ޢަބްދުﷲ ގާޒީއާ ބައްދަލުކުރެއްވި ސަބަބެއް ރައްޔިތުންނަށް ސާފުކޮށްދޭންޖެހޭނެ ކަމަށާއި ދަންވަރު ގަޑީގައި ޢަބްދުﷲ ގާޒީ، ރައީސް ޔާމީންގެ ގެކޮޅުގައި ކުރައްވަން ޖެހޭނެ ކަމެއް ނޯންނާނެ ކަމަށެވެ.
"ދަންވަރު ބޮނދަބޮނދައިގެން ކޯޓެއްގެ ގާޒީއަކާ ރައީސް ޔާމީން ބައްދަލު ކުރެއްވުމަކީ ރާއްޖޭގެ ޝަރުއީ ދާއިރާގައި މިނިވަން ކަމެއް އިންސާފެއް ނެތްކަން ހާމަކޮށް ދޭ،" ރޮޒެއިނާ ވިދާޅުވިއެވެ.
ރައީސް ޔާމީން ފަނޑިއާރު ގެއަށް އަތް ނުބާނާ ކަމަށް ވިދާޅުވި ނަމަވެސް ރޭގައި ފެނިގެން ދިޔައީ ފަނޑިޔާރު ގެތަކަށް އަތް ބޭނުމަށް ރައީސް މަސައްކަތްޕުޅު ކުރައްވާތަން ކަމަށް ރޮޒެއިނާ ވިދާޅުވިއެވެ.
ކޮން ކަމެއްތޯ ޢަބްދުﷲ ގާޒީ ކުރަން އޮންނާނީ ދަންވަރު ދަޅައިގައި ޔާމީނުގެ ގޭގައި، އަޅުގަނޑަކަށް ހަމަ އެެއްގޮތަކަށް ވެސް ނުފެނޭ ކްރިމިނަލް ކޯޓްގެ ފަނޑިޔާރަކު ރައީސް ޔާމީންގެ ގެއަށް ދަންވަރު ވަދެގެން ކުރަން ޖެހޭނެ ކަމެއް،" ރޮޒެއިނާ ވިދާޅުވިއެވެ.
ރޮޒެއިނާ ވިދާޅުވީ ގާޒީއަކާއި ރައީސް ބައްދަލުކުރައްވަން ބޭނުންނަމަ އެކަން ކުރައްވަން ޖެހޭނީ ރަސްމީ ގަޑީގައި އޮފީހުގައި ކަމަށާއި ދަންވަރު ގަޑީގައި ގާޒީ ގެކޮޅަށް ވައްދައިގެން ކުރައްވާނެ ކަމެއް ނޯންނާނެ ކަމަށެވެ.
"ރައްޔިތު އެންމެންނަށް އެނގިގެން، އެންމެންގެ ކުރިމަތީގައި ރައީސް އޮފީހުގަ ރަސްމީ ގަޑީގައި ރީތިކޮށް ބައްދަލުކުރަން ވެއްޖިއްޔާ ކުރާނީ،" ރޮޒައިނާ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ