އާ ގާނޫނު އަސާސީ އަކީ ރައީސް މައުމޫން ގެނެސްދެއްވި އެއްޗެއް: އާދަމް މަނިކު

ވަރަށް ފުރިހަމަ ގާނޫނު އަސާސީއެއް ރައްޔިތުންނާ ހަމައަށް ގެނެސްދެއްވި ބޭފުޅަކީ ކުރީގެ ރައީސް މައުމޫން އަބަދުލްޤައްޔޫމް ކަމަށާއި އެކަމުގެ އަގު ދިވެހިން ވަޒަން ކުރަން ޖެހޭނެ ކަމަށް އެމްޑީޕީގެ ގައުމީ މަޖިލިސްގެ މެމްބަރު އަދި މާލޭ ސިޓީ ކައުންސިލްގެ މެންބަރު އާދަމް މަނިކު (ސަރަނގު) ވިދާޅު ވެއްޖެ އެވެ.
ސަން އޮންލައިނަށް މިއަދު ދެއްވި އިންޓަވިއުއެއްގައި އާދަމް މަނިކު ވިދާޅުވީ ރައީސް މައުމޫނު ވެރިކަން ކުރެއްވި ގޮތަށް ފާޑު ކިޔެން ނެތް ކަމަށާއި އެއީ އޭރުގެ ގާނޫނު އަސާސީ އޮތް ގޮތުން ހާލަތު ނިޔާކުރި ގޮތް ކަމަށެވެ. އޭނާ ވިދާޅުވީ މައުމޫނު ވެސް ރާއްޖޭގެ ވެރިކަން ކުރެއްވީ ރައްޔިތުންގެ ފުރިހަމަ ތާއީދާ އެކު ކަމަށާއި އެމަނިކުފާނުގެ އަގުހުރި ޚިދުމަތްތައް ރައްޔިތުން ބަލައިގަންނަން ޖެހޭނެ ކަމަށެވެ.
"އަޅުގަނޑު ވެސް މައުމޫނު އިރު ޖަލަށްލީ ވައިޓް ޝާކޭ ކިޔާފައި. އެހެންނަމަވެސް އެއީ އޭރުގެ ސިޓުއޭޝަން [ހާލަތު] އޮތް ގޮތް. އެކަމާ ބެހޭ ގޮތަކުން އަޅުގަނޑުމެން ނުޖެހޭ މައުމޫނު ފަހަތުން ދުވާކަށް. ސަބަބަކީ އެއީ އޭރު އޮތް ގާނޫނު. ރައީސް މައުމޫނު ވެސް ހޮވިވަޑައިގަތީ ރައްޔިތުންގެ ވޯޓުން. އެމަނިކުފާނު ނޫންތޯ އަޅުގަނޑުމެން މިދެކޭ ގާނޫނު އަސާސީ ވެސް ގެނެސްދެއްވީ. އެހެންވީމާ ވަރަށް ގިނަ ކަންތައްތަކެއް އެބަހުރި ކޮށްދެއްވާފައި. އަޅުގަނޑުމެންނަށް އަސްލު މިވާ ގޮތަކީ ކިރިޔާ ކަމެއްވާއިރަށް ވެސް އެ ކޮށްދީފައި ހުރި ހުރިހާ ރަނގަޅު ކަމެއް ވެސް ފޮހެލަނީ، މީނޫންތޯ ހާލަކީ،" އާދަމް މަނިކު ވިދާޅުވި އެވެ.
އާދަމް މަނިކު މީޑިއާގައި ވާހަކަފުޅު ދައްކަމުން ވިދާޅުވެފައި ވަނީ ސިޓީ ކައުންސިލްގައި ހުންނަވައިގެން މއ. ކިނިބިގަސްދޮށުގެ ދައުލަތަށް ނަގަން މަސައްކަތް ކުރެއްވީ ވެސް ސިޔާސީ ޖަޒުބާތުގައި ޖެހިވަޑައިގެން އިންނަވައިގެން ކަމަށެވެ. އަދި އެ ދުވަހު ވޯޓަށް އަތް ނުނަނަގާ ކަން ރައީސް މައުމޫނަށް ވެސް އެނގިވަޑައިގަންނަވާނެ ކަމަށް ވެސް ވިދާޅުވެފައިވެ އެވެ.
އާދަމް މަނިކު މިއަދު ސަން އަށް ދެއްވި އިންޓަވިއުގައި ރައީސް ވަހީދަށް ވެސް ވަނީ ވަރަށް ބޮޑަށް ތައުރީފް ކުރައްވައި ވާހަކަފުޅު ދައްކަވައިފަ އެވެ. އޭނާ ވިދާޅުވީ މުހައްމަދު ވަހީދު ހަސަން މަނިކަކީ މަޝްވަރާގެ ރިވެތި އުސޫލުން މަސައްކަތް ކުރައްވާ ކަންކަން ތަންފީޒު ކުރެއްވުމުގައި ވަރަށް ގާބިލު ބޭފުޅެއް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ