ރައީސް ނަޝީދުގެ މައްސަލަ ހިފައިގެން އުމަރު ޕީޖީއަށް!

ދިވެހިން މަސްތުވާތަކެތި ބޭނުން ކުރުމަށް ހިތްވަރު ލިބޭ ގޮތަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވާހަކަ ދައްކަވާފައިވާ ކަމަށް ވިދާޅުވެ ރައީސްގެ މައްޗަށް ދަޢުވާ ކޮށްދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އަށް އުމަރު ނަސީރު މައްސަލަހުށަހަޅުއްވައިފި އެވެ.
ރައީސް ނަޝީދު ދައްކަވާފައިވާ ވާހަކަތައް ކުށްވެރިކޮށް އުމަރު ނަސީރު ޕީޖީ އަށް ފޮނުއްވެވި ސިޓީގެ ކޮޕީ އާއި އަދި ރައީސް ތަފާތު މުނާސަބަތުތަކުގައި މަސްތުވާތަކެއްޗާ ބެހޭ ގޮތުން ދައްކާވާފައި ހުރި ވާހަކަތަކުގެ ކޮޕީ ސަން އަށް ވެސް ވަނީ އުމަރު ފޮނުއްވައިފަ އެވެ.
ޕްރޮސެކިއުޓާ ޖެނެރަލް އަހުމަދު މުޢިއްޒަށް އުމަރު ނަސީރު ފޮނުއްވާފައިވާ އެ ސިޓީގައި އުމަރު ވިދާޅުވެފައި ވަނީ ގައުމުގެ ވަލިއްޔުލް އަމުރުގެ މަގާމުގައި ހުންނެވި ބޭފުޅަކު ގާނޫނުގައި މަސްތުވާ އެއްޗެތި ކަމަށް ބަޔާންކޮށްފައިވާ ބާވަތްތަކުގެ ތެރެއިން ބާވަތެއްގެ މަސްތުވާތަކެތި ބޭނުން ކުރުމަށް ހިތްވަރު ލިބޭ ގޮތަށް ރައީސް ވާހަކަފުޅު ދެއްކެވުމަކީ އެ އެއްޗެހި އިތުރަށް ފެތުރި، މަސްތުވާތަކެއްޗަށް ދެވިހިފާފައި ތިބި މީހުންނަށް އެއްޗެހި ބޭނުން ކުރުމަށް ލިބޭ ހިތްވަރެއް ކަމަށެވެ.
މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ކުދިންނަށް އަޅާލަން ޖެހޭނެ ކަމަށާއި އެ ވަބާއިން ސަލާމަތްވުމަށްޓަކައި އެ ކުދިން ބޭނުންވާ ގޮތަށް "ބޮވެން ޖެހޭނެ" ކަމަށާއި "ބޯން އެބަ ޖެހޭ" ކަމަށް މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތްކުރާ ބައިނަލްއަޤްވާމީ ދުވަހާ ދިމާކޮށް، މަސްތުވާތަކެތިން ސަލާމަތްވުމަށް އެހީވެދޭ ޓެލެފޯން ނަންބަރު އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވެ، "ބާރުގަދަ ޑްރަގްސް" އަށް ހުޅުވޭ ދޮރުތައް ބަންދު ކުރައްވާނެ ކަމަށް ވިދާޅުވުމުން ދޭހަވަނީ ބާރު ގަދަ ނޫން މަސްތުވާތަކެތި ބޭނުން ކުރުމަށް އެމަނިކުފާނު ހިތްވަރުދެއްވުން ކަމަށް ވެސް އެ ސިޓީގައިވެ އެވެ. އަދި އެއީ އިސްލާމްދީނުގައި މަނާކުރައްވާފައިވާ ކަމެއް ކުރާ ފަރާތްތަކަށް ގާނޫނުގައިވާ އަދަބު ދިނުމުގެ މާބޮޑު ޝައުގުވެރި ކަމެއް ނެތުންކަން އެ ވާހަކަތަކުން ހާމަވާ ކަމަށް ވެސް ބުނެފައިވެ އެވެ.
އުމަރުގެ ސިޓީގައި ރައީސް މީޑިއާގައި އެފަދަ ވާހަކަތަކެއް ދައްކަވާ އިރު ގާނޫނީ ގޮތުން ފިޔަވަޅު ނާޅާ ތިބުމަކީ މުޅި ދަޢުލަތުގެ ކަރާމާތް ގެއްލި ރައްޔިތުންނަށް ހެޔޮ ނުބައި އޮޅިގެން ދިއުން ކަމަށް ވެސް އެ ސިޓީގައި ވިދާޅުވެފައިވެ އެވެ.
ރައީސް ނަޝީދު ވެރިކަމަށް ވަޑައިގަތުމުގެ ކުރިންނާއި ފަހުން ވެސް މަސްތުވާތަކެތި ބޭނުން ކުރުމަށް ހިތްވަރު ލިބޭ ގޮތަށް ރައީސް ދައްކަވާފައިވާ ވާހަކަފުޅުތަކުން ހިތްވަރު ލިބިގަނެ އެތައް ބަޔަކު މަސްތުވާތަކެއްޗަށް ދެވި ހިފާފައިވާނެ ކަމަށް އެ ސިޓީގައި އުމަރު ތުހުމަތު ކުރައްވާފައިވެ އެވެ. އަދި މަސްތުވާތަކެތި ވިއްކާ މީހުން އިތުރުވެ، އެ ވިޔަފާރި އިތުރަށް ފުޅާވެފައިވާ ކަމަށް ވެސް އުމަރުގެ ސިޓީގައި ވަނީ ވިދާޅުވެފަ އެވެ.
ޕީޖީ އަށް އުމަރު ފޮނުއްވި ތިން ސޮފްހާގެ ސިޓީގައި އިސްލާމް ދީނުގައި މަސްތުވާތަކެއްޗާ ބެހޭ ގޮތުން އައިސްފައި ހުރި ވަހީ ބަސްފުޅުތަކަށް އިޝާރާތްކޮށް ބުނެފައި ވަނީ އިސްލާމްދީނުގެ އެއްވެސް އަސްލަކާ ޚިލާފުވުމަކީ ރައީސުލްޖުމްހޫރިއްޔާ އޭނާގެ މަގާމުން ވަކި ކުރެވޭނެ ކަމެއް ކަމަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގެ 100 ވަނަ މާއްދާ ބުނާ ކަމަށެވެ. އަދި ގާނޫނުގެ ކުރިމަތީގައި އެންމެންނަކީ ވެސް ހަމަހަމަ ބައެއް ކަމަށް ބުނެފައިވާ އިރު ގައުމުގެ އެންމެ އިސްވެރިޔާ މަސްތުވާތަކެތި ބޭނުން ކުރުމަށް ހިތްވަރު ލިބޭ ގޮތަށް އެއްފަހަރަށް ވުރެ ގިނަ ފަހަރު މީޑިއާ މެދުވެރިކޮށް ވާހަކަ ދައްކަވާއިރު ޕީޖީ ހަނު ހުންނެވުމަކީ ކުރެއްވޭނެ ކަމެއް ނޫން ކަމަށެވެ.
އަދި ރާއްޖޭގައި ހިނގާ ޖިނާއީ ކުށްތަކާ ގުޅިގެން ދައުލަތުގެ ފަރާތުން ދައުވާ ކުރުމަކީ ޕީޖީގެ ޒިންމާ އެއްކަމަށް ވެފައި އިތުރު ތަހުގީގަކާ ނުލާއި ޝަރީއަތަށް ފޮނުވޭވަރުގެ ކާފީ ހެކި ހުރުމާ އެކު ޕީޖީގެ ޒިންމާގެ ތެރެއިން ކޮށްފައިވާ ހުވަޔާ އެއްގޮތަށް، އެއްވެސް ޖެހިލުމެއްނެތި، މި މައްސަލައިގައި އަމަލުކޮށް ފިޔަވަޅު އަޅައިދިނުމަށް އެ ސިޓީގައި ވަނީ އެދިފަ އެވެ.
ޕީޖީ އޮފީހުގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވީ އެ ސިޓީ މިއަދު ޕީޖީ އަށް ލިބިފައިވާ ކަމަށާއި ސިޓީ އިތުރަށް ދިރާސާ ކުރަން ވަގުތު ނަގާނެތީ އަދި ވަކި ގޮތެއް ނުނިންމާ ކަމަށެވެ.
މިކަމާ ގުޅިގެން ރައީސް އޮފީހުގެ ބަހެއް ވަނީ އަދި ލިބޭ ގޮތް ނުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ