ކަރަންޓުގެ ބިލު ބޮޑުވެ ތުލުސްދޫގައި ވެސް މުޒާހަރާ ކުރަނީ

ވޭތުވެދިޔަ މަސްތަކުގައި ކަރަންޓު ބިލް އަގުބޮޑުވެފައިވާ ކަމަށް ބުނެ ކ. ތުލުސްދޫ ރައްޔިތުން މުޒާހަރާކޮށްފި އެވެ. ތުލުސްދޫ ކައުންސިލްގެ ނައިބު ރައީސް އަބްދުއް ރައްޒާގު އަލީ "ސަން"އަށް ވިދާޅުވީ، ކަރަންޓު ބިލް ބޮޑު މުގެ ސަބަބުން ރައްޔިތުންގެ ޝަކުވާ ކައުންސިލަށް ލިބެމުން އަންނަ ކަމަށެވެ. "ގާތްގަނޑަކަށް 60 ވަރަކަށް ބޭފުޅުން މިއަދު ބައްދަލު ކުރި. ކަރަންޓު ބިލް ބޮޑުވެގެން ޝަކުވާ ހުށަހެޅި އަޅުގަނޑުމެންނަށް. ދެން އަޅުގަނޑުނެންނަށް ރައްޔިތުންނަށް ދެންނެވިން އަޅުގަނޑުމެެން މަސައްކަތް ކުރަމުން މި ދަނީ ސަރުކާރުގެ އެހެން މުއައްސަސާތަކާ ގުޅިގެން އެކަމަށް ހައްލެއް ގެނެވޭތޯ،" ކައުންސިލުގެ ނައިބު ރައީސް ވިދާޅުވި އެވެ. އެ ރަށުން ސަން އާ ވާހަކަ ދެއްކި މީހަކު ބުނީ، ރައްޔިތުން ޑިމާންޑު ކުރަމުން ދަނީ މާލެ އާއި ރާއްޖެތެރޭގެ ކަރަންޓު ބިލްގެ ތަފާތު ނައްތާލުމަށް ކަމަށެވެ. "ޑިމާންޑު ކުރަމުން ދަނީ ރާއްޖެތެރެ އާއި މާލޭގެ ކަރަންޓު ބިލްގެ ތަފާތު ކުރުން ނައްތާލުމަށް. ދެން މި އަތޮޅު ހުރިހާ ކައުންސިލަކުން ބިލް ނުދައްކަން ނިންމާފަ އޮތް އިރު ވެސް ތުލުސްދޫ ކައުންސިލުން އެކަން އެގޮތަށް ނުނިންމާތީވެ،" ތުލުސްދޫއިން ވާހަކަ ދެއްކި މީހާ ބުންޏެވެ. ކަރަންޓު ބިލް ބޮޑުވެ ކ.ތުލުސްދޫގައި މުޒާހަރާ ކުރަނީ --- ފޮޓޯ: ކިޔުންތެރިއެއް އޭނާ ބުނީ، ކަރަންޓުގެ މައްސަލައަށް ހައްލެއް ލިބެންދެން ސިލްސިލާކޮށް އެ މުޒާހަރާ ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ. އެކަމާ ގުޅޭ ގޮތުން ސްޓެލްކޯގެ އިންފޮމޭޝަން އޮފިސަރު އަބްދުއް ރައުފް ވިދާޅުވީ، ބިލް ބޮޑު ވެގެން މުޒާހަރާ ކުރާ ފަރާތްތަކުގެ ކަންބޮޑުވުމަކީ ކޮބައިތޯ ބެލުމަށް ދިރާސާ ކުރަމުން އަންނަ ކަމަށެވެ. "ކަރަންޓު ބިލަކީ ހަގީގަތުގައި އެ ބޭނުން ކުރާ ނިސްބަތަކުން ނޫނީ ނާރާނެ އެއްޗެއް. އެހެންވީމަ އަޅުގަނޑުމެން އެ ބޭފުޅުންގެ ކޮންސާނަކީ ކޮބައިތޯ އެކަންތައްތައް ބަލަމުން މި އަންނަނީ،" އަބްދުއް ރައުފް ވިދާޅުވި އެވެ. ކަރަންޓު ބިލް ބޮޑުވުމުގެ މައްސަލާގައި ކ. ހިންމަފުށީގައި ވެސް އިއްޔެ ވަނީ މުޒާހަރާ ކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ