ރައީސް ނަޝީދަކީ ވެސް މި ސަރުކާރަކީވެސް ތެދުވެރިބައެއް ނޫން - އުމަރު

ރައީސް ނަޝީދު އަދި މި ސަރުކާރަކީ ވެސް ތެދުވެރި ބައެއް ނޫންކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސިރު ވިދާޅުވެއްޖެއެވެ.
ވީޓީވީގެ ފަސްމަންޒަރު ޕްރޮގްރާމްގައި ރޭ ވާހަކަފުޅު ދައްކަވަމުން އުމަރު ވިދާޅުވީ, އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ޕީޕީއެމް އަދި އެމްޑީޕީން ކުރިމަތިލާ ކެނޑިޑޭޓުންނާ ވާދަކުރަން، ތިން ވަނަ ކެނޑިޑޭޓެއް ނުކުންނަން ޖެހޭ ކަމަށެވެ.
އެހެންކަމުން, ރިޔާސީ އިންތިހާބުގައި އަމިއްލަ ކެނޑިޑޭޓެއްގެ ގޮތުގައި ނުކުމެ ދެން ތިއްބެވި ބޭފުޅުންނާ ވާދަކުރައްވަން ނިންމަވާފައިވާކަމަށެވެ. އަދި އުމަރު ވިދާޅުވީ، މިވަގުތު ޕިޕީއެމް އަދި އެމްޑީޕީއާ ވާދަކުރެއްވުމަށް، ނުކުތުމަށް އެމަނިކުފާނު ނޫން އިތުރު ބޭފުޅެއް ނެތް ކަމަށެެވެ.
ޕީޕީއެމްގެ އެތެރޭގައި ބާއްވާ ޕްރައިމަރީގައި ވާދަކުރެއްވުމުގެ ހިޔާލުފުޅު ދޫކުރައްވައި ސީދާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ނިންމެވާފައިވާ ކަމަށްވެސް އުމަރު ވިދާޅުވިއެވެ.
އަންނަ އަހަރުގެ އިންތިހާބުގައި ވާދަކުރައްވާނީ ޕީޕީއެމްގެ ތެރެއިން ތިންބައިކުޅަ ދެބައި ވޯޓާއި, ވަކި ޕާޓީއަކަށް ނިސްބަތްނުވާ ވޯޓުގެ ތެރެއިން ދެބައިކުޅަ އެއްބައި ވޯޓު ނަންގަވައިގެން ކަމަށް އުމަރު ވަނީ ވިދާޅުވެފައެވެ.
އަންނަ އަހަރުގެ އިންތިހާބަށް އެންމެ އަދުލުވެރި އަދި ތެދުވެރި ވެރިޔަކަށް އުމަރު ހޮވުމަށްޓަކައި އެތަކެއް ބައެއްގެ ވޯޓާ އެކު ފޮނުވާލާ ބޯޅަ އެމަނިކުފާނާ ހަމައަށް އައުމުން ސީދާ ގޯލަށް އެ ބޯޅަ އަމާޒު ކޮށްލެވޭނެ ކަމަށް ވެސް އުމަރު ވަނީ ވިދާޅުވެފައެވެ.
އޭގެ އިތުރުން އިދިކޮޅު ފަރާތްތަކުން އުފައްދާފައިވާ އިއްތިހާދަކީ އެއްވެސް އެއްޗެއް ނޫން ކަމަށާއި އިއްތިހާދު ސިފަކުރައްވަނީ ވައިގެ ތެރޭގައި ލިޔެލާފައި އޮންނަ ނަމެއްގެ ގޮަތުގައި ކަމަށް އުމަރު ވަނީ ވިދާޅުވެފައެވެ.
ކޯލިޝަނެއްގެ ތެރެއިން ވެރިކަމެއް ހިންގިދާނެ ކަމަށާއި އެކަމަމާ ދޭތެރޭ އެއްވެސް ޝައްކެތް ނެތްކަމަށް އުމަރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް ފަށައިގަންނަވާނީ އަމިއްލަ ކެނޑިޑޭއްޓެއްގެ ގޮތުގައި ކަމަށް އުމަރު ވަނީ ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ