ޕީޕީއެމްގެ ރައީސް މައުމޫން އަބުދުލްގައްޔޫމް ބޭނުންފުޅުވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން އެމްޑީޕީގެ ޕީޖީ ގުރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސާލިހަށް އަދި ނާއިބް ރައީސްކަން ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫނަށް ދޭންކަމަށް ޕީޕީއެމްގެ ޕީޖީ ގުރޫޕްގެ ނާއިބް ލީޑަރު ރިޔާޒު ރަޝީދު ވިދާޅުވެއްޖެއެވެ.
ވިލުފުށީ ދާއިރާގެ މެންބަރުކަން ކުރައްވާ ރިޔާޒު މިހެން ވިދާޅުވީ މިއަދު އެމަނިކުފާނު ކުރައްވާފައިވާ ޓްވީޓެއްގައެެވެ.
ރިޔާޒުގެ ޓްވީޓްގައި ވިދާޅުވެފައިވަނީ ރައީސް މައުމޫން އަބުދުލްގައްޔޫމް ބޭނުންފުޅުވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން އެމްޑީޕީގެ ޕީޖީ ގުރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސާލިހަށް އަދި ނާއިބް ރައީސްކަން ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫނަށް ދޭންކަމަށެވެ.
ނަމަވެސް ރިޔާޒު ވިދާޅުވީ ކިތަންމެ ޑީލެއް ހެދިނަމަވެސް މިކަން ކާމިޔާބު ނުވާނެކަމަށެވެ.
ރިޔާޒު މިހެން ވިދާޅުވެފައިވާއިރު، ފާރިސް އިސްކޮށް ހުންނަވާ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހަށް ވަނީ ވައްދާފައެވެ.
އެ މައްސަލައާއިމެދު ގޮތެއް ނިންމުމަށް މިމަހުގެ 27 ވަނަ ދުވަހު އޮންނަ މަޖިލީހުގެ ޖަލްސާއަށް އެ މައްސަލަ މިހާރު ވަނީ އެޖެންޑާކޮށްފައެވެ.
މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށައެޅީ 26 މެންބަރުންގެ ސޮޔާއިއެކުގައެވެ. އެ މައްސަލަ މަޖިލީހަށް ހުށައެޅުމުގައި އިސްކޮށް ހަރަކާތްތެރިވެފައިވަނީ ފާރިސް މައުމޫންގެ އިތުރަށް ހިންނަވަރު ދާއިރާގެ މެންބަރު އިބްރާހިމް މުހައްމަދު ސާލިހާއި، ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިންނާއި، ނޮޅިވަރަމް ދާއިރާގެ މެންބަރު ހުސައިން އަރީފުގެ އިތުރަށް ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު އިބްރާހިމާއި، އަލިފުށީ ދާއިރާގެ މެންބަރު މުހައްމަދު ރަޝީދެވެ.
މަސީހުގެ އިތުބާރު ނެތްކަމުގެ ވޯޓް ފެއިލްކޮށްލާނެކަމަށް ސަރުކާރަށް ނިސްބަތްވާ މެންބަރުން ވިދާޅުވަމުން ގެންދަވާއިރު، މައްސަލަ ހުށައެޅި މެންބަރުން ވަނީ މަސީހު މަގާމުން ދުރުކުރުމަށް ބޭނުންވާ އަދަދަށްވުރެ އިތުރަށް ވޯޓް މިހާރު ހަމަކުރެވިފައިވާކަމަށް ވިދާޅުވެފައެވެ.
އަދި މެންބަރުން މިއަދު ތިބީ މިމަހުގެ 27 ނައިސްގެންކަމަށާ އެދުވަހު މަސީހު މަގާމުން ދުރުކޮށް މަޖިލީސް އިސްލާހުކުރުމުގެ މަސައްކަތް ފަށާނެކަމަށް އެ މެންބަރުން ވަނީ ވިދާޅުވެފައެވެ.
މައުމޫން ބޭނުންވަނީ މަޖިލީހުގެ ރައީސްކަން އިބޫއަށް، ނާއިބް ރައީސްކަން ފާރިސްއަށްދޭން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ