ވަކި މީހަކަށް އަމާޒުކޮށް ގާނޫނު ނުހެދޭނެ: މައުމޫން

ވަކި މީހަކަށް އަމާޒުކޮށް ގާނޫނު ހެދުމަކީ ދުނިޔެ ގަބޫލުކުރާ ކަމެއް ނޫން ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.
ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި ޕީޕީއެމްގެ ރައީސް މައުމޫން މިހެން ވިދާޅުވީ އެމަނިކުފާނު މިއަދު ކުރެއްވި ޓުވީޓެއްގައެވެ.
މައުމޫންގެ ޓުވީޓުގައި ވިދާޅުވީ ވަކި ފަރާތަކަށް އަމާޒުކޮށްގެން ގާނޫނާއި ގަވާއިދަށް ބަދަލު ގެނައުމަކީ ދުނިޔެ ގަބޫލުކުރާ އުސޫލެއް ނޫން ކަމަށެވެ.
މައުމޫން މިފަދައިން ޓުވީޓު ކުރައްވާފައިމިވަނީ އެމަނިކުފާނުގެ އޮފީހުގައި ނަގާފައިވާ ގައުމީ ދިދަ ނަގަން ފުލުހުން އަންގާފައި ވަނިކޮށެވެ. ފުލުހުން މިކަން އެންގީ ސަރުކާރުން އަލަށް އެކުލަވާލި "ދިވެހި ގައުމީ ދިދަ ބޭނުންކުރުމުގެ އައު އުސޫލު"ގެ ދަށުންނެވެ. މިއުސޫލުގައި ދިވެހި ދިދަ ހުންނަގޮތާއި، ދިދަ ބޭނުންކުރެވޭނެ މިންތަކާއި، ދާއިމީ ގޮތެއްގައި ދިދަ ނަގާފައި ބަހަންޓަންޖެހޭ ތަންތަން ވަނީ ބަޔާންކޮށްފައެވެ. މި އުސޫލާ ޚިލާފަށް އެއްވެސް ފަރާތަކުން ދިދަ ބޭނުންކޮށްގެން ނުވާނެ ކަމަށް ހޯމް މިނިސްޓްރީން ވަނީ ބުނެފައެވެ.
މީގެ އިތުރަށް އަމިއްލަ ދަތުރުފުޅުތަކުގައި ރާއްޖެއިން ބޭރަށް ވަޑައިގަންނަވާއިރު އެމްއެންޑީއެފްގެ ސެކިއުރިޓީ ރައީސް މައުމޫނަށް ނުދޭގޮތަށް ހަމަޖައްސާފައިވާ ކަމަށް އެމްއެންޑީއެފުން ވަނީ ދާދިފަހުން އަންގާފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކަށް ދޭންޖެހޭ ރައްކާތެރިކަމާއި އިނާޔަތްތަކާއި ބެހޭ ގާނޫނުގެ ދަށުން ދައުލަތުގެ ބަޖެޓުން ޚަރަދުކުރުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލެއްވެސް ސަރުކާރުން އެކުލަވާލާފައިވެއެވެ.
ގާނޫނުއަސާސީއަށާއި ގާނޫނުތަކަށް ސަރުކާރުން ގެންނަ ބަދަލުތަކާ މެދު ކުރީގެ ރައީސް މައުމޫން ވަނީ މީގެ ކުރިން ވެސް ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
އެގޮތުން ގާނޫނުއަސާސީއަށް ބޮޑެތި ބަދަލުތަކެއް ގެނައީ ޕީޕީއެމްގެ ކައުންސިލާއި އެއްވެސް މަޝްވަރާއެއްނުކޮށް ކަމަށް ވިދާޅުވެފައިވެއެވެ. އަދި ގާނޫނުއަސާސީއަށް ގެނައި ބަދަލުތަކާއިމެދު ކަންބޮޑުވެވަޑައިގެން، އެގޮތަށް އެކަން ނުކުރުމަށް އެދިވަޑައިގެން ޕީޕީއެމްގެ ޕީޖީ ގުރޫޕާއި، ރައީސް ޔާމީނަށް ސިޓީ ފޮނުއްވާ އެކަން އެގޮތަށް ނުކުރެއްވުމަށް އިލްތިމާސްކުރައްވާފައިވާނެ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.
މި ދައުރުގައި ގާނޫނުއަސާސީއަށް ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން އުމުރުން 65 އަހަރުން މަތީ މީހުންނަށް ވެރިކަމަށް ކުރިމަތިނުލެވޭގޮތަށް ގާނޫނު އިސްލާހު ކުުރުމާއި، އުމުރުން 30 އަހަރު ވުމުން ނާއިބުރައީސްކަން ކުރެވޭގޮތަށް އިސްލާހު ގެނައުމާއި، ބިދޭސީ އިންވެސްޓަރުންނަށް ރާއްޖެއިން ބިން މިލްކުކުރެވޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ހިމެނެއެވެ.
މީގެ އިތުރަށް ސިފައިންނަށް ވޯޓުނުލެވޭ ގޮތް ހެދުމަށް ސިފައިންގެ ގާނޫނަށް އިސްލާހު ގެންނާނެކަން ދާދި ފަހުން ސަރުކާރުން ވަނީ އިއުލާންކޮށްފައެވެ. މިއީ ސިޔާސީ މަގުސަދެއްގައި ކުރާ ކަމެއް ކަމަށް މައުމޫން ވަނީ ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ