އިސްލާމީ ހަތް ގައުމެއްގެ މީހުން އެމެރިކާ އަށް ވަނުން މަނާކޮށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނެރުއްވި ރިޔާސީ ޤަރާރު ހުއްޓުވަން އެމެރިކާގެ ޑިސްޓްރިކްޓް ކޯޓަކުން ކުރި ޙުކުމަށް އިސްތިއުނާފް ކޯޓުން ވެސް ތާއިދު ކޮށްފިއެވެ.
ސެން ފްރެންސިސްކޯގެ އިސްތިއުނާފު ކޯޓުގައި މައްސަލަ ބެލި ތިންފަނޑިޔާރުންގެ އިއްތިފާގުން އިއްވި ޙުކުމުގައި ވަނީ ގައުމީ ސަލާމަތައް ކަމަށް ބުނެ ހަތް ގައުމެއްގެ މީހުން އެމެރިކާ އަށް ވަނުން މަނާކުރި ނަމަވެސް އެމީހުންގެ ސަބަބުން ގައުމީ ސަލާމަތައް ނުރައްކާވަނީ ކީއްވެކަން ސާބިތުކޮށްދިނުމަށް ޖަސްޓިސް ޑިޕާޓްމަންޓުން އެއްވެސް ހެއްކެތް ހުށަހަޅާފައި ނުވާ ކަމަށެވެ.
އިރާޤު، އިރާން، ލީބިއާ، ސޯމާލިއާ، ސޫދާން، ޔަމަން އަދި ސީރިއާގެ އެއްވެސް މީހަކު އެމެރިކާގައި އެއްވެސް ހަމަލާއެއް ދޭން އުޅޭކަމުގެ އެއްވެސް ހެއްކެތް ނެތް ކަމަށް ޙުކުމުގައި ބުނެފައިވެއެވެ.
އެހެނެކަމުން ރެފިއުޖީންނާއި އެގައުމުތަކަށް ނިސްބަތްވާ ކޮންމެ މީހަކަށް ވެސް ސައްހަ ވިއްސާއެއް ނުވަތަ ގްރީން ކާޑެއް އޮވެއްޖެނަމަ އެއްވެސް ހުރަހެއް ނެތި ދެން ވެސް އެމެރިކާ އަށް އެތެރެވެވޭނެއެވެ.
ކޯޓުގެ ޙުކުމުގައި ވަނީ އާއިލާތައް ވަކިކޮށް، މިނިވަންކަން ހަނިކޮށް ތަފާތުކުރުން ގެންގުޅުން އެއީ އެއްވެސް ރައީސަކު ކޮށްގެން ވާނެ ކަމެއް ނޫން ކަމަށެވެ.
އިސްތިއުނާފު ކޯޓުގެ ނިންމުމާއި އެކު މިމައްސަލަ ސުޕްރީމް ކޯޓުގައި އެމެރިކާ ސަރުކާރުން އިސްތިއުނާފް ކުރާނެ ކަމަށް ބެލެވެއެވެ. ނުވަތަ މައްސަލައިގައި ބައެއް ބައިތައް އަނެއްކާވެސް ވަކިވަކިން އިސްތިއުނާފު ކުރުމުގެ ކޮންމެވެސް ކަހަލަ ފުރުސަތެއް އޮތްތޯ ސަރުކާރުގެ ޤާނޫނީ ވަކީލުން ދިރާސާކުރުން އެކަށީގެންވާ ކަމަށް ވެސް މީޑިއާ ރިޕޯޓްތައް ބުނެއެވެ.
އިސްތިއުނާފު ކޯޓުގެ ޙުކުމާއި އެކު ޓްރަމްޕް ވަނީ ވަރަށް ބޮޑަށް ކޯފާވެފައެވެ. ޓްރަމްޕް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "އަދިވެސް ކޯޓުން ބައްދަލުކުރާނަން. ގައުމީ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރާނަން." ކަމަށެވެ.
މުސްލިމުން އެމެރިކާއަށް ވަނުމުގެ ހުއްދަ ދިނުމަށް އިސްތިއުނާފް ކޯޓުން ވެސް ޙުކުމް ކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ