ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވުމަށް ޝައުގުވެރިކަން ފާޅުކުރައްވާފައިވާ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރެއްވުމަށް ނިންމަވައިފިއެވެ.
ވީނިއުސްއަށް އުމަރު ނަސީރު ވިދާޅުވީ ޕީޕީއެމްގެ ޕްރައިމަރީގައި ވާދަކުރެއްވުމުގެ ވިސްނުންފުޅު ދޫކޮށްލައްވައި މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި 2018ގެ ރިޔާސީ އިންތިޚާބަށް ނިކުންނެވުމަށް މިހާރު ނިންމަވާފައިވާ ކަމަށެވެ.
ޕީޕީއެމްގެ ޕްރައިމަރީގައި ވާދަކުރެއްވުމުގެ ޚިޔާލުފުޅު ދޫކޮށްލެއްވީ ލޯކަލް ކައުންސިލް އިންތިޚާބުގެ ޕްރައިމަރީގެ ކަންކަން ޕީޕީއެމުން ގެންދިޔަ ގޮތުން ކަމަށާއި ރިޔާސީ ޕްރައިމަރީ ބޭއްވިޔަސް އެ ޕްރައިމަރީ ވެސް އިންސާފުވެރިވާނެ ކަމުގެ އެއްވެސް ޔަގީންކަމެއް ނެތް ކަމަށް އުމަރު ވިދާޅުވިއެވެ.
ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވުމުގެ ވިސްނުންފުޅު އުމަރު ދޫކޮށްލައްވާފައި މިވަނީ ސިޔާސީ ޕާޓީތަކުގެ ޕްރައިމަރީތަކުން ނާކާމިޔާބުވާ މީހުންނަށް އިންތިޚާބަށް ކުރިމަތިނުލެވޭ ގޮތަށް ސަރުކާރުން ހުށަހަޅައިގެން ގާނޫނު އިސްލާހުކޮށް އެއާ އެއްގޮތަށް ލޯކަލް ކައުންސިލް އިންތިޚާބުގެ ޕްރައިމަރީ ބާއްވާފައި ވަނިކޮށެވެ.
އިންސާފުވެރި ޕްރައިމަރީއެއްގައި ނާކާމިޔާބުނުވާނެ ކަމަށާއި ނަމަވެސް ރައީސް ޔާމީންގެ ބާރާއި ނުފޫޒު އޮންނަ ޕްރައިމަރީއެއްގައި ވާދަނުކުރައްވާނެ ކަަމަށް މީގެ ކުރިންވެސް އުމަރު ވިދާޅުވެފައިވެއެވެ.
ޕީޕީއެމްގެ ތެރޭގައި ޚިޔާލުތަފާތުންވުން ބޮޑުވެ، ޕާޓީ ދެބައިވުމުގެ އަސްލަކީވެސް 2018ގެ ޕްރައިމަރީގެ މައްސަލަ ކަމަށްވީއިރު، ރައީސް ޔާމީންގެ ފެކްޝަނުން ބުނަމުންދަނީ ޕްރައިމަރީއަކާ ނުލައި ރައީސް ޔާމީނަށް 2018ގެ ޓިކެޓު ދޭންޖެހޭ ކަމަށެވެ. ނަމަވެސް ރައީސް މައުމޫނަށް ތާއީދުކުރައްވާ ބޭފުޅުން އެކަމާ ދެކޮޅު ހައްދަވައެވެ. ހޯމް މިނިސްޓަރުކަމުން އިސްތިއުފާ ދެއްވުމަށްފަހު އުމަރު މަސައްކަތް ކުރައްވަމުން ގެންދަވަނީ މައުމޫންގެ ފަހަތްޕުޅުގައެވެ.
މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި ރިޔާސީ އިންތިޚާބަށް ނިކުންނަވަން ނިންމެވި ނަމަވެސް އިންތިޚާބަށް ހެދޭ ކޯލިޝަނެއްގެ ތެރެއިން ފެނުމުގެ ފުރުސަތު އެބައޮތް ކަމަށް ވެސް އުމަރު ވިދާޅުވެއެވެ.
އަދި ވިދާޅުވީ މިއަދު ރާއްޖޭގެ ހާލަތު އޮތްގޮތުން ރައީސް ޔާމީން ނުވަތަ ކުރީގެ ރައީސް ނަޝީދުގެ އަތްޕުޅަށް ގައުމު ދޫކޮށްލެވެން ނެތް ކަމަށާއި ތިން ވަނަ ޖަމާއަތެއް ގައުމަށް ބޭނުންވާ ކަމަށެވެ.
އުމަރު ވަނީ މިިދިޔަ ހަފުތާގައި އިނގިރޭސިވިލާތަށް ވަޑައިގެން، އިނގިރޭސިވިލާތުގައި މިވަގުތު ތިއްބެވި އިދިކޮޅު ސިޔާސީ ލީޑަރުންނާ ރިޔާސީ އިންތިޚާބާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާފައެވެ. އެގޮތުން ކުރީގެ ނާއިބުރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދާއި، ޖުމްހޫރީ ޕާޓީގެ ނާއިބު ލީޑަރު އަމީން އިބްރާހީމާއި، ޖުމްހޫރީ ޕާޓީގެ ކައުންސިލް މެންބަރު ސޮބާހު ރަޝީދުގެ އިތުރަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަލީ ވަހީދާއިވެސް މަޝްވަރާކުރައްވާފައިވެއެވެ. ޑރ. ޖަމީލާއިއެކު ކުރިއަށް ގެންދިޔަ ބައްދަލްވުމުގައި ކުރީގެ ދެ ވަޒީރުން ކަމަށްވާ އަބްދުﷲ އަމީނާއި، މުހައްމަދު މަލީހު ޖަމާލުވެސް ބައިވެރިވެވަޑައިގަތެވެ.
މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރައްވަން އުމަރު ނިންމަވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ