އައްޑޫގެ ބޮޑު ބަޔަކުން ކަރަންޓް ކެނޑުނީ އިންޖީނެއްގެ ތެޔޮ ހޮޅިއެއް ފަޅައިގެން ދިއުމުން: ޔުޓިލިޓީ

އައްޑޫގެ ގުޅިފައިވާ ފަސް ރަށުން ބުރާސްފަތި ދުވަހު ގިނަ އިރުތަކަކަށް ކަރަންޓް ކެނޑުނީ ކަރަންޓް ދިނުމަށް ބޭނުންކުރާ ފަސް އިންޖީނުގެ ތެރެއިން އިންޖީނެއްގެ ތެޔޮ ހޮޅިއެއް ފަޅައިގެން ދިއުމުން ކަމަށް ސަދަން ޔުޓިލިޓީޒް ކުންފުނިން ބުނެފި އެވެ.
އެ ކުންފުނީގެ މަރުކަޒީ އިންޖީނުގެ އިން ވާހަކަ ދެއްކެވި އޮފިޝަލަކު މިއަދު ވިދާޅުވީ އެ މައްސަލަ ހައްލުކުރުމަށް ބޭނުންވާ ތަކެތި މާލޭން މިހާރު ގެނެސް، އިންޖީނަށް ދިމާވި މައްސަލަ ހައްލުކުރުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކުރިއަށް އޮތް ދެ ދުވަހެއްގެ ތެރޭގައި މައްސަލަ އެއްކޮށް ހައްލުކުރެވޭނެ ކަމަށާއި މައްސަލަ ދިމާވީ ފަސް އިންޖީނުގެ ތެރެއިން 750 ކިލޯވޮޓްގެ އިންޖީނަށް ކަމަށެވެ.
"މި މައްސަލަ ދިމާވީ އެހެން އިންޖީނެއް އަޅުގަނޑުމެން އޯވަހޯލް ކުރަމުން ދަނިކޮށް. އެހެންވެ ލޯޑް މަތިވާ ވަގުތުތަކުގައި ކަރަންޓް ކެނޑެނީ. އިއްޔެ ވެސް ކަރަންޓެއް ނުކެނޑޭ. މިއަދު ވެސް ބަންދު ދުވަވަހަކަށްވުމާ އެކު އޮފީސްތަކާއި އެ ނޫން ވެސް ގިނައިން ކަރަންޓް ބޭނުންކުރާ ތަންތަން ބަންދުވާނެތީ މިއަދު ވެސް ކަރަންޓް ކެނޑުމުގެ ފުރުސަތު ވަރަށް ކުޑަ،" އޭނާ ވިދާޅުވި އެވެ.
"އެ ގޮތުން ބުރާސްފަތި ދުވަހު ވެސް ގަޑިއެއްހާ އިރަށް ކަރަންޓް ކަނޑައިގެން ދިޔައީ. އެއްގޮތަކަށް ވެސް އިންޖީނުތަކުގެ ކޮންޑިޝަން ދަށްވެގެނެއް ނޫން މިހެން ދިމާވީ. ހުރިހާ އިންޖީނުތަކެއްގެ ކޮންޑިޝަން ވެސް ހަމަ ރަނގަޅު."
ޔުޓިލިޓީން ކުންފުނިން ބުރާސްފަތި ދުވަހު ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ ގުޅިފައިވާ ރަށްތަކަށް ކަރަންޓުގެ ހިދުމަތްދޭ ފަސް އިންޖީނުގެ ތެރެއިން އެއް އިންޖީނަށް މައްސަލައެއް ދިމާވެފައިވާތީ، މައްސަލަޖެހުނު އިންޖީނު ހިންގޭ ފެންވަރަށް ގެންދެވެންދެން މިހާރު ހިންގަމުން ދާ އިންޖީނުތަކަށް ނުހިފެހެއްޓޭ ވަރަށް ލޯޑް މަތިވާ ވަގުތުތަކުގައި ބައެއް ސަރަހައްދުތަކުން އެއް ގަޑި އިރަށް ކަރަންޓް ކެނޑޭނެ ކަމަށެވެ.
އެހެންވެ އިންޖީނު ރަނގަޅުކުރެވެންދެން ކަރަންޓް ބޭނުންކުރުމުގައި ކޮންމެހެން ބޭނުންކުރަންޖެހޭ ތަކެތި ފިޔަވައި އެހެން ތަކެތި ބޭނުންނުކުރުމަށް ޔުޓިލިޓީން ވަނީ އެދިފަ އެވެ. ކަރަންޓް ކެނޑުމުގެ މައްސަލަ ދިމާވަމުން ދާތީ ބައެއް ފަރާތްތަކުން ބުނަމުން ދަނީ މި މައްސަލަ ފަހަކަށް އައިސް އިތުރުވެ، ގޭގައި ބޭނުން ކުރަމުން އަންނަ އިލެކްޓްރޯނިކް ބައެއް ތަކެއްޗަށް ގެއްލުން ވަމުން ދާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ