މޫސުން ލަފާ ކުރާ ކުޑަ ކުޑަ ފޮއްޓެއް!؟

މިއީ އާދަޔާ ހިލާފު މޮޅު ގޮތަކަށް އުފައްދާފައިވާ ޓްރާންސްޕޭރެންޓު، ހުރިހާ ފަރާތަކުން އެތެރެ ފެންނަ ބިއްލޫރި ފޮއްޓެކެވެ. މި ފޮށި އުފައްދާފައިވާ ޓެކްނޮލޮޖީއަކީ ޖެހިގެން އަންނަ ދުވަހުގެ މޫސުން ދައްކުވައިދޭ ޓެކްނޮލޮޖީއެކެވެ.
މި ފޮއްޓަކީ، ކެން ކަމާވޮޓޯ ނަމަކަށް ކިޔާ ޖަޕާން މީހެއްގެ އުފެއްދުމެކެވެ. މި އުފެއްދުން އޭނާ އުފައްދާފައިވަނީ ޑިޖިޓަލް ދުނިޔެއާއި އަހަރެމެން ދިރިއުޅެމުން މިދާ އަސްލު ދުނިޔެ ގުޅާލުމުގެ ގޮތުންނެވެ.
"ޓެމްޕެސްކޯޕް" ގެ ނަން ދެވިފައިވާ މި ފޮށި، ސްމާޓް ފޯނަކާ ނުވަތަ ކޮންޕިއުޓަރަކާ ގުޅާލުމުން ޖެހިގެން އަންނަ ދުވަހުގެ މޫސުން ދައްކުވައިދެއެވެ. މިސާލަށް ވިއްސާރަ ވާނެ ކަމަށް ލަފާ ކުރެވޭ ނަމަ، އެ ކުޑަ ކުޑަ ފޮށި ތެރޭގައި ވިލާ އުފެދި ވާރޭ ވެހެން ފަށައެވެ. އަދި އުޑުމަތި ބަނަ ދުވަހެއް ނަމަ ހަމަ އެކަނި ވިއްސާރަ ވިލާތައް ދައްކުވައިދެއެވެ. މި ފީޗަރ އެފޮށްޓަށް ލިބިފައިވަނީ އެ އުފެއްދުމުގައި ބޭނުން ކޮށްފައިވާ މައިކްރޯކޮޒޮމް ގެ ސަބަބުންނެވެ. އަވި ދޭ ދުވަހެއް ނަމަ އަވިދޭނެ ކަންވެސް ޓެމްޕެސްކޯޕުން ދައްކައެވެ.
ޓެމްޕެސްކޯޕުން ލަފާ ނުކުރެވެނީ ހަމަ އެކަނި ސްނޯ އެވެ. އެއީ، މި ފޮށި އުފެއްދި، ކެން އަކީ ޖަޕާން މީހަކަށްވެފައި އެގައުމަށް އެހާ ގިނައިން ސްނޯ ނުވެހޭތީއެވެ. މި ފޮށި އުފައްދާފައިވާއިރު ބޭނުންކޮށްފައިވަނީ ލެޑް އަކާއި ފެން ޕަންޕަކާއި ޑިފިއުޒަރެކެވެ. މި ތަކެތީގެ ބޭނުމަކީ ފޮށި ތެރޭގައި ސްޕެޝަލް އިފެކްޓްސް ދައްކާލުމެވެ. ގުގުރުމާއި، ވިދުން އަދި ހޮނު އެޅުންވެސް ޓެމްޕެސްކޯމުން ސްޓިމިއުލޭޓް ކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ