މިރޭގެ މެޗަކީ ކާމިޔާބީގެ މަގަށް އައުމަށް ލިބޭނޭ އެންމެ ރަނގަޅު ފުރުސަތު: އަޓޭޓާ

އިނގިރޭސި ޕްރިމިއާ ލީގްގައި މިރޭ އާސެނަލް އާއި ޓޮޓެންހަމް ހޮޓްސްޕަރ ބައްދަލުކުރާ މެޗަކީ އާސެނަލަށް ފައިނަލެއް ފަދަ މެޗެއްކަމަށް އެޓީމްގެ ކޯޗް، މިކޭލް އަޓޭޓާ ބުނެފިއެވެ.
ޕްރިމިއާ ލީގްގައި މިރޭ ސްޕާސް އާ އާސެނަލް ބައްދަލުކުރާ މެޗަކީ، މިފަހަރުގެ ލީގްގައި ފެނިގެންދާނޭ އެންމެ ފޯރިގަދަ އެއް މެޗެވެ. މެޗްގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން އަޓޭޓާ ބުނީ މި މެޗަކީ، އާސެނަލް ކާމިޔާބީގެ މަގަށް އައުމަށް ލިބިގެންދާ އެންމެ ރަނަގޅު ފުރުސަތު ކަމަށެވެ. 
އަޓޭޓާ ބުނީ މިއީ މިފަހުން އެޓީމް ކުޅޭނޭ އެންމެ ބޮޑު މެޗަށް ވާނޭކަމަށާއި، މެޗް ކުޅެން ޓީމުން ކެތްމަދުވެފައިވާކަމަށެވެ. އެންމެފަހުން ވުލްވްސް އާ ދެކޮޅަށް ކުޅުނު މެޗުން ފަހު ވަގުތު ގެއްލުނު ދެ ޕޮއިންޓާއެކު އާސެނަލް އާއި ދެވަނާގައި އުޅޭ މެންޗެސްޓަރ ސިޓީއާ ދެމެދު އޮތީ އެންމެ ދެ ޕޮއިންޓްގެ ފަރަގެކެވެ. އަޓޭޓާ ބުނީ އެންމެފަހުން ކުޅުނު މެޗް އެއްވަރުވުމަކީ އާސެނަލަށް ލިބުނު ވަރަށްބޮޑު ނުތަނަވަސްކަމެއް ކަމަށާއި، ހާއްސަ ގޮތެއްގައި ބައިކޮޅަށް ލަނޑެއް ވަނުމަކީ ނުތަނަވަސްކަން އިންތިހާއަށް ކުރުވި ކަމެއްކަމަށެވެ.
މިރޭ ސްޕާސްއާ ދެކޮޅަށް ނިކުންނަ މެޗަށް ހުރިހާ ކުޅުންތެރިންވެސް ތިބީ އާ އަޒުމެއްގައިކަން ފާަހަގަކުރަމުން އަޓޭޓާ ބުނީ، މެޗުން ލީގްގެ މިހާ ހިސާބުން ތިން ޕޮއިންޓް ހޯދުން ނޫންގޮތެއް ނެތްކަމަށެވެ.
އާސެނަލް އާއި ސްޕާސް އެންމެފަހުން ބައްދަލުކުރި 7 މެޗަށް ބަލާއިރު ދެ މެޗް އެއްވަރުވެފައިވާއިރު، އާސެނަލް ބަލިވެފައެއް ނުވެއެވެ. ސްޕާސްއަށް އަތުން އެންމެފަހުން އާސެނަލް ބަލިވެފައިވަނީ 2022 ވަނަ އަހަރެވެ.
މިރޭގެ މެޗުން އާސެނަލް ބަލިވެ، ތާވަލްގެ ދެވަނާގައި އުޅޭ މެންޗެސްޓަރ ސިޓީ ދެން ކުޅޭ މެޗަކުން މޮޅުވެއްޖެ ނަމަ ތާވަލްގެ އެއްވަނަ ސިޓީއަށް ލިބޭނެއެވެ. ޕްރިމިއާ ލީގްގައި މިރޭ އާސެނަލް އާއި ސްޕާސް ބައްދަލުކުރާ މެޗް ފަށާނީ ރާއްޖެ ގަޑިން 21:30 ގައެވެ. މިމެޗް ކުޅޭނީ ސްޕާސްގެ ދަނޑުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ