ނިމިދިޔަ ހުކުރު ދުވަހުން ފެށިގެން، ކޮންމެ ހުކުރު ދުވަހެއްގެ ވަކި ގަޑިތަކެއްގައި ތެލަސީމިއާ ސެންޓަރުން ހިދުމަތް ލިބޭނޭ ކަމުގެ ޔަގީންކަން ރައީސް މުހައްމަދު މުޢިއްޒު ދެއްވައިފި އެވެ.
ވީ ކިހިނެއް؟ - ރައީސް މިއަދު އެކްސްގައި ލިޔުއްވި ގޮތުގައި ނިމިދިޔަ ހުކުރު ދުވަސް، 20 ފެބުރުއަރީގައި ފުރަތަމަ ފަހަރަށް އަލަށް ތެލަސީމިއާ ސެންޓަރު ހުޅުވައި ވަނީ ހިދުމަތް ދޭން ފަށައިފަ އެވެ.
"އެ މަރުކަޒުގެ 31 އަހަރުގެ ދިގު ތާރީހުގައިވެސް، މީގެ ކުރިން، ރަސްމީ ސިފައެއްގައި ހުކުރު ދުވަހު ހިދުމަތްދީފައި ނުވޭ،" ރައީސްގެ އެކްސް ޕޯސްޓްގައި ވިދާޅުވި އެވެ.
ތަފްސީލް - ރައީސް އިތުރަށް ފާހަގަކުރެއްވި ގޮތުގައި ނިމިދިޔަ ހުކުރު ދުވަހު އެކަނިވެސް، އެ މަރުކަޒުން، 14 މީހަކަށް ލޭ އެޅުމުގެ ހިދުމަތްދީފައިވެ އެވެ. އަދި ފަސް މީހަކު ލޭ ހަދިޔާކޮށްފައިވާކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
"ރަމަޟާން މަސް ނިމުމުން ވެސް، ހުކުރު ދުވަހުގެ ވަކި ގަޑިތަކެއްގައި އެ މަރުކަޒުގެ ހިދުމަތް ލިބޭނެ،" ރައީސް ވިދާޅުވެފައިވެ އެވެ.
މި ބަދަލުގެ ސަބަބުން، ހަފުތާ ބަންދުގައި އަތޮޅުތަކުން މާލެ އައިސް ލޭ އަޅަން ބޭނުންވާ ފަރާތްތަކަށާއި ލޭ ހަދިޔާކުރަން ބޭނުންވާ ފަރާތްތަކަށް، އެ ފުރުސަތު ފަހިވެގެންދާނޭކަމަށް ރައީސް ވިދާޅުވި އެވެ.
ފާހަގަކޮށްލެވޭ - މި ފަހުން ރައީސް ވަނީ ތެލެސީމިއާ ސެންޓަރުގެ ހިންގުމާއި ހިދުމަތްތައް ހަރުދަނާ ކުރުމުގެ މަސައްކަތްތައް ސީދާ ރައީސް ބައްލަވާ ގޮތަށް ބަދަލުކުރައްވައިފަ އެވެ.
ކޮންމެ ހުކުރު ދުވަހަކު ތެލަސީމިއާ ސެންޓަރު ހުޅުވައި ހިދުމަތް ދެނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ