ބޮޑުތަކުރުފާނު މަގުގައި ނުގަވައިދުން ޕާކްކުރާ އުޅަނދުތައް ޓޯ ކުރާނަން: ފުލުހުން

ބޮޑުތަކުރުފާނުމަގުގައި ގަވާއިދާ ހިލާފަށް އުޅަނދު ޕާކްކުރާނަމަ ހަމަޖެހިފައިވާ އުސޫލުން އެ ފަދަ އުޅަނދުތައް ޓޯ ކުރަމުންދާނޭކަމަށް ފުލުހުން ބުނެފިއެވެ.
މާލޭ މަގުމަތީގެ ޓްރެފިކް ކަންކަމާ ގުޅޭގޮތުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ހެޑް އޮފް ޓްރެފިކް ޕޮލިސް ޑިޕާޓްމަންޓްގެ ޗީފް އިނިސްޕެކްޓަރ އޮފް ޕޮލިސް އިބްރާހިމް އިމްރާން ވިދާޅުވީ، މާލޭގެ ބޭރަށް އޮންނަ ބޮޑުތަކުރުފާނު މަގުގައި ގަވާއިދާ ހިލާފަށް ޕާކް ކުރަމުންދާނަމަ، އެފަދަ އުޅަނދުތައް ޓޯވކުރުމާއި ގަވާއިދާ ހިލާފުވާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމުގެ މަސައްކަތް ފުލުހުން ކުރަމުންދާނޭކަމަށެވެ.
އިމްރާން ވިދާޅުވީ ބޮޑުތަކުރުފާނުމަގު ހަތަރު ލޭނަށް ފުޅާކުރުމަށްފަހު އެ ހިިސާބު އާއްމުނަށް ހުޅުވާލުމާއެކު މިހާރު އެ ސަރަހައްދު ބާރުބޮޑުވަމުންދާކަމަށާއި، އެ ސަރަހައްދުގެ ޓްރެފިކްގެ ކަންކަން މެނޭޖްކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ. އެކަންކަން ކުރަމުންދާއިރުވެސް އެހިސާބުގައި އުސޫލާ ހިލާފަށް ޕާކްކުރާނަމަ އެ އުޅަނދެއް ޓޯ ކުރާނޭކަމަށް އިމްރާން ފާހަގަކުރެއްވިއެވެ.
ބޮޑުތަކުރުފާނުމަގަށް ބަލާއިރު އެމްޕީއެލް ސަރަހައްދުން ފެށިގެން މާފަންނު ޕޮލިހާ ހިސާބަށް އޮންނަ ސަރަހައްދުގައި އުޅަނދުތައް ޑަބަލްކޮސް ޕާކްކުރާ މައްސަލަ ބޮޑުވެފައިވާއިރު، ގަވާއިދާ ހިލާފަށް ޕާކްކުރުމުގެ މައްސަލައަކީ ރައްޔިތުންނަށް އެންމެ އުނދަގޫވާ އެއް މައްސަލަކަމަށް އިމްރާން ވިދާޅުވިއެވެ.
މާލޭގެ މަގުތަކުގެ ޓްރެފިކް ކަންކަން ބެލުމަށް ފުލުހުން ހާއްސަ މަސައްކަތްތަކެއް ކުރަމުންދާއިރު، މާލޭގައި މަގުތަކުގައި ނުގަވައިދުން ބަހައްޓާފައިހުރި އުޅަނދުތައް ނެގުމުގެ މަސައްކަތް މާދަމައިން ފެށިގެން ކުރަމުންދާނޭކަމަށް ފުލުހުން ވަނީ ބުނެފައެވެ. އެގޮތުން ފުލުހުން ވަނީ، މަގުތައް މަތީގައި ނުގަވައިދުން ބަހައްޓާފައި ހުރި އުޅަނދުތައް މިމަހުގެ މިއަދުގެ ކުރިން ނަގައި ނިންމުމަށް އިލްތިމާސްކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ