ދުވަހުގެ ކޮންޓްރޯލް އަމިއްލަ އަތަށް: ރިއެކްޓް ކުރުން ހުއްޓާލާފައި ޑައިރެކްޓް ކުރަން ފަށާށެވެ.
ގިނަ މީހުންނަށް ހޭލެވޭއިރު އަތް ފޯރާ ފަށުގައި އޮންނަނީ ފޯނެވެ. އެލާމް ކަނޑާލުމަށްފަހު، އެނދުން ތެދުވުމުގެ ކުރިން ފޭސްބުކް، އިންސްޓަގްރާމް ނުވަތަ ވައިބަރ ގްރޫޕްތަކަށް ވަދެވެނީ ބޭއިޚްތިޔާރުގައެވެ. އެކަމަށް ދެވި ހިފާފައި ތިބީތީއެވެ. މިއީ "ރިއެކްޓިވް" ދިރިއުޅުމެއްގެ ފެށުމެވެ. މާނައަކީ ތިމާގެ ދުވަސް ފެށެނީ އެހެން މީހުން ދައްކާ ވާހަކައަކަށް، ނުވަތަ ދުނިޔޭގައި ހިނގާ ނޭދެވޭ ޚަބަރަކަށް ސިކުނޑި ހުޅުވާލައިގެންނެވެ. ނަމަވެސް، ކާމިޔާބު މީހުން އެމީހުންގެ ދުވަސް "ޑައިރެކްޓް" ކުރެއެވެ. އެމީހުންގެ އަމިއްލަ ތަރުތީބެއް އޮވެއެވެ. ފޯނާ ކުޅެން ފެށުމުގެ ކުރިން، ކޮންމެ ދުވަހަކުވެސް ކޮށްލުން ރަނގަޅު އަދި މުހއްމު ކްންކަން ހުރެއެވެ. ސައިންޓިފިކް ދިރާސާތަކުން ދައްކާ ގޮތުގައި ހެނދުނު ކުރާ ކަސްރަތުގެ ސަބަބުން ސިކުނޑީގެ 'އެންޑޯފިންސް' ނުވަތަ 'ފީލް ގުޑް' ހޯރމޯންތައް އިތުރުވެ، މީހާގެ މޫޑު ރަނގަޅުކޮށްދެއެވެ. މިއީ ބުރަ ކަސްރަތަކަށް ވާކަށް ނުޖެހެއެވެ. ފަތިސް ނަމާދަށްފަހު، ރަށުގެ ހިތްގައިމު އަތިރިމަތީގައި ނުވަތަ ރަށްވަށައި ބާރު ހިނގުމުގައި ޖަހާލާ ބުރެކެވެ. މާލޭގައި ދިރިއުޅޭ ނަމަ، އާޓިފިޝަލް ބީޗް ނުވަތަ ބްރިޖް ސަރަހައްދުގައި ބާރު ހިނގާލުމެކެވެ. ވިއްސަކަށް މިނެޓުގެ މި ހަރަކާތަކީ މުޅި ދުވަހުގެ މަސައްކަތްތަކަށް ބޭނުންވާ "މެންޓަލް އެލާޓްނަސް" ނުވަތަ ސިކުނޑީގެ ހޭލުންތެރިކަން އިތުރުކޮށްދޭނެ ކަމެކެވެ. މިއީ ސޯޝަލް މީޑިއާ ބަލައިގެން ލިބޭ ވަގުތީ އުފަލަށްވުރެ މާ ދެމެހެއްޓެނިވި ހަކަތައެކެވެ. ކާމިޔާބު ލީޑަރުންނާއި ވިޔަފާވެރިން އެމީހުންގެ ދުވަސް ފަށަނީ އެ ދުވަހު ހާސިލްކުރަން ބޭނުންވާ އެންމެ މުހިންމު ކަންކަން ސިކުނޑީގައި ތަރުތީބުކޮށްގެންނެވެ. އެހެން މީހުން ތިބާގެ ވަގުތު ކޮންޓްރޯލް ކުރުމުގެ ކުރިން، ތިމާގެ އަމިއްލަ އިސްކަންދޭ ކަންކަން ކަނޑައަޅަން ޖެހެއެވެ.އޮފީހަށް ދިއުމުގެ ކުރިން، މިއަދު ނިންމާލަން އޮތް އެންމެ މުހިންމު މަސައްކަތަކީ ކޮބައިކަން ކަނޑައަޅާށެވެ. މިސާލަކަށް، ގިނަ ދުވަސްވެފައިވާ ރިޕޯޓެއް ނިންމާލުން ނުވަތަ މުހިންމު މީހަކާ ބައްދަލުކުރުމެވެ. މާލޭގެ ހަލަބޮލި ޓްރެފިކްގައާއި އޮފީހުގެ މަސައްކަތުގައި އުޅޭއިރު، އެކި ދިމަދިމާލުން އަންނަ ވައިބަރ މެސެޖުތަކާއި ފޯނު ކޯލްތަކުން ތިމާގެ އަސްލު އަމާޒު ގެއްލިގެން ދިޔަ ނުދިނުމަށް މިއީ ވަރަށް މުހިންމު ކަމެކެވެ. މިއަދު އަޒުމް ކަނޑައަޅާނީ "އަހަރެން މިއަދު މިވެނި ކަމެއް ރަނގަޅަށް ނިންމާލާނަމޭ" ބުނެއެވެ. ދުވަސް ފެށުމަށް "ކޮންސިއުމް" ނުވަތަ ބޭނުންކުރަން ފަށަންވާނީ ސޯޝަލް މީޑިއާގެ ޚަބަރުތަކެއް ނޫނެވެ. އޭގެ ބަދަލުގައި ހަށިގަނޑަށް ބޭނުންވާ ފައިދާހުރި ކާނާއެވެ. ދިރާސާތަކުން ދައްކާގޮތުގައި ހެނދުނު ފައިދާހުރި ނާސްތާއެއް ބޭނުންކުރުމަކީ ސިކުނޑީގެ ފޯކަސް އިތުރުކޮށް، ގޯސް ނިންމުންތައް ނިންމުމުން ދުރުކޮށްދޭ ކަމެކެވެ. އަވަސް އަވަހަށް ކޮފީއެއް ބޯލައިގެން ނުވަތަ ހުސްބަނޑާ ހުރެ އޮފީހަށް ދިއުމުގެ ބަދަލުގައި، އާއިލާއާއެކު ނުވަތަ ހަމަޖެހިލައިގެން އިނދެ ފައިދާހުރި ނާސްތާއެއް ކުރާށެވެ. ކާ ގަޑީގައި ފޯނަށް ބަލަމުން ކެއުމުގެ ބަދަލުގައި، ކާ އެއްޗަށް ސަމާލުކަން ދިނުމަކީ "މައިންޑްފުލްނެސް" ނުވަތަ ނަފްސާނީ ހަމަޖެހުމަށް ލިބޭ ބޮޑު ކުރިއެރުމެކެވެ. ސިކުނޑި ބަރުވާ ފަދަ ޑިޖިޓަލް މައުލޫމާތުތައް އެތެރެކުރުމުގެ ކުރިން، ހަށިގަނޑަށް މި "ޕޮޒިޓިވް ފިއުލް" ނުވަތަ މާނަވީ ހަކަތަ ދޭންވާނެއެވެ. ދުނިޔޭގެ މަޝްހޫރު އަދި ކާމިޔާބު މީހުންގެ ދިރިއުޅުމަށް ބަލާއިރު، އެމީހުންނަކީ ހެނދުނުގެ ވަގުތު އަމިއްލަ ނަފްސަށް ހުސްކުރާ ބައެކެވެ. އެމީހުން ފޯނަށް ބަލަނީ އިސްވެ ދެންނެވުނު ކަހަލަ ކަންކަން ނިންމުމަށްފަހުގައެވެ. ހެނދުނު ހޭލައިގެން އެހެން މީހުންގެ އުފާވެރި ފޮޓޯތަކަށް ބަލައި އަމިއްލަ ނަފްސާ އަޅާކިޔުމުގެ ބަދަލުގައި، ނުވަތަ ސިޔާސީ ބަހުސްތަކުން ހިތް ނުތަނަވަސް ކުރުމުގެ ބަދަލުގައި، އަމިއްލަ ދިރިއުޅުމުގެ ކެޕްޓަނަކަށް ވާށެވެ. ދުވަސް ފަށާނީ ފޯނަކުން ނޫނެވެ؛ ދުވަސް ފަށާނީ އަމިއްލަ ނަފްސަށް ދޭ އަހުމިއްޔަތުންނެވެ. މިއަދުން ފެށިގެން މި ބަދަލު ގެންނަމާ ހިނގާށެވެ. ރިއެކްޓް ކުރުން ހުއްޓާލާފައި، ތިމާގެ ދުވަސް ޑައިރެކްޓް ކުރަން ފަށާށެވެ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ