އެމެޒޯން ޕްރައިމްއިން މި އަހަރު ރިލީޒްކުރަން ތައްޔާރުވާ ފިލްމުތަކާއި ސީރީސްތައް އިއުލާނުކޮށްފި
ދުނިޔޭގެ އެންމެ ގިނަބައެއްގެ މެދުގައި މަގުބޫލު ސްޓްރީމިންގް ޕްލެޓްފޯމް އެމެޒޯން ޕްރައިމް ވީޑިއޯއިން މި އަހަރުތެރޭ ރިލީޒްކުރަން ކަނޑައަޅާފައިވާ އާ ސީރީސްތަކާއި ފިލްމުތަކުގެ ލިސްޓު ހާމަކޮށްފިއެވެ. އިންޑިއާގެ މުމްބާއީގައި ބޭއްވި ކުލަގަދަ ރަސްމިއްޔާތެއްގައި މި އުފެއްދުންތައް ދައްކާލާފައިވާއިރު، މި ހަފުލާގައި ފިލްމީ ދާއިރާގެ މަޝްހޫރު ފަންނާނުން ވެސް ވަނީ ބައިވެރިވެފައެވެ. އެމެޒޯން ޕްރައިމްއިން އިއުލާނުކުރި އާ ލިސްޓުގައި ބެލުންތެރިންގެ ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ސީރީޒްތަކުގެ އާ ސީޒަންތަކުގެ އިތުރުން، މުޅިން ތަފާތު އާ އުފެއްދުންތައް ވެސް ހިމެނެއެވެ. މީގެ ތެރޭގައި އެންމެ ބޮޑަށް އިންތިޒާރު ކުރެވޭ ބަތަލާ ސޮނާކްޝީ ސިންހާ އަދި ވިޖޭ ވަރުމާގެ "ދަހާދު"ގެ ދެވަނަ ސީޒަން، "ދަ ޓްރެއިޓާސް އިންޑިއާ ސީޒަން 2"، ބޮޑު މަގުބޫލުކަމެއް ލިބުނު ޝާހިދު ކަޕޫރުގެ "ފަރުޒީ" ސީރީސްގެ ދެވަނަ ސީޒަން، ބަތަލާ އަނަނިޔާ ޕާންޑޭގެ "ކޯލް މީ ބޭ"ގެ ސީޒަންގެ އިތުރުން، "ގްރާމް ޗިކިތްސަލޭ ސީޒަން 2" އަދި "ސަންދީޕް ބައްޔާ ސީޒަން 2" ހިމެނެއެވެ. ސިނަމާތަކަށް ދޫކޮށްލުމަށްފަހު އެމެޒޯން ޕްރައިމްގައި ސްޓްރީމްކުރާނެކަން އިއުލާނުކުރި ދެ ފިލްމު ކަމަށްވާ "ނާގްޒިލާ" އާއި ސިދާތު މަލްހޯތުރާގެ "ވާން: ފޯސް އޮފް ދަ ފޮރެސްޓް"ގެ ޕޯސްޓަރެއް ދައްކާލަނީ--ފޮޓޯ/އެންޑީޓީވީ މީގެ އިތުރުން "މަޓްކާ ކިންގް"، "ދަ ޕިރަމިޑް ސްކީމް" އަދި "މިރްޒާޕޫރު" ފިލްމު އެޑަޕްޓޭޝަން ފަދަ އާ ސީރީޒްތައް ވެސް ވަނީ ތައާރަފުކޮށްފައެވެ. ހަމައެއާއެކު ސިނަމާތަކުގައި ރިލީޒްކުރުމަށްފަހު އެ ޕްލެޓްފޯމަށް އަންނާނެ އުފެއްދުންތައް ވެސް މުމްބާއީގައި ބޭއްވި ރަސްމިއްޔާތުގައި ވަނީ އިއުލާނުކޮށްފައެވެ. އޭގެތެރޭގައި ކާތިކް އާރްޔަންގެ "ނާގްޒިލާ" އާއި ސިދާތު މަލްހޯތުރާގެ "ވާން: ފޯސް އޮފް ދަ ފޮރެސްޓް" ހިމެނެއެވެ. މި ރަސްމިއްޔާތުގައި ބޮލީވުޑްގެ ކާމިޔާބު ބަތަލާ އާލިއާ ބަޓް ވަނީ ދައްތަ ޝާހީން ބަޓްއާ ގުޅިގެން އުފައްދާ އާ ފިލްމު "ޑޯންޓް ބީ ޝައި" ވެސް އިއުލާނުކޮށްފައެވެ. މި ފިލްމަކީ 20 އަހަރުގެ ޒުވާން އަންހެން ކުއްޖެއްގެ ހަޔާތުގެ މައްޗަށް ބިނާކޮށް އުފައްދާ ފިލްމެކެވެ. އެމެޒޯން ޕްރައިމް ވީޑިއޯގައި މިފަހުން ސްޓްރީމްކުރަން ފެށި ބޮލީވުޑްގެ މަޝްހޫރު އުފެއްދުންތަކުގެތެރޭ ދަރުމާ ޕްރޮޑަކްޝަންގެ ފިލްމު "ތޫ މެރީ މޭ ތެރާ، މޭ ތެރާ ތޫ މެރީ"، "ދަލްދަލް"، "ސުބޭދާރު" އަދި ފިލްމު "އިއްކީސް" ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ