ކަންބޮޑުވުންތަކަށް ސައީދު: މި ހަފުތާ ވެސް ތެލުގެ ދެ ޝިޕްމަންޓު އައި، ދަތިކަމެއް ނެތި ތެލާއި ގޭހާއި ކާޑު ލިބޭނެ

އެމެރިކާ-އީރާން ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުތައް އުފުލި، ސަޕްލައި ކުރުމުގައި ގޮންޖެހުންތަކެއް ކުރިމަތިވެފައި އޮތް ނަމަވެސް މި ހަފުތާގައި ވެސް ރާއްޖެއަށް ތެލުގެ ދެ ޝިޕްމަންޓް އައިސްފައިވާކަމަށް އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު ރޭ ވިދާޅުވެއްޖެއެވެ. އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ސައީދު ވިދާޅުވީ، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުތައް އުފުލެމުން ދިޔުމުގެ އިތުރަށް، ތެޔޮ ސަޕްލައިކުރުމަށް ވެސް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެފައިވާއިރު އެސްޓީއޯއިން އަންނަނީ ރާއްޖެއަށް ބޭނުންވާ ތެލުގެ ސްޓޮކް ހުސްނުވާހެން ދަމަހައްޓަމުން ކަމަށެވެ. އެސްޓީއޯއިން ތެޔޮ ގެންނަނީ ރާއްޖޭގެ ޑިމާންޑަށް ބަލައި، ދުރާލައި ސަޕްލަޔަރުންނާއެކު އެސްޓީއޯއިން އެއްބަސްވެފައިވާ "ނޮމިނޭޝަން" އެރޭންޖްމެންޓުގެ ދަށުން ކަމަށް ސައީދު ވިދާޅުވިއެވެ. https://x.com/em_saeed/status/2035448555415187737 " މިގޮތުން މި ހަފުތާ ވެސް މިހާރުވަނީ ތެލުގެ އައު ދެ ޝިޕްމެންޓެއް ރާއްޖެ ގެނެސްފައެވެ. ހަމަ އެފަދައިން އެސްޓީއޯއިން ސަޕްލަޔަރުންނާއިއެކު އެއްބަސްވެފައިވާ ނޮމިނޭޝަނާއި ތާރީޚުތަކާ އެއްގޮތަށް، ތެލުގެ އިތުރު ޝިޕްމެންޓްތައް ވެސް ވަނީ ރާއްޖެއަށް ގެނައުމަށް ޝެޑިއުލް ކުރެވިފައެވެ،" އެކްސްގައި ސައީދު ވިދާޅުވިއެވެ. އެހެންކަމުން އެއްވެސް ދަތިކަމެއް ނެތި، ތެލާއި ގޭސް އަދި ކާޑުގެ ބާވަތްތަކާއި ރައްޔިތުންނަށް ބޭނުންވާ އަސާސީ ކާބޯތަކެތި ރާއްޖެއަށް ގެނެސް ރަައްޔިތުންނަށް ލިބެން ހުންނާނެކަމުގެ ޔަގީންކަން ސައީދު ދެއްވިއެެވެ. އެމެރިކާ-އީރާން ހަނގުރާމަ ފެށުނުއިރު، ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވަނީ ރާއްޖެ ތެލަށް ޖެހުމުގެ ފުރުސަތު ބޮޑުކަމަށް ވިދާޅުވެފައެވެ. ނަމަވެސް އެއާ ޚިލާފަށް ސަރުކާރުން ބުނަމުން އަންނަނީ ހަނގުރާމައިގެ ސަބަބުން ތެލާއި، ގޭހާއި ކާޑުގެ ބާވަތްތައް ގެނައުމަށް އެއްވެސް ދައްޗެއް ނެތްކަމަށެވެ. އަދި ތެލުގެ އަގު އުފުލުމުން، ރައްޔިތުން އުފުލަންޖެހޭ ބުރަ ސަރުކާރުން އުފުލާނެ ކަމަށާއި، އެ ކަން ކުރާނީ ސަރުކާރު ކުންފުނި އެސްޓީއޯއަށް ލިބޭނެކަމަށް ލަފާކުރާ ފައިދާއިން އިތުރަށް ކުރަންޖެހޭ ހޭދަ ކަނޑައިގެން ކަމަށް ވެސް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވަނީ ވިދާޅުވެފައެވެ. ހަނގުރާމައިގެ ސަބަބުން، މިހާތަނަށް އާންމުންނަށް ސީދާ ފާހަގަވާ މިންވަރަށް ރާއްޖޭގައި އުފުލުނީ ޕެޓްރޯލާއި ޑީސަލްގެ އަގެވެ. އަދި އޭގެ ސަބަބުން އަމިއްލަ ވިޔަފާރިތަކުން ދޭ ދަތުރުފަތުރުގެ ޚިދުމަތްތަކުގެ އަގު ވެސް ބޮޑުވެފައިވެއެވެ. ސަރުކާރުން ހާލަތު ރަނގަޅުކަމުގެ ފުރިހަމަ ޔަގީންކަން ދިން ނަމަވެސް، މި ދަނޑިވަޅުގައި ޚަރަދުކުޑަކުރުމުގެ ވާހަކައާއި، ކުރިއަށް އޮތްތަނުގައި އުފުލަންޖެހިދާނެ ބުރައެއްގެ ވާހަކަ ސަރުކާރުން އިސްވެ ނުދައްކާތީ ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ