އިރާނާއި އެމެރިކާ-އިސްރާއީލާ ދެމެދު ކުރިއަށްދާ ހަނގުރާމައިގައި ހަމަލާބަދަލުކުރުން ހުއްޓާލައިފިނަމަ، ހުރްމުޒް ކަނޑުއޮޅީގައި އަޅާފައިވާ ކަނޑު މައިންތައް ނައްތާލުމަށް ޖަޕާނުގެ އަސްކަރިއްޔާ ފޮނުވުމާ މެދު ވިސްނަމުންދާ ކަމަށް އެގައުމުގެ ފޮރިން މިނިސްޓަރު ތޮޝިމިޓްސޫ މޮޓެގީ ވިދާޅުވެއްޖެއެވެ.
ފޫޖީ ޓީވީއަށް ދެއްވި ބަސްދީގަތުމެއްގައި މޮޓެގީ ވިދާޅުވީ، މިއީ ހަމައެކަނި 'ވެދާނެ ގޮތެއްގެ' މައްޗަށް ބިނާކޮށް ދައްކަވާ ވާހަކަފުޅެއް ނަމަވެސް، މަސްރަހު ފިނިވެއްޖެ ހާލަތެއްގައި ޖަޕާނުން އެހީތެރިކަން ފޯރުކޮށްދިނުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.
މޮޓެގީ ފާހަގަކުރެއްވި ގޮތުގައި، ފުރިހަމަ ސުލްހައެއް ގާއިމުވެ، ކަނޑުގެ ދަތުރުފަތުރަށް ހުރަސްއެޅޭ ގޮތަށް މައިންތައް ހުރިނަމަ، އެ ތަކެތި ނެގުމުގެ މަސައްކަތަށް ޖަޕާނުގެ އެހީތެރިކަން ލިބޭނޭކަމަށެވެ. ޖަޕާނަކީ ކަނޑުގެ މައިން ނައްތާލުމުގެ ދާއިރާގައި ދުނިޔޭގެ ފެންވަރުގައި އެންމެ ކުރިއަރާފައިވާ އެއް ގައުމެވެ. ނަމަވެސް، މި ހަރަކާތްތައް ކުރިއަށް ގެންދެވޭނީ މިހާރު ހިނގަމުންދާ ހަމަލާ ބަދަލުކުރުންތައް މުޅިން ހުއްޓުމަކަށް އައުމުން ކަމަށް އޭނާ ތަކުރާރުކޮށް ވިދާޅުވިއެވެ.
ޖަޕާނުން މިގޮތަށް ހާމަކޮށްފައި މިވަނީ، ހުރްމުޒް ކަނޑުއޮޅީގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް އަސްކަރީ މަނަވަރުތައް ފޮނުވުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެދިވަޑައިގަންނަވަމުން ދަނިކޮށެވެ. މީގެ ކުރިން ޖަޕާނުން ވަނީ ހަނގުރާމަ ހިނގަމުންދާ ސަރަހައްދަކަށް ސީދާ ސިފައިން ފޮނުވުމަށް އިންކާރުކޮށްފައެވެ. އެއީ އެގައުމުގެ ގާނޫނުއަސާސީން އަސްކަރީ ހަރަކާތްތައް ހިންގުމަށް ހަނިކޮށްފައިވާތީއެވެ.
ޖަޕާނުގެ ބޮޑުވަޒީރު ސަނޭ ޓަކައިޗީ ދާދިފަހުން ވޮޝިންޓަނަށް ކުރެއްވި ދަތުރުފުޅުގައިވެސް، ޖަޕާނުގެ ގާނޫނުތައް ހުރިގޮތުން ހަނގުރާމައިގެ މައިދާނަކަށް ސިފައިން ފޮނުވުމުގައި ހުރި ދަތިތައް ޓްރަމްޕަށް ވަނީ ސާފުކޮށްދެއްވާފައެވެ. ޖަޕާނަށް ބޭނުންވާ ސާފުނުކުރާ ތެލުގެ 90 އިންސައްތައަކީ ހޮރްމޫޒް ކަނޑުއޮޅި ހުރަސްކޮށް ގެންނަ ތެޔޮ ކަމަށްވާތީ، އެ ސަރަހައްދު އަމާންކޮށް ބޭއްވުމަކީ ޖަޕާނުގެ އިގްތިސާދަށް ނުހަނު މުހިންމު ކަމެކެވެ.
ޖަޕާނުގެ މި ހުށަހެޅުމަކީ އެމެރިކާގެ އެދުމަށް އިޖާބަދިނުމުގެ ގޮތުންނާއި، ހަމަ އެއާއެކު އިރާނާއެކު އޮތް ގާތް ގުޅުން ނުގެއްލޭނެ ފަދަ މެދުތެރޭގެ ސިޔާސަތެއްކަން ގިނަ ބަޔަކު ގަބޫލުކުރެއެވެ.
ހަނގުރާމަ ހުއްޓާލައިފިނަމަ ހުރްމުޒްގެ މައިންތައް ނައްތާލަން ޖަޕާނުން އެހީވަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ