މެޗު ޕްރެޝަރ ހޭންޑްލް ކުރެވިއްޖެނަމަ ނަތީޖާ ނެރެވޭނެ: ސައީދު

20 އަހަރުންދަށުގެ ސާފް ޗެމްޕިއަންޝިޕަށް ފައްކާކޮށްފައިވާ ޒުވާން ޓީމަކީ ހުނަރުވެރި މޮޅު ސްކޮޑެއްކަމަށާއި، މެޗުގެ ތެރޭގައި ހަމަޖެހިލައިގެން ތިބެ މެޗު ޕްރެޝަރ ހޭންޑްލް ކުރެވިއްޖެނަމަ ބޭނުންވާ ނަތީޖާ ނެރެވޭނެކަމަށް ގަބޫލުކުރާކަމަށް 19 އަހަރުންދަށުގެ ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗު އިބްރާހިމް ސައީދު ބުނެފިއެވެ.
މުބާރާތުގެ ކުރިން ޕީއެސްއެމްއިން ގެނެސްދެމުން އަންނަ ސާފް ޗެމްޕިއަންޝިޕް ޕްރީ-ޝޯގައި ވާހަކަދައްކަމުން ސައީދު އިތުރަށް ބުނެފައިވަނީ މުބާރާތަށް ތައްޔާރުކޮށްފައިވާ ސްކޮޑަކީ ތަޖުރިބާގެ ގޮތުންވެސް މުއްސަނދި ސްކޮޑެއްކަމަށެވެ. އެކުދިންނަކީ ބައިނަލްއަގްވާމީ މެޗު ތަޖުރިބާތަކުގެ އިތުރުން ބިދޭސީ ކޯޗުންނާއި އެކު މަސައްކަތްކޮށްފައިވާ ތަޖުރިބާ ހުރި ސްކޮޑެއްކަމަށެވެ.
ޓީމުގެ އެންމެ ކުއްޖެއް ފިޔަވާ ދެން ތިބި ކުދިންނަކީ މިހާރުވެސް ފަސްޓް ޑިވިޝަނުގައި ކުޅެމުންދާ ކުދިންނަށްވުމަކީ ޓީމު އިތުރަށް ވަރުގަދަވުމުގައި ބޮޑު ދައުރެއް އަދާކުރާކަމެއްކަމަށް ސައީދު ފާހަގަކުރިއެވެ.
"އަޅުގަނޑުމެންނަށް މިފަހަރު ފައްކާކުރެވިފަ، އެކުލަވާލެވިފަ މިތިބަ ސްކޮޑުގައި މިތިބީ އެކްސްޕީރިއަންސް ޕްލެޔަރުން. އޭޖް ގްރޫޕްތަކުގައި ރިޕްރެޒެންޓްކޮށްފަ ތިބި ޕްލެޔަރުން. ބޭރުގެ ކޯޗުންނާއި އެކު މަސައްކަތްކޮށްފަ ތިބި ޕްލެޔަރުން. އިންޓަނޭޝަނަލީ އެ އެކްސްޕޯޝަރ ލިބިފަ ތިބި ޕްލެޔަރުން. ގިނައީ ފަސްޓް ޑިވިޝަނުގައި އެކްޓިވް ޕްލެޔަރުން. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މިއީ ފުޓުބޯޅަތެރެއަށް ޅަ ޕްލެޔަރުންނެއް ނޫން" ސައީދު ބުންޏެވެ.
ބައިނަލްއަގްވާމީ މެޗުތަކުގައި ވާދަކުރާ އުމުރުފުރާގެ ޓީމުތަކަށް މީގެ ކުރިން ހެދޭ ގޯހަކީ މެޗުގެ ތެރެއިން އަންނަ ޕްރެޝަރު ހޭންޑްލްކުރުމުގައި ހެދޭ ކުދިކުދި ގޯސްތައްކަމަށް ސައީދު ފާހަގަކުރިއެވެ. އެކަމުގެ ނަތީޖާއަކަށްވަނީ މެޗުން ހާސިލްކުރަން ބޭނުންވާ ނަތީޖާ ލިބުމަށް ހުރަސްއެޅުންކަމަށާއި މިހާރުގެ ޒުވާން ޓީމުގެ ފަރާތުން އެކަން ފެންނަމުންދާ މިންވަރު ދަށްވެއްޖެކަމަށް ސައީދު ބުނެފަވެއެވެ.
"އަބަދުވެސް އަޅުގަނޑުމެންނަށް ދިމާވާ މައްސަލައަކީ އަޅުގަނޑު މީގެ ކުރިންވެސް ސާފުގެ މުބާރާތްތަކުގައި އޭޖް ގްރޫޕުގައި އެބަހުރި ލީޑްނެގިފައިވެސް، ނޫނިއްޔާ ނަތީޖާ ހަމަހަމަކުރެވިފަވެސް އެބަހުރި. އެކަމު މައްސަލަ މިދިމާވަނީ އެމެޗަކުން ހާސިލްކުރަން ބޭނުންވާ ކަންތައް ހާސިލްކުރެވިފައި، މިސާލަކަށް 3 ޕޮއިންޓު ނުވަތަ ޑްރޯއެއް ހޯދަންވިޔަސް އެމައްސަކަތަށް ބައެއް ފަހަރު ހުރަސް މިއެޅެނީ ތިބި ޕްލެޔަރުންގެ ޕްރެޝަރު ހޭންޑްލްކުރުމާއި ނުވަތަ މެޗް އެކްސްޕީރިއަންސާއި މިކަހަލަ ކަންތައްތަކުގެ ސަބަބުން" ސައީދު ބުނެފަވެއެވެ.
20 އަހަރުންދަށުގެ ސާފް ޗެމްޕިއަންޝިޕަށް ވަގުތު ކުޑަތަންވެފަވާއިރު ސައީދުވަނީ ޒުވާން ޓީމުގެ ކިބައިން ހަމަޖެހިލައިގެން ތިބެ ރަނގަޅު ޑިޒިޝަން ނެގުމަށް އިލްތިމާސްކޮށްފައެވެ. ޒުވާން ޓީމެއް ބައްޓަންވެގެންދާނީ ކުދިކުދި ގޯސްތައް ހެދިގެން އެކަމުން ކަންކަން ދަސްކޮށްގެންކަމަށާއި، އުންމީދަކީ މާބޮޑަށް ހާސްވެ ހެދޭ ގޯސްތައް ތަކުރާރުވާތަން ނުފެނުންކަމަށް ސައީދު ބުނެފަވެއެވެ.
"މީގަ މިޖެހެނީ ރަނގަޅު ޓައިމްގައި ރަނގަޅު ޑިޒިޝަން ނަގަން އާދަކުރަން. ކޮންމެގޮތެއްވިޔަސް ޔޫތް ޕްލެޔަރުންގެ ފަރާތުން ފެންނާނެ ނުބައި ޑިޒިޝަން، ނުވަތަ ކުޑަކޮށް ރަނގަޅުކޮށްލަންޖެހޭ ޑިޒިޝަންތައް ރިޕީޓްވަމުންދާތަން. ދެން އެކަހަލަ ކަންކަމުން ގްރޯވެސް ވާނީ. އަޅުގަނޑު ގަބޫލުކުރާގޮތުގައި މިދިޔަ އަހަރު ދިމާވި މެޗުގައި މާބޮޑަށް ހާސްވުން ކަހަލަ ކަންކަން މިފަހަރު ދިމާނުވާނެ" ސައީދު ބުންޏެވެ.
20 އަހަރުންދަށުގެ ސާފް ޗެމްޕިއަންޝިޕްގައި ޒުވާން ގައުމީ ޓީމު ފުރަތަމަ ވާދަކުރާނީ މުބާރާތް ހުޅުވާ މެޗުގައި ހޯމަ ދުވަހުގެ ރޭ ސްރީލަންކާއާއި ދެކޮޅަށެވެ. ދެވަނަ މެޗުގައި މިމަހުގެ 25 ވަނަ ދުވަހުގެ ރޭ ބޫޓާނާއި ދެކޮޅަށް ކުޅުމަށްފަހު ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ރާއްޖެ ނުކުންނާނީ އެންމެފަހުގެ ރަނަރަޕް ނޭޕާލާ ދެކޮޅަށެވެ.
އަންނަ ހޯމަ ދުވަހު މުބާރާތް ފަށާއިރު ވީހާވެސް ގިނަ ބަޔަކު ޓީމަށް ހިތްވަރު ދިނުމަށްޓަކައި ގަލޮޅު ދަނޑަށްވަދެ ގައުމީ ރަތްކުލައިން ދަނޑު ފުރާލަދިނުމަކީ ޓީމަށް ލިބިގެންދާނެ އިތުރު ހިތްވަރަކަށްވާނެއެވެ. ދިވެހިންނަކީ އެއްބަޔެއްކަން ސާބިތުކޮށްދިނުމަށް ލިބިގެން މިދަނީ އަނެއްކާވެސް ރަނުގެ ފުރުސަތެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ