ހޮރްމޫޒް ކަނޑުއޮޅި ހުޅުވާލުމަށް 48 ގަޑިއިރުގެ މުހުލަތެއްދީ، އެމެރިކާގެ ރައީސް ޑޮނަލް ޓްރަމްޕް، އީރާނަށް ވަރުގަދަ އިންޒާރެއް ދީފިއެވެ.
އެމެރިކާ އާއި އިޒްރޭލާ ގުޅިގެން އީރާނަށް ދިން ހަމަލާއާ ގުޅިގެން ފެށިފައިވާ ހަނގުރާމައާއެކު ދަތިކުރުމުގެ ފިޔަވަޅެއްގެ ގޮތުން އީރާނުން ވަނީ ހޮރްމޫޒް ކަނޑުއޮޅި ބަންދުކޮށްފައެވެ. ދުނިޔޭގެ ތެލާއި ލިކުއިފައިޑް ނެޗުރަލް ގޭސް (އެލްއެންޖީ) ގެ ގާތްގަނޑަކަށް 20 އިންސައްތަ މުދާ އުފުލާ އުޅަނދުތައް ދަތުރުކުރަނީ އެ ކަނޑުއޮޅިންނެވެ. އެހެންކަމުން، އެއީ ދުނިޔޭގެ ހަކަތައިގެ ސަޕްލައިއަށް ވަރަށް މުހިންމު ސަރަހައްދެކެވެ.
ޓްރަމްޕްގެ ’ޓްރުތު ސޯޝަލް‘ ޕްލެޓްފޯމް މެދުވެރިކޮށް ދެއްވި އިންޒާރުގައި ވިދާޅުވީ ހޮރްމޫޒް ކަނޑުއޮޅި ހުޅުވާލުމަށް 48 ގަޑިއިރުގެ މުހުލަތެއް އީރާނަށް ދޭ ކަމަށެވެ.
”މި ހިނދުން ފެށިގެން 48 ގަޑިއިރުގެ ތެރޭގައި، އެއްވެސް އިންޒާރަކާ ނުލައި، ހޮރްމޫޒް ކަނޑުއޮޅި އީރާނުން ފުރިހަމައަށް ނުހުޅުވައިފިނަމަ، އެމެރިކާއިން އެމީހުން [އީރާން]ގެ އެކި ކަރަންޓު އުފައްދާ މަރުކަޒުތަކަށް ހަމަލާދީ ސުންނާފަތިކުރާނެ. އެކަން ފަށާނީ އެންމެ ބޮޑު މަރުކަޒުން.،“ ޓްރަމްޕް ވިދާޅުވިއެވެ.
ވައިޓްހައުސް އިން ބުނެފައިވާ ގޮތުގައި މިއީ ދުނިޔޭގެ ހަކަތައިގެ ބާޒާރު ރައްކާތެރިކުރުމަށާއި، ދުނިޔޭގެ އެންމެ މުހިންމު އެއް ކަނޑުގެ މަގުގައި ދަތުރުފަތުރުގެ މިނިވަންކަން ކަށަވަރުކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅެކެވެ.
ޓްރަމްޕް އިންޒާރު ދެއްވާފައިމިވަނީ، އެ ސަރަހައްދުން ދަތުރުކުރާ ތެޔޮ ޓޭންކަރުތަކަށް އީރާނުގެ އަސްކަރީ އުޅަނދުތަކުން ހުރަސްއަޅާ ދަނޑިވަޅެއްގައެވެ. އެމެރިކާގެ އަސްކަރީ މަސްއޫލުވެރިން ބުނާ ގޮތުގައި، އެ ސަރަހައްދުގައި ހަރަކާތްތެރިވާ އެމެރިކާގެ މަނަވަރުތައް މިހާރު އޮތީ ”ހައި އެލާޓް“ ގައެވެ.
ވައިޓް ހައުސްއިން ފާހަގަކުރާ ގޮތުގައި، އެމެރިކާއިން ބޭނުންވަނީ ޑިޕްލޮމެޓިކް ހައްލެއް ނަމަވެސް، ބައިނަލްއަގުވާމީ ވިޔަފާރި މަގުތަކަށް އޮތް ނުރައްކާ މިހާރު އޮތީ ކެތްކުރެވޭ މިންވަރަށްވުރެ މަތީގައެވެ. އެހެންކަމުން، ދުނިޔޭގެ އިގުތިސާދަށް ކުރިމަތިވެދާނެ ލޮޅުމަކުން ސަލާމަތްވުމަށްޓަކައި ހަރުދަނާ ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށް އެމެރިކާއިން ދެކެއެވެ.
ޓްރަމްޕްގެ އެ އިންޒާރުގައިވާ ގޮތަށް އީރާނުގެ ކަރަންޓު އުފައްދާ މަރުކަޒުތަކަށް ހަމަލާދީފިނަމަ އިންސާނީ ބޮޑު ކާރިސާއެއް އުފެދި، މުޅި ސަރަހައްދުގައި ބޮޑު ހަނގުރާމައެއް ފެށިދާނެ ކަމަށް އދ. އާއި ބައެއް ގައުމުތަކުން ދެކެއެވެ.
އީރާނުގެ ދައުލަތުގެ މީޑިއާތަކުން ބުނާ ގޮތުގައި، އެމީހުންނަށް ހަމަލާއެއް ދީފިނަމަ، ގަލްފުގެ ސަރަހައްދުގައި ހުރި އެމެރިކާއާ ގުޅުންހުރި ހަކަތައިގެ މަރުކަޒުތަކަށް އީރާނުން ހަމަލާދޭނެއެވެ.
އީރާނުން ހޮރްމޫޒް ކަނޑުއޮޅި ބަންދުކުރުމާއި، ކަނޑުމަތީގެ އުޅަނދުތަކަށް ދެމުންގެންދާ ހަމަލާތަކުގެ ސަބަބުން، ފާއިތުވި ހަފުތާތަކުގައި ތެލުގެ އަގު ވަނީ އިންތިހާއަށް އުފުލިފައެވެ.
ޓްރަމްޕް އިންޒާރު: ހޮރްމޫޒް ނުހުޅުވައިފިނަމަ، އީރާންގެ ހަކަތައިގެ މަރުކަޒުތައް ސުންނާފަތިކޮށްލާނަން!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ