ގައުމީ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު އަންނަ ބުދަ ދުވަހު ހުޅުވާލަނީ

މިއަހަރުގެ ގައުމީ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު، އަންނަ ބުދަ ދުވަހު ހުޅުވާލުމަށް ނިންމައިފިއެވެ.
އިނާމަށް އެދި ފޯމު ހުށަހެޅުމަށް ހަމަޖެހިފައިވަނީ، އަންނަ ބުދަ ދުވަހުން ފެށިގެން އަންނަ މަހުގެ 30 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 2.00ގެ ނިޔަލަށެވެ.
މިއަހަރު އިނާމަށް ނަން ހުށަހެޅުމަށް ހަމަޖެހިފައިވަނީ ހަމައެކަނި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ”ފޯމު ހުށަހެޅުން“ ޕޯޓަލް މެދުވެރިކޮށްގެންނެވެ. އިނާމަށް އެދި ފޯމު ހުށަހަޅާއިރު ފޯމާއެކުގައި ހުށަހަޅަންޖެހޭ ލިޔުންތައް ހުށަހެޅުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ގައުމީ އިނާމާބެހޭ ކޮމިޓީން އެދެއެވެ.
ރައީސް އޮފީހުން ބުނީ ގައުމީ އިނާމަށް މިއަހަރުވެސް ހުޅުވާލުމަށް ނިންމާފައިވަނީ، މައިގަނޑު 39 ދާއިރާއަކުން ކަމަށާއި ކުރީ އަހަރުތަކެކޭ އެއްގޮތަށް، މިއަހަރުވެސް ގައުމީ އިނާމަށް ނަން ހުށަހެޅުމަށް އެދޭ އަމިއްލަ ފަރާތްތަކުންނާއި، ގައުމީ އިނާމަށް އެހެން ފަރާތެއްގެ ނަން ހުށަހަޅަން ބޭނުންވާ ފަރާތްތަކުންނާއި، ކުންފުނި، ޖަމިއްޔާ ޖަމާއަތް ފަދަ ތަންތަނުން ސަރުކާރުގެ އިދާރާއެއް މެދުވެރިނުކޮށް، ނަން ހުށަހެޅޭގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ. އަދި ސަރުކާރުގެ އިދާރާތަކުންނާއި، މިނިވަން މުއައްސަސާތަކުންވެސް ގައުމީ އިނާމަށް ނަން ހުށަހެޅޭ ގޮތަށް ހަމަޖައްސާފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ގައުމީ އިނާމު ދިނުމަށް ހަމަޖެހިފައިވަނީ ގައުމީ ދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމީ ޖަލްސާގައެވެ.
ރައީސް އޮފީހުން ބުނީ ގައުމީ އިނާމަށް ނަން ހުށަހެޅުމުގެ މުއްދަތު ހަމަވުމަށްފަހު، ދިވެހި ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތުވެސް ގައުމީ އިނާމާ ބެހޭ ކޮމިޓީން ހުޅުއްވައިލާނެ ކަމަށެވެ. އެ ފުރުސަތު ހުޅުއްވާލުމަށް ހަމަޖެހިފައިވަނީ، އަންނަ މެއި މަހުގެ 6 ވަނަ ދުވަހު ކަމަށް ރައީސް އޮފީހުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ