އިޤުރާރުވީމޭ ލޯބިން - 15
ލިފްޓުން ފޭބުމަށްފަހު، އައިރާގެ އެޕާރޓްމެންޓު ކައިރިއަށް ގޮސް އޭނަ ހުއްޓުނެވެ. ރެސްޓޯރެންޓުން ފެނުނު މަންޒަރުވެސް އެވަގުތު ހަނދާންވިއެވެ. އެ ޒުވާނާއާ އައިރާއާ އޮތް ގުޅުން ނޭނގޭތީ ސިކުނޑީގެ ނާރުތަކަށް ވާންވަމުން ދިޔައެވެ. އެންމެފަހުން ޒަހްރާން އައިރާ އުޅޭ އެޕާރޓްމެންޓުގައި ބެލް އަޅާލައިފިއެވެ. ބާރަށް ތެޅެން ފެށި ހިތް ހަމައަކަށް އަޅުވާނެ ގޮތެއް ނޭނގި ޒަހްރާނަށް މެއާ ދިމާލުގައި އަތްވެސް ޖައްސައިލެވުނެވެ. ކުރެވެނީ ރަނގަޅުކަމެއް ނުވަނަ ނޫންކަމެއްވެސް އޭނައަކަށް ނޭނގުނެވެ. އެނގޭހާވެސް އެއްޗަކީ އޭނަގެ ހިތުގެ ބޭޤަރާރުކަމުގެ ކުރިމަތީގައި ގޮތް ދޫކުރަން މަޖުބޫރު ވެފައިވާކަމެވެ. އެ ހިތުގެ ނުކިޔަމަންތެރިކަމުގެ ކުރިމަތީގައި އިސްޖަހައިލަން މަޖުބޫރުވެފައިވާކަމެވެ. އައިރާއާ މެދު ހިތުގައި އުފެދުނު ކިލަނބުކަން އެގޮތުގައި ބާއްވާކަށް ޒަހްރާންގެ ޒަމީރު ތަނެއް ނުދެއެވެ. އެ ކަމުގެ ސަބަބުން އޭނަގެ ހިތަށް ވާ އުނދަގޫތަކަށް ލުޔެއް ޒަހްރާން ބޭނުމެވެ. އައިރާއާ މެދު އޭނަގެ ހިތުގައި ޝައްކާ ވަހުމުގެ ޒައްރެއްގެ މިންވަރުވެސް ހިތުގައި ބާއްވާކަށް އޭނަ ނޭދެއެވެ. ސަބަބުތަކެއް ނެތިއެއް ވެސް ނޫނެވެ. ޒަހްރާނަށް ނޭނގުނު ނަމަވެސް، އޭނަގެ ހިތް ދިޔައީ މަޑުމަޑުން އައިރާގެ މައްޗަށް ލެނބެމުންނެވެ. އެހުރިހާކަމެއް ކުރުވުމަށް ޒަމީރު އޭނައަށް މަޖުބޫރުކުރުވާ ސަބަބަކީ އެއީއެވެ. ސްކްރީނުން ބޭރު ބަލަހައްޓައިގެން ހުރި އައިރާގެ މޫނުމަތީންވެސް ފެންނަނީ ހައިރާންކަމެކެވެ. ބެލް އަޅާލުމަށްފަހު ބޭރުގައި މަޑުކޮށްލައިގެން ހުރީ ޒަހްރާނެވެ. ދޮރު ހުޅުވާލަންވެސް ނޭނގިފައި އޭނައަށް ހުރެވުނެވެ. އެހެން ހުއްޓާ ދެވަނަ ފަހަރަށްވެސް ޒަހްރާން ބެލް އަޅާލައިފިއެވެ. އަމިއްލަ މީހާ ހަމައަކަށް އަޅުވަމުން އައިރާ ދޮރު ހުޅުވައިލަން ނިންމި ނަމަވެސް، އޭނަގެ ހިތުގައި ނުތަނަވަސްކަމެއް ވެއެވެ. ޒަހްރާންގެ މޫނުމަތީން ފެނުނު އަސަރުތައް ހަނދާންވުމުން ކުޑަކޮށް ހިތަށް އުނދަގޫވެސް ވިއެވެ. އައިރާ ދޮރު ހުޅުވައިލުމާއެކު ދެމީހުންގެ ހަތަރު ކަޅި ބައްދަލުވެގެން ދިޔައެވެ. ޒަހްރާންގެ މޫނުމަތީން ފެންނަނީ ބުނެދޭން ނޭނގޭ އަސަރުތަކެކެވެ. ހަމައެއާއެކު އައިރާގެ މޫނުމަތީންވެސް ހައިރާންކަން ފާޅުވަމުން ދިޔައެވެ. އައިރާ އެއްޗެއް ނުބުނި ނަމަވެސް ޒަހްރާނާ ނަޒަރު ވަކިކޮށްލަމުން އޭނަ ދުރުބަލައިލިއެވެ. އައިރާ އިންތިޒާރުކުރީ ޒަހްރާން ވާހަކަ ދައްކަންދެނެވެ. އިސްވެ ބުނާނީ ކީކޭކަމެއް އޭނަގެ ސިކުނޑިއަކަށް ނުވެސް ނައެވެ. "އެއީ.... އެއީ ކާކުތަ؟" ކުޑަ ޖެހިލުންވުމަކާއެކު ޒަހްރާން ސުވާލުކޮށްލިއެވެ. އޭނައަށް ކެތްނުވީއެވެ. އައިރާގެ އެޕާރޓްމެންޓަށް އެމީހަކު އަންނާނީ އޭނަގެ ހިތަށް އުނދަގޫވަނީއެވެ. ނުތަނަވަސްވެ މީހާ ހާސްކުރުވަނީއެވެ. ޚާއްސަކޮށް މިރޭ ފެނުނު މަންޒަރުންނެވެ. އައިރާ އަކީ ގޯސް އަންހެން ކުއްޖަކަށް ނުވާނަމަ، އެ ދެމެދުގައި ފައިސާގެ މުޢާމަލާތެއް ކުރެވެންވީ ކީއްވެހެއްޔެވެ؟ އައިރާގެ މައުސޫމްކަމުގެ ފަހަތުގައި ފޮރުވިފައިވަނީ ކޮން ކަންތައްތަކެއް ހެއްޔެވެ؟ ހިތުގައި ވި ޝައްކުގެ ސަބަބުން އުނދަގޫކަމެއް ވެރިވެ ހިތްވެސް ކޮންމެވެސް ވަރަކަށް ތެޅިލިއެވެ. "ކިހިނެއްވީ؟" ޒަހްރާންގެ ސުވާލުން އައިރާއަށް ހައިރާންކަން ލިބުނެވެ. އޭނަ ޒަހްރާނަށް ބަލައިލިއެވެ. އެ މޫނުމަތީގައިވި ކުލަވަރުތައް ބަލައިލަން އޭނަ ބޭނުންވީއެވެ. އޭނައާ މެދު ޝައްކުގެ ނަޒަރަކުން ޒަހްރާން ބަލަމުން ދިޔަކަން އައިރާއަށް އެނގެއެވެ. އެ ސުވާލަށް ޖަވާބު ދޭން އޭނަ ބޭނުންނުވީ އެހެންވެ ކަންނޭނގެއެވެ. މީގެ ކުރިންވެސް، އެއްވެސް ކަމެއްގައި އޭނަގެ ކުށެއް ނެތްނަމަވެސް، އެންމެންވެސް އިނގިލި ދިއްކުރީ އޭނައަށެވެ. މަންމަގެ ކުށުގެ ސަބަބުން، އެކަމުގެ ހުރިހާ ހިތާމައެއް ލިބުނީވެސް އޭނައަށެވެ، ވީއިރު، އަޑު އިވުނު ވާހަކަތަކާއި، ފެނުނު މަންޒަރުތަކުން ޒަހްރާންވެސް ޤަބޫލުކުރާނީ އެހެން މީހުންވެސް ހީކުރާ ގޮތަކަށެވެ. އޭނައަށް ބަލާނީ އެހެން މީހުންވެސް ބަލާ ނަޒަރުންނެވެ. އެހެން މީހުންނެކޭ އެއްގޮތަށް ޒަހްރާންވެސް ޤަބޫލުކުރާނީ ފެނުނު މަންޒަރެވެ. ވީއިރު ބޭކާރުކަމެއް ކުރުމުގެ މާނައެއް ނެތެވެ. އޮޅުންފޮލުވައި ދިނުމުގެ ބޭނުމެއް ނެތެވެ. އެކަމުން އޭނަގެ ހިތަށްވެސް ލިބޭނީ އިތުރު ތަކުލީފެކެވެ. "ބުނެބަ. އެއީ ކާކުތަ؟ އޭނަ ކީއްވެ އައިރާގެ އެޕާރޓްމެންޓަށް އަންނަންވީ؟" ޒަހްރާނަށް ސުވާލުކޮށްލެވުނެވެ. ކެތްތެރިކަމެއް ނެތި އޭނަ އައިރާގެ ޖަވާބަކަށް އިންތިޒާރުކުރަމުން ދިޔައެވެ. އައިރާގެ ފަރާތުން ޖަވާބު ނުލިބޭނެހެން ހީވުމުން ބޭޤަރާރުކަމެއް ވެސް އަޑުގައިވެއެވެ. "އަހަރެން ބުނާ އެއްޗެއް ޒަހްރާން ޤަބޫލުކުރާނަންތަ؟" އައިރާ ސުވާލުކޮށްލިއެވެ. އޭނަގެ އަޑުގައި މޮޅިވެރިކަމާ އެއްވަރަށް ވޭނީ އަސަރެއް ވެއެވެ. "އައި ނޯ ދެޓް ލުކް. ތީ އެހެން އެންމެންވެސް އަހަންނަށް ބަލާ ގޮތް... ޝައްކުގެ ނަޒަރަކުން... އަހަންނާ މެދު ކިލަނބުކަމެއް ތި ދެލޮލުން އެބަ ފެނޭ....." އައިރާއަށް ބުނެވުނެވެ. އެހިނދު އޭނަގެ ދެލޯ ފެންކަޅިވެސް ވިއެވެ. ޒަހްރާނަށް އުނދަގޫވީ އެ މަންޒަރުންނެވެ. އޭނަގެ އެ ސުވާލާއެކު، އައިރާގެ މޫނުމަތި އެކީ މިލައިގެން ހިނގައްޖެއެވެ. ހީވީ ހިތާމައިގެ ސާލެއް އޭނަގެ މުޅި ގައިގައި އޮޅާލެވުނު ހެންނެވެ. ޒަހްރާންގެ ކުރިމަތީގައި އިސްޖެހިގެން އައިރާ ދިޔައެވެ. "އައިރާ... އަހަރެން...." އައިރާގެ އެ އަމަލުން ޒަހްރާންގެ ހިތުގައި ރިއްސައިލިއެވެ. އޭނަ ވާހަކަ ދައްކަން އުޅުނު ނަމަވެސް އައިރާ އެ ފުރުސަތެއް ނުދިނެވެ. "އަހަރެން ކިތަންމެ ވަރަކަށް ކިޔައިދިނަސް އެކަކުވެސް ޤަބޫލެއް ނުކުރާނެ... ޒަހްރާނަށް ފެނުނު މަންޒަރުން ކޮންމެ މާނައެއް ނެގިޔަސް އަހަންނަށް ވަރިހަމަ. އީލާފްވެސް ގޮތް ނިންމީ ހުރިހާ ހަޤީޤަތެއް އެނގިގެނެއް ނޫން... ދިމާވާ ކޮންމެ ތަނަކުން، ހުރިހާ އެންމެނަށް އެއްކަމެއް އޮޅުން ފިލުވައިދޭން މަސައްކަތްކޮށްކޮށް އަހަރެން ވަރުބަލިވެއްޖެ. އައި ކާންޓް ޑޫ ދިސް އެނީމޯ. ހެއްދެވި ފަރާތް ދެނެވޮޑިގެންވޭ އަހަރެން ގޯސް ގޮތަކަށް ނޫޅޭކަން." އައިރާއަށް ބުނެވުނެވެ. ރިހާމްއަކީ އޭނަގެ ފިރިމީހާއޭ ބުނަންވެސް ބޭނުންނުވީ ޒަހްރާންގެ މޫނުމަތިން ފެނުނު ކުލަވަރުތަކުންނެވެ. "އެހެން ނޫނަސް ޒަހްރާން ނުޖެހޭނެ އަހަރެންގެ ޒާތީ ދިރިއުޅުމާ މެދު ޝައުޤުވެރިވާކަށް. ލެޓް މީ ބީ..." އައިރާއަށް ބުނެވުނެވެ. "އައިރާ..." ޒަހްރާންގެ ގޮވައިލުމުގައި ވޭނީ އަސަރެއް ވެއެވެ. "އެއްވެސް ކަމެއް އެކްސްޕްލެއިން ކޮށްދޭކަށް ބޭނުމެއް ނޫން. އެކްސްޕްލެއިން ކޮށްދޭކަށް ނުވެސް ޖެހޭނެ!" އެހެން ބުނެލުމާއެކު އައިރާ ދޮރު ޖެހިއެވެ. ޒަހްރާނަށް އިތުރު އެއްޗެއް ބުނާކަށް ފުރުސަތެއް އައިރާ ނުދިނެވެ. ޒަހްރާން އެގޮތުގައި އިރުކޮޅަކު ހުއްޓެވެ. އައިރާގެ ވާހަކަތަކުން އޭނަގެ ހިތުގައި ހީވީ މީހަކު ގޮށްމުށުގެ އެތިފަހަރެއް ވީއްލައިލިހެންނެވެ. ފެނުނު މަންޒަރާއި، އައިރާގެ ވާހަކަތަކަށް ވިސްނައިލެވުމުން ހިތަށް ތަދުވި ނަމަވެސް، ޤަބޫލުކުރަންވީ ކޮން ކަމެއްކަމެއް ނޭނގުނެވެ. އެހެންނަމަވެސް ހިތް ބުރަވަނީ އައިރާގެ ވާހަކަތަކަށެވެ. އައިރާ ގޯސް ގޮތަކަށް ނޫޅޭނެކަމުގައެވެ. ފުންނޭވާއެއް ދޫކޮށްލެވުމާއެކު، ބޮލުގެ އިސްތަށިގަނޑުގެ ތެރެއަށް އަތް މަހައިލެވުނެވެ. ދޮރުފަތުގައި ލެނގިލައިގެން އައިރާ ހުއްޓެވެ. ވިސްނަންވީ ކޯންޗެއްކަން ނޭނގިފައެވެ. ޒަހްރާން އޭނައާ މެދު ޝައުޤުވެރިވާންވީ ކިއްވެގެން ހެއްޔެވެ؟ ރިހާމްއަކީ ކާކުތޯ އޮޅުން ފިލުވަން ބޭނުންވަނީ ކީއްވެގެންހެއްޔެވެ؟ ރިހާމް އަކީ އޭނަގެ ފިރިމީހާކަމަށް ބުނަން ބޭނުންވި ނަމަވެސް ފަސްޖެހުނީ ޒަހްރާންގެ މޫނުމަތީން ފެނުނު ކުލަވަރުތަކުންނެވެ. ފުރަތަމަ ފަހަރަށް އޭނައަށް އެމޫނުމަތީން އޭނައާ މެދު ކިލަނބުކަމެއް ފެނިގެން ދިޔުމުންނެވެ. އެކަމުން އައިރާގެ ހިތަށްވެސް ތަދުވިއެވެ. އެ ހުރިހާކަމަކީ އޭނަގެ ކުށެއް ނޫންކަމުގައި ބުނެލި ދުލުން އޭނައާ މެދު ޝައްކުކުރުމުން ހިތުގައި ޝަކުވާ އުފެދުނެވެ. މެއާ ދިމާލުގައި އައިރާއަށް އަތް ޖައްސައިލެވުނެވެ. ދެލޮލުގެ ތެރެއަށް ޖަމާވި ކަރުނަތައް ހިންދާލަން މަސައްކަތްކުރި ނަމަވެސް ކާމިޔާބު ނުވެ ކަރުނަތައް އޭނަގެ ދެ ކޯތާފަތް މަތީން ތިރިއަށް ރޮނގުދެމިގެން ދާން ފަށައިފިއެވެ. ***** "އޯކިޑްވިލާގެ" ނުވަނަ ވަނަ ފަންގިފިލާގެ ސިޓިން ރޫމުގައި ދާނިޔާ ހުރީ ދެކޮޅަށް ހިނގާލަ ހިނގާލައެވެ. އޭނަގެ މޫނުމަތީން ފެންނަނީ ކަންބޮޑުވުމާއި ނުތަނަވަސްކަމެކެވެ. އެ މަންޒަރު ބަލަން ސޯފާގައި އިން ޝާފިޔާ މިހާރު ދެފަހަރަކު ދާނިޔާއަށް ގޮވާވެސް ލައިފިއެވެ. އެކަމަކުވެސް ދާނިޔާގެ ހަރަކާތްތަކަކަށް މަޑުޖެހުމެއް ނައެވެ. އޭނަ ނުތަނަވަސްކަމާއެކު، ދެކޮޅަށް ހިނގަމުން ދިޔަ ގޮތުން ހީވަނީ ކެތްތެރިކަން ކުޑަވެފައިވާ ހެންނެވެ. "ދާނިޔާ... އިހަށް އާދެބަލަ މިތާ އިށީންނަން." ޝާފިޔާ އަނެއްކާވެސް ގޮވާލިއެވެ. މިފަހަރު ދާނިޔާ ޝާފިޔާއަށް ބަލައިލިއެވެ. "އާދެބަލަ. މިހާރު ރިހާމް އަންނަން އުޅޭނެޔޭ.." "ރިހާމް އެގެއަށް ދިޔަކަން އެނގުމުން ހަމަ ހިތަށް އުނދަގޫވަނީ އޭ މަންމާ... ކީއްވެތަ ރިހާމް އެ އަންހެންކުއްޖާ ވަރިނުކުރަން އެ އުޅެނީ؟" ދާނިޔާ އައިސް ޝާފިޔާއާ ގާތުގައި އިށީނދެލިއެވެ. އޭނަ ޝަކުވާ ކޮށްލިއެވެ. އެހެން މީހަކާ ރިހާމް ހިއްސާކުރަން އޭނަގެ ހިތެއް އެއްބަހެއް ނުވެއެވެ. "މަންމަ ވަރަށް އުޅެފިން ދަރިފުޅުމެން ދެކުދިންގެ ކައިވެނީގެ ކުރިން އެކަންތައް ރިހާމް ލައްވާ ކުރުވޭތޯ. އެކަމަކު އޭނަ އެއްބަހެއް ނުވި. މަންމަ ހިތަށް އަރާ، ކޮން ސިފައެއްބާއޭ ރިހާމްއަށް އެ އަންހެނާގެ ކިބައިން ފެނިގެން އެ އުޅެނީ..." ޝާފިޔާގެ އަޑުގައިވެސް ވަނީ ފޫހިކަމެކެވެ. "ކޮބާތަ ރިހާމް؟" ދާނިޔާއަށް ގަޑިއަށް ބަލައިލެވުނެވެ. އޭނަ އެގެއަށް އައިތަނާ ޝާފިޔާގެ ފަރާތުން ރިހާމް އޭނަގެ އަންހެނުން ކައިރިއަށް ދިޔަކަން އެނގުނު ފަހުން، ދާނިޔާގެ ހިތަކަށް ހަމަޖެހުމެއް ނުލިބެއެވެ. އޭނަ ގުޅުމުން ރިހާމް އެބަ ދަމޭ ބުނެލި ނަމަވެސް، ނުތަނަވަސްކަމަށް ލުޔެއް ވެސް ނުލިބުނެވެ. "އޭނަ އަންނާނެ. ދާނިޔާ ގުޅީމަ ނައިސް ނުހުންނާނެކަން މިހާރު އެނގެންވާނެއެއްނު. ރިހާމް މިހާރު ދާނިޔާ ދެކެ ލޯބިވެޔޭ. ދާނިޔާގެ ހިތްވަރެއް ހުރިއްޔާ، އެ ނުބައި އަންހެނާގެ ކިބައިން ރިހާމް ސަލާމަތްކުރުމަކީ އުނދަގޫކަމަކަށް ނުވާނޭ..." ޝާފިޔާ ދާނިޔާގެ އަތުގައި ހިފައްޓައިލާ އެއަތަށް މަޑުމަޑުން ފިތައިލިއެވެ. "އެކަމަކު އަދިވެސް ރިހާމް އޭނަ ކައިރިއަށް ދިޔުމެއް ނުހުއްޓެއެއްނު." ދާނިޔާއަށް ބުނެވުނެވެ. އޭނަގެ އަޑަށް މަޑުމޮޅިކަމެއްގެ އަސަރުވެސް ވެރިވިއެވެ. "ހުއްޓޭނެ. މަންމަ ބުނީތީވެސް ޔަޤީންކުރޭ... މީގެ ކުރިން ރިހާމް ދާނިޔާއާ އިންނާކަށްވެސް ބޭނުމެއް ނުވިއެއްނު. އެކަމަކު މިހާރު އޭނަ ކިހާވަރަކުން އެ އުޅެނީ. ރިހާމްއަށް ވިސްނެން ވަގުތުކޮޅެއް ނެގިޔަސް، އޭނައަށް އަދި ހުރިހާކަމެއްވެސް ވިސްނޭނެ. އެ ދުވަހަކުން ދާނިޔާ ނޫން މީހަކަށް ރިހާމްގެ ޙަޔާތަކުން ފުރުސަތެއް ނޯންނާނެ. ރިހާމްވާނީ ހަމައެކަނި ދާނިޔާގެ މީހަކަށް. އެހެންވީމަ ކުޑަ ކުޑަ ހިތްވަރެއް ކޮށްލާ. ރިހާމްއަކީ ހަމައެކަނި ދާނިޔާގެ މީހަކަށް ހަދަން ބޭނުމިއްޔާ ދާނިޔާ ޖެހޭނެ ކެތްތެރިވާން." ޝާފިޔާ ދާނިޔާއަށް ވިސްނައިދެމުން ދިޔައެވެ. "އަހަރެން ރިހާމް ދެކެ ވަރަށް ލޯބިވޭ...." ދާނިޔާ ބުނެލިއެވެ. "މަންމައަށް އެނގެޔޭ. ދާނިޔާ މަންމަމެންނަށް ރިހާމް އެހެން މީހަކާ އިނދެގެން އުޅޭކަން އެނގޭނެމަ މި ކައިވެންޏަށް ދުވަހަކު އެއްބަހެއް ނުވާނެ. އެހުރިހާކަމެއް ސިއްރުކޮށްގެން ތިއުޅެނީވެސް ރިހާމް ދެކެ އެހާ ލޯބިވާތީކަންވެސް އެނގޭ" ޝާފިޔާ ބުނެލިއެވެ. "އަދި ކުރިއަށް އޮތް ތަނުގައިވެސް މަންމައަށް ޔަޤީން ދާނިޔާގެ މަންމަމެންނަށް މިހުރިހާކަމެއް ސިއްރުކޮށްދޭނެކަން." ހަޤީޤަތުގައި ޝާފިޔާ ދިޔައީ ދާނިޔާގެ ވިސްނުމާ ކުޅެމުންނެވެ. އެކަން ދާނިޔާއަކަށް ވެސް ރޭކާއެއް ނުލައެވެ. އޭނަ ހުންނަނީ އެއަށްވުރެ ބޮޑަށް ރިހާމް އޭނަގެ މީހަކަށް ހަދަން އަޒުމު ކަނޑައަޅައިގެންނެވެ. "އޭނައަށް ކިޔަނީ ކޮން ކަމެއްތަ؟ ދުވަހަކުވެސް އެ އަންހެނާގެ ނަމެއް ނުބުނަމެއްނު." ދާނިޔާ ބުނެލިއެވެ. "އައިރާ.... ބައްޕަ ނެތް ރާއްޖެތެރޭ ސުންޕާ އަންހެނެއް. މަންމައަކީ ހަށިވިއްކާ މީހެއް.... މައުސޫމްކަމަށް ހެދިގެން އަހަރެންގެ ދަރިފުޅު އަތު އަޅުވައިލީ. ވަރަށް ފޫހިވޭ. " ޝާފިޔާއަށް އޭނަގެ ރުޅިވެރިކަން ސިއްރެއް ނުކުރެވުނެވެ. "ރިހާމްއަށް ނުވިސްނެނީ ކީއްވެތަ؟ އެހާ ފަކުރު މީހަކާ އެކީ ކިހިނެއް އުޅޭނީ." ދާނިޔާއަށްވެސް ދެފަރާތަށް ބޯ ހޫރައިލެވުނެވެ. "އެ އަންހެނާ ރިހާމްއަށް ޖެއްސީ ކޮންފަދަ ސިހުރެއް ކަމެއް ވެސް ނޭނގެ. އޭނަ ރިހާމްގެ ދިރިއުޅުމަށް އައިފަހުން އަހަރެމެން އެންމެންގެ ހިތުގެ ހަމަޖެހުން ގެއްލުވާލައިފި." ޝާފިޔާ ބުނެލިއެވެ. އިތުރަށްވެސް ވާހަކަ ދައްކަން ޝާފިޔާ ބޭނުންވިއެވެ. އެހެންނަމަވެސް، ދެން އެއްޗެއް ނުބުނެވިގެން އުޅެނިކޮށް ގޭގެ ދޮރު ހުޅުވާލާފައި ރިހާމް އެތެރެއަށް ވަދެއްޖެއެވެ. އޭނަގެ ލޮލުގައި ދާނިޔާ އަޅައިގަތުމާއެކު، ހިނިތުންވެލަމުން އެ ދިމާލަށް އައެވެ. "ކޮންތާކުން ތިއައީ؟ އަހަރެން އައިސް އިންނަތާ ކޮން އިރެއް؟" ދާނިޔާ ބުނެލިއެވެ. "ކުޑަކަމަކު ބޭރަށް ގޮސްލާފަ މިއައީ... " ރިހާމް ކުރުކޮށް ޖަވާބެއް ދިނެވެ. "ކުޑަ ޝޮޕިންއެއް ކޮށްލަން ދާން އެބަ ޖެހޭ... އަހަންނާއެކީ ރިހާމްއަށް ދެވޭނެ ދޯ." ދާނިޔާ ބުނެލިއެވެ. "އޮފްކޯޒް.... ހިނގާ ދާން..." ރިހާމް އެހެން ބުނެލުމާއެކު، ދުވެލާފައި ކަހަލަ ގޮތަކަށް އައިސް ދާނިޔާ ރިހާމްގެ އަތުގެ މުލައްދަނޑީގައި ހިފައްޓާލައިފިއެވެ. ރިހާމްވެސް ދާނިޔާއަށް ބަލައިލިއެވެ. އެ މަންޒަރު ބަލަން ހުރި ޝާފިޔާގެ ތުންފަތް މަތީގައި ހިނިތުންވުމެއް ދުވެލިއެވެ. ދާނިޔާވެސް ޝާފިޔާއަށް ބަލައިލީ ކާމިޔާބުގެ ހިނިތުންވުމަކާ އެކުގައެވެ. އެއަށްފަހު އޭނަ ރިހާމްއާ އެކު ގޮސް ގެއިން ނުކުމެއްޖެއެވެ. "ސައިކަލުގަ ދޯ ދާނީ..." ބޭރަށް ނުކުތުމާއެކު، ދާނިޔާ ބުނެލައިފިއެވެ. ރިހާމްވެސް އެންމެ ރަނގަޅޭ ބުނެލުމަށްފަހު ސައިކަލަށް އަރާ ދާނިޔާއަށް އިޝާރާތްކޮށްލިއެވެ. ދާނިޔާވެސް ސައިކަލަށް އެރުމަށްފަހު، ރިހާމްގެ އުނަގަނޑުގައި އަތް އަޅުވައިލިއެވެ. އޭނަ އިނީ ރިހާމްއާ ޖެހި ފިތިގެންނެވެ. ހީވީ އެ ދެމެދަށް ވައިރޯޅިއެއްހާ މިންވަރުވެސް ވަންނަން ޖާގަ ދޭން ބޭނުންނުވާހެންނެވެ. ރިހާމްވެސް ދާނިޔާ ދުރުކޮށްލާކަށް ނޫޅުނެވެ. އޭނަ ސައިކަލު ދުއްވާލައިފިއެވެ. ***** ރިހާމްއާއި ދާނިޔާގެ ކައިވެނީގެ ދުވަސް އައިސް ޖެހިއްޖެއެވެ. ކައިވެނީގެ ހަފްލާ ބޭއްވީ، އާރބަން ކޮންސްޓަރަކްޝަން ކުންފުނިން މާލޭގައި އިމާރާތްކުރި ފަސްތަރީގެ ހޮޓެލެއް ކަމުގައިވާ "ހޮޓެލް ރޫބީ" ގެ ބެންކުއެޓް ހޯލުގައެވެ. ކައިވެނިކުރާ މޭޒު ދޮށުގައި ތިބި ދާނިޔާއާއި ރިހާމްގެ ތުންފަތް މަތީގައިވެސް ވަނީ ހިނިތުންވުމެކެވެ. ޚާއްސަކޮށް ދާނިޔާގެ އުފާވެރިކަމަށް ނިމުމެއް ނާދެއެވެ. ހުދުކުލައިގެ ކައިވެނީގެ ހެދުމުގައި އޭނަ ވަރަށް ވެސް ފުރިހަމައެވެ. އިށީނދެގެން އިންއިރު ހެދުމުގެ ބޮޑު ބައި ވަނީ ބިންމަތީގައެވެ. އޭނަ އިނީ ހުދުކުލައިގެ ވިދާ ވެއިލްއިން ކުޑަކޮށް އިސްތަށިގަނޑު ނިވާކޮށްލައިގެންނެވެ. ކޮށްފައިވާ ލުއި މޭކަޕުގައި ދާނިޔާ ފެންނަނީ ވަރަށް ވެސް ހިތްގައިމުކޮށެވެ. ހަމައެގޮތަށް ރިހާމްވެސް ވަރަށް ފިރިހެންވަންތައެވެ. ހުދާ ކަޅުކުލައިގެ ކޯޓު ފަޓްލޫނުގައި އިންއިރު، އިރުއިރުކޮޅަކާ އޭނަގެ ނަޒަރު، ދާނިޔާއަށް ހުއްޓެވެ. ރިހާމްގެ ދުލުން އަނބި ޤަބޫލުކޮށްފީމޭ ބުނެލި ވަގުތު، ދާނިޔާގެ ހިތުގައި ފިނި ފިނި ރާޅެއް ދަތުރުކޮށްލިއެވެ. ހަމައެއާއެކު އުފާވެރިކަމުގެ ވިންދެއް އެ ހިތުގައި ޖަހައިލިއެވެ. އެތަކެއް ދުވަހެއްގެ އިންތިޒާރަކަށްފަހު، އެންމެފަހުން ރިހާމް އޭނަގެ ހައްޤަކަށްވީއެވެ. އޭނަގެ މީހަކަށްވީއެވެ. ކައިވެނީގެ ހަފްލާ ފެށިގެން ކުރިއަށް ދަނިކޮށް ރިހާމްގެ ފޯނު ދެފަހަރަކު ރިންގުވިއެވެ. ޖީބުން ނަގާ ބަލައިލިއިރު ގުޅަނީ އައިރާއެވެ. ދާނިޔާގެ ދަތްކުނޑި ވިކިގެން ދިޔައެވެ. "އައިރާ ދޯ..." ދާނިޔާ އޭނަ އިޙްސާސްތައް ހަމައަކަށް އަޅުވައިލަމުން ސުވާލުކޮށްލިއެވެ. ކިތަންމެ ފޫހިވިޔަސް، އެވަގުތު ރިހާމްއަށް އެ އަސަރުތައް މޫނުމަތިން ދައްކަން އޭނަ ބޭނުމެއް ނުވިއެވެ. "އަޅާނުލާ..." ފަރުވާކުޑަގޮތަކަށް ރިހާމް ބުނެލިއެވެ. އެއަށްފަހު، ފޯނު ނިއްވާލާފައި އޭނަ ޖީބަށް ފޯނު ލިޔެވެ. އެކަމުން ދާނިޔާގެ ތުންފަތް މައްޗަށް މައުނަވީ ހިނިތުންވުމެއް ވެރިވިއެވެ. ދާނިޔާއާ ރިހާމްއަށް ބަލަހައްޓައިގެން ހުރި ޝާފިޔާ ވާހަކަ ދެއްކީ ކައިރީގައި ހުރި ރަޝީދާއެވެ. "މީ އަހަރެން ދެކެން ބޭނުންވި ދުވަހަކީ.... އެ ދެކުދިން ކިހާ ގުޅޭތަ؟ އެ އައިރާ މިދޭތެރެއަށް ނުވަތްނަމަ މި މަންޒަރު އަހަރެމެންނަށް ފެންނާނެތާ ކިތަންމެ ދުވަހެއް." ޝާފިޔާ ބުނެލިއެވެ. "ދެން އެކަމާ ނުވިސްނާ. މި އުފާވެރި ރޭގެ އުފާވެރިކަން ޚަރާބުކޮށްނުލާ..." ރަޝީދުވެސް ބުނެލިއެވެ. އެވަގުތު ހަނީފާއާއި، އިމާދާ ދެމީހުންވެސް އެތަކަށް އަތުވެއްޖެއެވެ. އެންމެންގެ މޫނުމަތީންވެސް ފެންނަނީ އުފާވެރިކަމަކެވެ. ***** ރިހާމްގެ ބޭވަފާތެރިކަމުގެ ހިލަމެއްނުވާ ހާލު އައިރާ، އޭނަގެ އަތުގައި އޮތް ރިޕޯޓަށް ބަލައިލަމުން، ރިހާމްއަށް ގުޅަން މަސައްކަތްކުރިއެވެ. އޭނަ ގުޅަން ފެށުމުން ރިހާމް ގަސްތުގައި ފޯނު ނިއްވައިލީކަން އެނގުނު ހިނދު އޭނަގެ ހިތުގައި ހީވީ މީހަކު ގޮށްމުށްކަވާފައި ޖެހިހެންނެވެ. ދެލޮލުގެ ތެރެއަސށް ޖަމާވި ކަރުނަތައް ހޯސްލާފައި ކޯތާފަތް މަތީން ތިރިއަށް ރޮނގު ދެމިގެން ދާންފަށައިފިއެވެ. އިސާހިތަކު އޭނަގެ ރުއިން މަޑު ގިސްލުމަކަށް ބަދަލުވެގެން ހިނގައްޖެއެވެ. އެހެންނަމަވެސް ހިތްވަރުކޮށްފައި އޭނަ ކަރުނަތައް ހިންދައިލަން މަސައްކަތްކުރިއެވެ. ވާއަތުން އޭނައަށް ބަނޑުގައި އަތް ޖައްސައިލެވުމާއެކު، އަނެއްކާވެސް އަނެއް އަތުން ރިޕޯޓަށް ބަލައިލެވުނެވެ. އޭގައި އެވަނީ ކިތަންމެހާވެސް އުފާވެރި ޚަބަރެކެވެ. އެހެންނަމަވެސް އެ އުފާވެރިކަމަކުން މިއަދު އައިރާގެ ހިތަކަށް ހަމަޖެހުމެއް ނުލިބުނެވެ. (ނުނިމޭ)
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ