ޓްރަމްޕްގެ މުހުލަތާ ގުޅިގެން ގަލްފުގެ ހަކަތައިގެ ވަސީލަތްތަކަށް ހަމަލާދޭނެކަމުގެ އިންޒާރު އީރާނުން ދީފި

އީރާނުގެ ކަރަންޓު އުފައްދާ މަރުކަޒުތަކަށް ހަމަލާދޭނެ ކަމަށް އެމެރިކާއިން ބުނި ބުނުމަށް އަމަލީ ސިފަ ގެނެސްފި ނަމަ، މުޅި ގަލްފު ސަރަހައްދުގެ ހަކަތަ އާއި ފެނުގެ ނިޒާމުތަކަށް އަމާޒުކޮށް ހަމަލާދޭނެ ކަމުގެ އިންޒާރު އީރާނުން ރޭ ދީފި އެވެ.
މި އިންޒާރު އައިސްފައިވަނީ ހޮރްމޫޒް ކަނޑުއޮޅި އަލުން ހުޅުވުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް 48 ގަޑިއިރުގެ މުހުލަތެއް ދެއްވުމަށް ފަހުގަ އެވެ.
"އީރާނުން އެ ސަރަހައްދު ފުރިހަމައަށް ނުހުޅުވައިފި ނަމަ، އެމެރިކާއިން އީރާނުގެ އެކި ކަރަންޓު އުފައްދާ މަރުކަޒުތަކަށް ހަމަލާދީ އެ ތަންތަން ފުނޑުފުނޑުކޮށްލާނަން،" ޓްރަމްޕް އިއްޔެ ވިދާޅުވި އެވެ،
ޓްރަމްޕްގެ ވާހަކައަށް ރައްދު ދެއްވަމުން އީރާނުގެ އަސްކަރީ ތަރުޖަމާނު އިބްރާހިމް ޒުލްފަގާރީ ވިދާޅުވީ، އެމެރިކާ އާއި އެ ސަރަހައްދުގައި އެމެރިކާއަށް ތާއީދުކުރާ ފަރާތްތަކުގެ ހަކަތައިގެ ވަސީލަތްތަކާއި ބޯފެން އުފައްދާ ކާރުހާނާތަކަށް އީރާނުން ހަމަލާދޭނެ ކަމަށެވެ.
މީގެ އިތުރުން، އީރާނުގެ އިންފްރާސްޓްރަކްޗަރަށް ހަމަލާއެއް ދީފި ނަމަ ހޮރްމޫޒް ކަނޑުއޮޅި ބަންދުކޮށްފައި ބާއްވާނެ ކަމުގެ އިންޒާރު ވެސް އެ ގައުމުން ވަނީ ދީފަ އެވެ. އީރާނުގެ ރިވޮލިއުޝަނަރީ ގާޑްސްއިން ބުނި ގޮތުގައި، ހަލާކުކޮށްލާ ކަރަންޓު މަރުކަޒުތައް އަލުން ބިނާކޮށް ނިމެންދެން އެ ކަނޑުއޮޅި އޮންނާނީ މުޅިން ބަންދުކޮށްފަ އެވެ.
މި ކުރިމަތިލުންތަކުގެ ސަބަބުން ގަލްފުގެ ގައުމުތަކުގެ މެދުގައި ބޮޑު ބިރުވެރިކަމެއް ވަނީ އުފެދިފަ އެވެ. ސަބަބަކީ އެ ސަރަހައްދުގެ ގިނަ ގައުމުތަކަކީ ބޯފެނަށްޓަކައި ކަނޑުގެ ލޮނު ސާފު ފެނަށް ބަދަލުކުރާ ކާރުހާނާތަކަށް ބަރޯސާވާ ގައުމުތަކަކަށް ވެފައި، އެފަދަ ތަންތަނަކީ އާންމު ދިރިއުޅުމަށް ކޮންމެހެން ބޭނުންތެރި ވަސީލަތްތަކަށް ވާތީ އެވެ.
ދުނިޔޭގެ ތެލާއި ގޭހުގެ ސަޕްލައިގެ ފަސްބައިކުޅަ އެއްބައި ދަތުރުކުރާ ހޮރްމޫޒް ކަނޑުއޮޅިއަށް ހުރަސް އެޅިދާނެ ކަމުގެ ބިރު އޮތުމުން، ތެލުގެ ބާޒާރަށް ވެސް ވަނީ އޭގެ ނޭދެވޭ އަސަރުކޮށްފަ އެވެ. ތެލުގެ އަގު މިހާރު ހުރީ ފާއިތުވި ހަތަރު އަހަރު ތެރޭގައި ނުއުފުލޭ މިންވަރަށް މަތީގަ އެވެ.
އެމެރިކާ އާއި އިޒްރޭލުން ވަރުގަދަ ހަމަލާތަކެއް ދެމުންދިޔަ ނަމަވެސް، އީރާނުން ދަނީ ހުއްޓުމެއްނެތި އިޒްރޭލަށް މިސައިލް ހަމަލާތައް ދެމުންނެވެ. އަދި އީރާނުގެ އަސްކަރީ ގާބިލުކަން ހުރި މިންވަރު ދައްކާލުމުގެ ގޮތުން ދުރު ރާސްތާގެ މިސައިލްތައް ވެސް ދަނީ ފޮނުވަމުންނެވެ.
ހަތަރު ހަފުތާއަށް ދެމިގެން ގޮސްފައިވާ މި ހަނގުރާމައިގައި މިހާތަނަށް 2,000އަށް ވުރެ ގިނަ މީހުން މަރުވެ، އިގްތިސާދީ ގޮތުން ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފަ އެވެ. ނަމަވެސް، މަޝްރަހު ފިނިވާނެ ކަމުގެ އެއްވެސް ނިޝާނެއް އަދި ފެންނާކަށް ނެތެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ