ޗައިނާގެ ހިލޭ އެހީގައި މާލޭގެ ހުރިހާ މަގެއް ނުހަދާ ކަމަށް ބުނެފި ޗައިނާގެ ހިލޭ އެހީގައި މާލޭގެ ހުރިހާ މަގެއް ނުހަދާ ކަމަށް ބުނެފި

ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން މާލޭގެ "ހުރިހާ މަގެއް" ހަދާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ކުރިން ވައުދުވެވަޑައިގެންފައި އޮތް ނަމަވެސް، އެ މަޝްރޫއުގެ ދަށުން ހަދާނީ ކަނޑައެޅޭ ވަކި މަގުތަކެއް ކަމަށް އިންފްރާސްޓަރަކްޗާ މިނިސްޓްރީން ބުނެފި އެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން އަދަދު ނޫހުން ހުށަހެޅި ސުވާލުތަކުގެ ޖަވާބުގައި އިންފްރާސްޓަރަކްޗާ މިނިސްޓްރީން ބުނެފައިވަނީ، 130 މިލިއަން ޑޮލަރުގެ މި މަޝްރޫއަކީ މާލެ އާއި ވިލިމާލޭގެ ތެރެއިން "ކަނޑައެޅޭ މަގުތަކެއް" ތަރައްގީކުރުމަށް ހަމަޖެހިފައިވާ މަޝްރޫއެއް ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކެމްޕޭނުގެ ތެރެގައި މުއިއްޒު ވިދާޅުވެފައިވަނީ، ޗައިނާ ސަރުކާރުގެ ހިލޭ އެހީގައި "މުޅި މާލެ ސިޓީގެ ހުރިހާ މަގުތަކެއް" ހަދާ ގޮތަށް ހަމަޖެހިފައިވާ ކަމަށާއި، އެކަމަށް ބޭނުންވާ ފަންނީ މަސައްކަތްތައް ނިމުމުން އަމަލީ މަސައްކަތް ފެށޭނެ ކަމަށެވެ.
"މި މާލޭގެ ހުރިހާ މަގެއް، ހިލޭ ހަދައިދޭން، ޗައިނާއިން މިހާރު އެއްބަސްވެއްޖެ، ޗައިނާއިން ހިލޭ ހަދައިދޭ ގޮތަށް މިހާރު ހަމަޖެހި ނިމިފައި އެ ވަނީ،" ރައީސް ވިދާޅުވެފައިވެ އެވެ.
މި މަޝްރޫއު ފެށުމަށް މުއިއްޒުގެ ސަރުކާރުގެ ތާރީހުތައް ކުރިން ދިން ނަމަވެސް އަމަލީ މަސައްކަތް ފެށޭނެ ތާރީހެއް އަދިވެސް ނޭނގެ އެވެ.
އިންފްރާސްޓްރަކްޗާ މިނިސްޓްރީން ބުނެފައި ވަނީ "އަމަލީ މަސައްކަތް ފަށަން ބޭނުންވާ ތާރީހު ކަނޑައެޅިގެން ދާނީ ޗައިނާ ސަރުކާރުން ބޭނުންވާ ހުއްދަތައް ލިބުމުން،" ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ