މާލޭގެ ބޮޑުތަކުރުފާނު މަގުގެ އިތުރު 4 ސެގްމަންޓް ތަރައްޤީކުރުމަށް އެސަރަޙައްދު ބަންދުކޮށް، ޢަމަލީގޮތުން މަސައްކަތް ފަށައިފިއެވެ.
މި މަސައްކަތް ކުރިއަށްގެންދަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އެމްޓީސީސީއާ ހަވާލުކޮށްގެންނެވެ.
ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމަށް މިހާރު ބަންދުކޮށްފައިވަނީ މަގު ހެދުމަށް އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަސައްކަތުގެ ފޭސް 1ގައި ހިމެނޭ، 4 ސެގްމަންޓް ހިމެނޭ ސަރަހައްދެވެ. މިސެގްމަންޓްތަކުގެ މަސައްކަތް ކުރިއަށްގެންދާނީ އެކުއެކީގައެވެ.
މި މަސައްކަތުގެ ދަށުން ތަރައްޤީކުރަނީ އިއްޒުއްދީން ފާލަމުން ފެށިގެން ހެންވޭރު ފެރީ ޓާމިނަލާ ހަމައަށް، 700 މީޓަރުގެ ސަރަޙައްދެކެވެ.
އަދި މި މަސައްކަތާ އެކުއެކީގައި ބަނދަރުގެ އެއްގަމު ތޮށިވެސް އައުކޮށް، އަލުން ތަރައްޤީ ކުރާނެއެވެ. އެއީ، 610 މީޓަރުގެ އެއްގަމު ތޮށީގެ މަސައްކަތެވެ.
އެމްޓީސީސީން ވިދާޅުވީ މަގުގެ މި ސަރަޙައްދު ފަރުމާކޮށްފައިވަނީވެސް، މަގުގެ ޖާގަ ބޮޑު ކުރުމަށް މަގު އިތުރަށް ފުޅާވާނެގޮތަށްކަމަށެވެ. މި މަސައްކަތްތައް ކުރިއަށް ގެންދާނީ މަގު ތަރައްޤީ ކުރުމުގެ މަސައްކަތުގެ ދަށުން ނިމުނު ދެ ސެގްމަންޓްވެސް ކުރިއަށް ގެންދިޔަ ފަރުމާއަށެވެ.
މަގުގައި ޒަމާނީ ފެންވަރަށް ތާރުއަޅާ ތަރައްޤީ ކުރުމާއެކު، އެ ސަރަޙައްދުގައި ފެން ހިންދާ ނިޒާމު ޤާއިމްކުރުމުގެ އިތުރުން ޕޭމަންޓު ހަދައި، ލައިޓް ޖެހުމަށްވެސް ވަނީ ހަމަޖެހިފައެވެ.
އެ ސަރަޙައްދު ތަރައްޤީކުރި ނަމަވެސް، މަސްވެރިންގެ ޕާކު ހިމެނޭ ސަރަޙައްދަށް މިވަގުތު އެއްވެސް ބަދަލެއް ނުގެންނާނެއެވެ.
މަގު ހެދުމުގެ މަސައްކަތަށް އެ ސަރަޙައްދު މިހާރު ވަނީ ބަންދުކޮށްފައެވެ. އެ ސަރަޙައްދު އާއްމު ދަތުރުފަތުރުތަކަށް ބަންދުކޮށްފައިވާއިރު، އެ ސަރަޙައްދުގެ ޓްރެފިކް ފްލޯއަށް ގެނައި ބަދަލުތައްވެސް ފުލުހުން ވަނީ އާއްމުކޮށްފައެވެ.
މަގު ހެދުމުގެ ޢަމަލީ މަސައްކަތް ކުރިއަށްގެންދިޔުމަށްޓަކައި، ހެންވޭރު ފެރީ ޓާމިނަލުން ލަފާފުރަމުންދިޔަ އަތޮޅު ފެރީތައް މާފަންނު ފެރީ ޓާމިނަލާއި ހުޅުމާލޭ ފެރީ ޓާމިނަލުން ލަފާފުރާގޮތަށް ވަނީ ބަދަލުކޮށްފައެވެ.
ބޮޑުތަކުރުފާނު މަގުގެ މަސައްކަތުގެ ތެރެއިން މިހާތަނަށްވަނީ، އިއްޒުއްދީން ފާލަމުން ފެށިގެން ނޯތު ހާބަރާ ހަމައަށް ތަރައްޤީކޮށްފައެވެ. އެއީ ޖުމުލަ 380 މީޓަރުގެ ސަރަޙައްދެވެ.
އަދި އެ ސަރަޙައްދުތައް ބޭނުންކުރަން ހުޅުވާލާފައިވާއިރު، މަގުގެ ޖާގަ ތަނަވަސްވެ، އެއްގަމު އުޅަނދުތަކާއި ހިނގާބިނގާވެ އުޅޭ މީހުންނަށްވެސް ވަނީ ބޮޑު ލުޔެއް ލިބިގެންގޮސްފައެވެ.
ބޮޑުތަކުރުފާނު މަހު ހެދުމުގެ މަސައްކަތް ފަށައިފި؛ 700 މީޓަރު ތަރައްޤީކުރާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ