މަރުގެ އަދަބު ތަންފީޒުކުރުމަށް ހާއްސަ ގާނޫނެއް ތައާރަފްކުރަނީ
މި އަހަރު ތެރޭގައި މަރުގެ އަދަބާ ގުޅޭ ބިލެއް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި، ރާއްޖޭގައި މަރުގެ އަދަބު ތަންފީޒުކުރަން ފަށާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު އަނެއްކާ ވެސް މިއަދު ވިދާޅުވެއްޖެ އެވެ.ރައީސް މުއިއްޒު މިހެން ވިދާޅުވީ ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުން ފެށުމުގެ ގޮތުން ދެއްކެވި ވާހަކައިގަ އެވެ.ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒު ކުރުމަށް ޝަރުއީ ހުރިހާ މަރުހަލާ ނިމިފައިވާ މީހުން ތިބިކަން ފާހަގަކުރައްވާ ރައީސް މުއިއްޒު ވިދާޅުވީ މިއީ ކޮންމެ ސަރުކާރަކުންވެސް ކުރާނެ ކަމަށް ބުނެ ނުކުރާ ކަމެއް ކަމަށެވެ.މަރުގެ ހުކުމް އިއްވުމަށް ޝަރުއީ ހުރިހާ މަރުހަލާއެއް ނިމިފައިވާ މީހަކަށް މަރުގެ އަދަބު ނުދީ ބެހެއްޓުމަކީ ދައުލަތުގެ އެންމެ އިސްވެރިޔާއަށް އޮތް ޗޮއިސެއް ނޫން ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ. "މިއީ އަޅުގަނޑު ހިތުން އަދުލުއިންސާފު ގާއިމްކުރުމަށްޓަކައި އަދި ސޯޝަލް ޖަސްޓިސް ގާއިމްކުރަން ކުރަންޖެހޭ ކަމެއް. އިސްލާމީ ގައުމެއްގައި، އެ އޮންނަ އުސޫލެއްގެ މަތިން ހުރިހާ ކަމެއް ފުރިހަމަވެފައި އޮންނަ ހާލަތުގައި އެކަން ހިފެހެއްޓުމަކީ ދައުލަތަކަށް ވެސް އޮތް ޗޮއިސެއް ކަމަށް ގަބޫލެއް ނުކުރަން. އަދި ސައްތައިން ސައްތަ އިސްލާމީ ގައުމެއްގައި އެއީކީ ހިފެހެއްޓޭނެ ކަމަކަށް ގަބޫލެއް ނުކުރަން،" ރައީސް ވިދާޅުވި އެވެ.ރައްޔިތުންގެ މަޖިލީހުން އެ ބިލް ފާސްކޮށް ތަސްދީގުކުރުމުން، ޝަރުއީ ހުރިހާ މަރުހަލާއެއް ފުރިހަމަވެފައިވާ އެންމެންގެ މަރުގެ ހުކުމް ތަންފީޒު ކުރާނެ ކަމަށް ރައީސް ވިދާޅުވި އެވެ. ރާއްޖޭގައި 1954 ވަނަ އަހަރުގެ ފަހުން މަރުގެ އަދަބު ތަންފީޒުކޮށްފައި ނުވެ އެވެ. 2024 ވަނަ އަހަރުގެ ނިޔަލަށް ޝަރީއަތުގެ ހުރިހާ މަރުހަލާއެއް ނިމި މަރުގެ އަދަބު ދޭ ހިސާބުގައި ހަތަރު މީހަކު ތިބި ކަމަށް ސަރުކާރުން 2024 ވަނަ އަހަރު ހާމަކުރި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ