މަޖިލީހުގެ ވަކި އިންސައްތައެއް ޒުވާނުންނަށާއި އަންހެނުންނަށް ކަނޑައަޅަނީ

ރައްޔިތުންގެ މަޖިލީހުގެ ވަކި އިންސައްތައެއްގެ ގޮނޑި 30 އަހަރުން ދަށުގެ ޒުވާނުންނަށް ހާއްސަކުރަން އަދި ވަކި އިންސައްތައެއް އަންހެނުންނަށް ހާއްސަކުރަން ގާނޫނަށް ބަދަލު ގެންނަން ނިންމާފައިވާ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް މުއިއްޒު ވިދާޅުވީ، ދެ އިންތިހާބު އެއްކޮށްލުމާ މެދު ރައްޔިތުން ދެކޭ ގޮތް ބަލަން އަންނަ މަހުގެ 4ގައި ނަގާ ހިޔާލު ހޯދުމުގެ ވޯޓަަށް ފަހު، ދައުލަތުގެ ވަރަށް ގިނަ ކަންކަމަށް ބަދަލުތަކެއް ގެންނަވާނެ ކަމަށެވެ.
ބުނީ ކީކޭ؟ - ރައީސް ވިދާޅުވީ، ގާނޫނުތަކަށް އެ ބަދަލުތައް ގެނައުން ބިނާވާނީ، ހިޔާލު ހޯދުމުގެ ވޯޓުގެ ނަތީޖާ ނުކުންނަ ގޮތަކުން ކަމަށެވެ. މީގެ ތެރޭގައި މަޖިލީހުގެ އަދަދު އިތުރުވަމުންދާ ދިއުން ހުއްޓުވުމަށް ގާނޫނުތަކަށް ގެންނަންޖެހޭ އިސްލާހުތަކާ ގުޅޭ ބައެއް ކަންކަން ހިމެނޭކަން ވެސް ރައީސް ފާހަގަކުރެއްވި އެވެ.
"މަޖިލީހުގެ އަދަދު އިތުރުވުން ހުއްޓުވަން ގާނޫނަށް އިސްލާހުތައް ހުށަހަޅާއިރު [ގާނޫނަށް ބަދަލު ގެނައުމަށް ހުށަހަޅަން] ދިރާސާކުރަމުންދާ ދެ ކަމެއް އެބައޮތް. އެއް ކަމަކީ މަޖިލީހުގެ ވަކި އިންސައްތައެއް އެއީ 30 އަހަރުން ދަށުގެ ޒުވާނުން ކަމުގައި ކަނޑައެޅުން. މިހާރު ނޯންނާނެ ވަކި އަދަދެއް ކަނޑައަޅާފައި. އަދި ހަމަ އެފަދައިން ވަކި އިންސައްތައެއް އަންހެނުންނަށް ކަނޑައެޅުން. މިހާރު އެގޮތަކަށް ވެސް ނޯވެ،" އެ މަނިކުފާނު ވިދާޅުވި އެވެ.
އޭގެ އިތުރުން، ދެން އިސްލާހު ހުށަހަޅާ ކަންކަމުގެ ގޮތުގައި ރައީސް ވިދާޅުވީ:
ރިޔާސީ އިންތިހާބު އެއްބުރުން ނިންމާ ގޮތަށް ބަދަލުކުރުމަށް ގެންނަންޖެހޭ އިސްލާހުތައް
ރިޔާސީ ދައުރު އަލުން 11 ނޮވެމްބަރަށް ބަދަލުކުރުމަށް ގެންނަންޖެހޭ އިސްލާހުތައް 
މިނިވަން މުއައްސަސާތައް އިތުރަށް މިނިވަންކުރަން ގެންނަންޖެހޭ އިސްލާހުތައް
ޝަރުއީ ދާއިރާގެ މިނިވަންކަން އިތުރަށް ކަށަވަރުކުރަން ގެންނަންޖެހޭ އިސްލާހުތައް
"އެކަމަކު މިކަންކަން ކުރުމަށް ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާ ބެހޭ ގޮތުން ރައްޔިތުން ނިންމަވާ ގޮތެއްގެ މައްޗަށް ބިނާކުރެވި އިސްލާހު ގެނައުމުގެ ކަންކަން ކުރިއަށްދާނީ އެހެންވީމާ ނިޒާމަށް ގެންނަ ބައެއް ބަދަލުތައް މިހުރީ ހިޔާލު ހޯދުމުގެ ވޯޓާ ގުޅިފައި،" ރައީސް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ