ހެލިކޮޕްޓަރު ހިދުމަތް ދޭނެ ބަޔަކު ހޯދުމަށް ކުރި އިއުލާނުގެ މުއްދަތު އަނެއްކާވެސް އިތުރުކޮށްފި

ރާއްޖޭގައި ހެލިކޮޕްޓަރުގެ ހިދުމަތް ދިނުމަށް ޝައުގުވެރިކަން ފާޅުކުރުމަށް ޓްރާންސްޕޯޓު މިނިސްޓްރީން ތިންވަނަ ފަހަރަށް ކުރި އިއުލާނުގެ ސުންގަޑި އިތުރުކޮށްފި އެވެ.
ވީ ކިހިނެއް؟ - މިދިޔަ 22 ޖެނުއަރީގައި އެ މިނިސްޓްރީން ކުރި އިއުލާނުގެ ސުންގަޑި 25 މާޗަށް ހަމަވާއިރު އެ މުއްދަތު ވަނީ 21 އޭޕްރީލްއަށް މިހާރު އިތުރުކޮށްފަ އެވެ.
ތަފްސީލް - ޓްރާންސްޕޯޓުން ހޯދަމުން އަންނަނީ ކޮމާޝަލް ފަސިންޖަރުންނަށް ދޭ ހިދުމަތުގެ އިތުރުން ރާއްޖޭގެ ހުރިހާ ރަށަކަށް އިމަޖެންސީ މެޑިކަލް އިވެކުއޭޝަން އަދި ސާޗު އެންޑް ރެސްކިޔު އޮޕަރޭޝަންތައް ހިންގާ ގޮތަށް މުޅި ރާއްޖެއަށް ދޭ ހިދުމަތެއްގެ ގޮތުގައި ހެލިކޮޕްޓަރުގެ ހިދުމަތް ދޭން ކުންފުންޏެކެވެ.
އެކަމަށް ހޮވޭ ކުންފުންޏަކަށް ރާއްޖޭގައި އެ ހިދުމަތް ދިނުމުގެ އެކްސްކުލޫސިވިޓީ 10 އަހަރަށް ވެސް ލިބޭނެ އެވެ.
މިދިޔަ އަހަރުގެ އޮގަސްޓު އަދި ޑިސެމްބަރުގެ ތެރޭގައި ވެސް ޓްރާންސްޕޯޓުން އެކަމަށް އިއުލާންކުރި ނަމަވެސް އެ ހިދުމަތް ދޭނެ ބަޔަކު ހޮވާފައެއް ނުވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ