ރާއްޖެ އަށް އެންމެ މުހިންމީ ތިބި ހިސާބެއް ދެނެގަތުން: އުރްބާނީ ރާއްޖެ އަށް އެންމެ މުހިންމީ ތިބި ހިސާބެއް ދެނެގަތުން: އުރްބާނީ

ރާއްޖޭގައި މިއަދު ފަަށާ 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރާއިރު، ރާއްޖެ އަށް މި މުބާރާތުން އެންމެ މުހިންމު އެއް ކަމަކީ، މިހާރު ތިބި ހިސާބެއް ދެނެގަނެ، މުސްތަގުބަލަށް މަސައްކަތް ފަށައިގަތުން ކަމަށް ޓީމުގެ ކޯޗު ހަންގޭރީގެ އިސްތަވާން އުރްބާނީ ބުނެފި އެެވެ.
ވިހި އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް، މިއަދުން ފެށިގެން އަންނަ މަހުގެ ތިން ވަނަ ދުވަހުގެ ނިޔަލަށް ސާފްގެ ހަތް ގައުމުގެ މެދުގައި ގަލޮޅު ދަނޑުގައި ކުރިއަށްދާނެ އެވެ. މިއަދު ގްރޫޕް އޭގެ މެޗުތައް ކުޅޭއިރު، ހަވީރު، 15:45 ގައި އޮތީ ބޫޓާން އާއި ނޭޕާލް ބައްދަލުކުރާ މެެޗެވެ. އަދި، މިރޭ، 20:30 ގައި ރާއްޖޭން ސްރީ ލަންކާއާ ކުޅޭނެ އެވެ.
ގަައުމީ ސީނިއާ ޓީމުގެ ކޯޗުގެ މަގާމާއި އެފްއޭއެމް ޓެކްނިކަލް ޑިރެކްޓަރުގެ މަގާމު ވެސް ފުރަމުން އަންނަ އުރްބާނީ، އިއްޔެ ސާފް 20 އަހަރުން ދަށުގެ މުބާރާތުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މުހިންމު ވާހަކަތަކެއް ވަނީ ހިއްސާކޮށްފަ އެވެ.
މީގެ ކުރިން ވެސް ދެ ފަހަރެއްގެ މަތިން ގައުމީ ޓީމުގައި ކޯޗެއްގެ ގޮތުގައި މަސައްކަތްކުރި އުރްބާނީ ބުނީ، ގަލޮޅު ދަނޑުގައި ގައުމީ ޓީމުގެ ކަމެއް ކުރިއަށްދާނަމަ އެއީ ގައުމުގައި ވަރަށް ޝައުގުވެރިކަމެއް ކަމަށެވެ. އޭނާ އަށް މި ފަހަރު ލިބުނު އެންމެ ބޮޑު އުފަލަކީ، ރާއްޖޭގެ އާ ޖީލާ އެކު މަސައްކަތް ކުރުމުގެ ފުރުސަތު ލިބިގެން ދިއުންކަން އުރްބާނީ ފާހަގަކުރި އެެވެ. އަދި، ރާއްޖޭގައި މަސައްކަތް ކުރަން އެނބުރި އަންނަން ފޯނު ކޯލެއް އައީ، އޭނާގެ ކުރީގެ ކުޅުންތެރިޔާ، އަދި މިހާރު އެފްއޭއެމްގެ ރައީސް، އަހުމަދު ތޯރިގު (ޓޮމް)ގެ ފަރާތުން ކަމަށްވާއިރު، މީގެއިން އެނގެނީ ގިނަ އަހަރުތަކެއް ވޭތުވެގެން މި ދިޔައީ، ވަަރަށް އަވަހަށް ކަމަށެވެ.
"ބައެއް މީހުން ބުނޭ އަހަރެން އެނބުރި އައީ 12 އަހަރަށް ފަހު އޭ. ދެން އަހަރެން އެކަމާ މެދު ވިސްނަން ފެށީމަ، 2009 އަކީ 12 އެއް ނޫން، އެއީ 17 އަހަރު. މާނަ އަކީ މިއީ މުޅިން އާ ވަގުުތުތަކެއް، އަހަރެމެންގެ ބީޗްތަކެއް އެބަހުރި، ދެ ވަނަ ކެޕިޓަލްއެއް (ހުޅުމާލެ) އެބައޮތް. އެކަމަކު، ހިތާމަ އަކީ މި ކަހަަލަ ތަރައްގީގެ ވާހަކަ ދައްކާއިރު އަހަރެމެންނަށް ފުޓްބޯޅައިގެ ވާހަކަ ދެއްކެން ނެތުން. އެކަމުގެ ސަބަބުތަކެއް ވެސް އެބަހުރި،" އުރްބާނީ ބުންޏެވެ.
އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އުރްބާނީ ވާހަކަ ދައްކަނީ.----- ފޮޓޯ: އަދަދު ސްޕޯޓްސް / އިމޭޖަސް.އެމްވީ
އުރްބާނީ އެންމެ ފުރަތަމަ ފަހަރު ރާއްޖޭގެ ކޯޗަކަށް ގެނައީ، 2009 ވަނަ އަހަރު އެވެ. އެ ފަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ ފައިނަލުގައި ރާއްޖެ ވަނީ ކުޅެފަ އެވެ. ރާއްޖެ ޕާސިން ފުޓްބޯޅަ ކުޅޭ ޓީމަކަށް ކުޅުމުގެ ވައްޓަފާޅި ބަދަލުކޮށްލި ކޯޗު އުރްބާނީ ވަނީ، 2010 ވަނަ އަހަރު ކޮންޓްރެކްޓް ހަމަވުމާ ހަމައަށް ރާއްޖެ އަށް ކޯޗުކޮށްދީފަ އެވެ.
ރާއްޖޭގެ އުމުރުފުރާ ގައުމީ ޓީމަކުން ހޯދި ފުރަތަމަ ތަށި، ސްރީ ލަންކާގައި 2012 ވަނަ އަހަރު ބޭއްވި މަހިންދުރަ ރާޖަ ޕަކްސަ ކަޕް (23 އަހަރުން ދަށުގެ މުބާރާތް) ރާއްޖޭން ކާމިޔާބުކުރީ އުރްބާނީގެ ކޯޗުކަމުގަ އެވެ. އެއީ، 2011 އިން 2013 އަށް ގައުމީ ކޯޗަކަށް އުރްބާނީ ދެ ވަނަ ފަހަރު ރާއްޖޭގައި މަސައްކަތް ކުރި އެވެ.
އުރްބާނީ ބުނީ، އެފްއޭއެމްގައި މިހާރު އޮތް ލީޑަޝިޕުން، މިދިޔަ އަހަރެއްހާ ދުވަހު ކުރެވުނު މަސައްކަތަށް ބަލާއިރު އުންމީދީ ކަންތައްތަކެއް ފެނިގެން ދިޔަ ކަމަށާއި ދިވެހި ޕްރިމިއާ ލީގު އެނބުރި އައުން އެއީ ބޮޑު ކަމެއް ކަމަށެވެ.
އެންމެ ބޮޑު ގޮންޖެހުމެއްގެ ގޮތުގައި އުރްބާނީ ފާހަގަކުރީ މިހާރު އޮތް ޖީލަަށް މެޗުތައް ކުޅެން ލިބިފައިވާ ނިސްބަތް މަދުވުމެވެ. އުރްބާނީ ބުނީ، ވާދަވެރި ފުޓްބޯޅަ ކުޅުންތެރިން ބިނާކުރުމަކީ ރަނގަޅު ގިނަ މެޗުތަކެއް ކުޅެގެން ނޫނީ ނުވާނެ ކަމެއް ކަމަށެެވެ. އަދި، ޓީމުން ޕްރެކްޓިސް ކުރުން ވެސް މުހިންމު، ކަމަށާއި ބައެއް ކޯޗުންނަށް ހީވެފައި އޮންނަ އެއް ކަމަކީ އެންމެ މުހިންމު ކަމަކީ ޕްރެކްޓިސް ކުރުން ކަމުގައި ވިޔަސް ހަގީގަތަކީ ހުރިހާ ކަމެއް ގުޅިފައި އޮތީ އިންޓަނޭޝަނަލް ނޫނަސް ރަނގަޅު މާނައެއްގައި ކުޅޭ ވާދަވެރި މެޗުތަކާ ކަަަމަށް އުރްބާނީ ފާހަގަކުރި އެވެ.
"އަހަރެން މި ފަހަރު މަސައްކަތް މި ކުރަނީ ރާއްޖޭގައި މިހާރު އޮތް އެންމެ ހުނަރުވެރި ޖީލާ އެކު ކަމަށް ބުނާއިރު މި ކުޅުންތެރިން ކުޅެފައިވާ މިނިޓްތަކުގެ ޑޭޓާ ބަލާއިރު، އަހަރެން ހުރީ ކަރުނައަޅާ ރޯ ހިސާބުގައި. އެއީ އެ ކުޅުންތެރިން ނެތް ބޭނުންވާ ވަރާ ގާތަށް ވެސް ވާދަވެރި މެޗުތައް ކުޅެފައި. މަދުމަދުން ވިޔަސް ދިވެހި ލީގުގައި ކުޅޭ ކުޅުންތެރިން އެބަހުރި ކުޅެފައި. ދެން، އެންމެ ރަނގަޅު ކުޅުންތެރިން މި ތިބީ ބޮޑެތި ޓީމުތަކަށް ސޮއިކޮށްފައި. އެ މީހުން ގިނައިން ބެންޗުގައި ވެސް އެބަތިބޭ. ޗެލެންޖަކަށް އޮތީ މި ފަދަ މާހައުލަކުން ގެނެސްގެން ވާދަވެރި ޓީމެއްގެ ގޮތުގައި ބިނާކުރުމަށް،" އުރްބާނީ ބުންޏެވެ.
އޭނާ ބުނީ، އާންމު ގޮތެއްގައި، ޓެކްނިކަލް ޑިރެކްޓަރަކަށް ހުރުމުގެ އިތުރުން ސީނިއާ ޓީމުގެ ކޯޗަކަށް ހުރެފައި، 20 އަހަރުން ދަށުގެ ޓީމަކަށް ކޯޗުކޮށްދިނުމަކީ ކުރަން ބޭނުން ކަމެއް ނޫން ކަމަށެވެ. އެކަމަކު، ތިން ޒިންމާއާ ހަވާލުވުމުގެ އެ ނިންމުން އެ ގޮތަށް އައީ، އެފްއޭއެމްގެ ރައީސް، އަހުމަދު ތޯރިގު (ޓޮމް) އާ ވާހަކަ ދެއްކުމަށް ފަހު ކަމަށެވެ.
"އެއްބަސްވީ އެންމެ ރަނގަޅަށް މަސައްކަތް ކުރެވެން އޮތީ މި ގޮތަށް ކަމަށް. ހަގީގަތަކީ މި ދެ ޓީމު ވަކިން ގެންދިއުން ވިސްނުމަކީ މި ބުނީ ނަތީޖާ އާއި ސްކޯ އަށް ބަލައިގެން ވަކިން ގެންދާ ވާހަކަ. ފުޓްބޯޅަ އަކީ އެންމެ އާދަޔާހިލާފު ކުޅިވަރު، ކޮންމެ ޓީމަކަށް ކޮންމެ ޓީމެއް ވެސް ބަލިކުރެވިދާނެ. އެއީ ހަގީގަތް، މިއީ އަހަރެން ބުނާ ވާހަކައެއް ނޫން މިއީ ސާބިތުވެފައި އޮތް ކަމެއް،" އުރްބާނީ ބުންޏެވެ.
ފުޓްބޯޅައިގެ ޑިވެލޮޕްމަންޓް ކަންކަމަށް ހާއްސަ އަހައްމިއްޔަތުކަމެއް ދޭ ކޯޗެއްގެ ގޮތުގައި ސަމާލުކަން ހޯދާފައިވާ އުރްބާނީ ބުނީ، ބޭނުންވާ ކުރިއެރުން ހޯދަން ވަގުތު ނަގާނެ ކަމަށެވެ.
"އެންމެ ފުރަތަމަ ކަމަކަށް އަހަރެމެން ދެނެގަންނަންވީ މިހާރު މި ތިބެވޭ ހިސާބެއް. އޭރުން އަހަރެމެންނަށް މުސްތަގުބަލަށް ޕްލޭނެއް ހެދެން އޮތީ. ބެންޗުމާކެއް ކަނޑައެޅިގެންދާނެ މި މުބާރާތުން (ސާފް 20 އަހަރުން ދަށުގެ މުބާރާތުން). އެހެން ޓީމުތަކާ އަޅާކިޔާލެވޭނެ އަހަރެމެން ތިބި ހިސާބާ ވެސް. ކޮންމެ ޓީމެއް ވެސް މި ސަރަހަައްދުގައި އެ އަންނަނީ ކުރިއެރުންތައް ހޯދަމުން،" އުރްބާނީ ބުންޏެވެ.
"އަހަރެމެން ހަނދާން އެބަހުރި 2009 ވަނަ އަހަރު އަހަރެެމެން ބޫޓާނާ ދެކޮޅަށް ކުޅުނުއިރު، ސުވާލަކަށް ވެފައި އޮންނަނީ އަހަރެމެން ކިތަށް ގޯލުތޯ ޖަހާނީ. އެކަމަކު މިހާރު ޑިވެލޮޕްމަންޓް އެބަ ފެނޭ. ސިސްޓަމެކްޓިކް އުސޫލުން ގައުމުތަކުން ކޮށްފައިވާ މަސައްކަތް އެބަފެނޭ. ސިއްރަކީ މި މަސައްކަތް ހުއްޓާލައިގެން ތިބެން ޖާގައެއް ނެތް. ބްރޭކެއް ނަގައިގެން އަހަރެން ނޫނީ ހަފްތާއެއް ވެސް ތިބެވެން ނެތް. އެއީ އޮތް ޗެލެންޖަކީ، އެހެންވީމަ، އަހަންނަށް މިހާރު މި އޮތީ މި އޮތް ހިސާބު ދެނެގަންނަން ފުރުސަތެއް،"
ވަރަށް ހުނަރުވެރި ޖީލެކޭ އެންމެން ވެސް މިހާރު އޮތް 20 އަހަރުން ދަށުގެ ޓީމާ މެދު ބުނަމުން އަންނަ ކަމަށާއި އެކަަމަކު، ހަމައެކަނި ހުނަރު ހުރެގެން ކުރެވޭނެ ކަމެއް ނެތް ކަމަށް އުރްބާނީ ވަނީ ބުނެފަ އެވެ. ފުރަތަމަ ކަމަކަށް އެ ކުޅުންތެރިން ޖެހޭނީ އެ ހުނަރުން ކުރެވޭނެ ކަމެއް އެބައޮތް ކަން ނަތީޖާތަކެއް ނެރެވޭނެކަން ސާބިތުކޮށްދޭން ކަމަށް އުރްބާނީ ވަނީ ބުނެފަ އެވެ.
ޓީމާ އެކު މަސައްކަތްކުރާއިރު، ކުޅުންތެރިންނަށް އަބަދުވެސް އިތުބާރުކުރާ ކަމަށާއި އެންމެ ރަނގަޅަށް އަމިއްލަ އަށް މަސައްކަތް ކުރުމުގެ ބަދަލުގައި، ޓީމަށް އެންމެ ރަނގަޅަށް ކަންކަން ކުރަން ކުޅުންތެރިންނަށް ބުނެދޭ ކަމަށް އުރްބާނީ ވަނީ ބުނެފަ އެވެ. އަދި، މިހާރު އޮތް ޓީމުގައި ހުރި އެއް ކަންބޮޑުވުމަކީ ކުޅުންތެރިން ތިބެނީ ވަރަށް އަޑުމަަޑުކޮށް ކަމަށާއި އެއީ ބަދަލުވާން ޖެހޭ ކަމެއް ކަމުގައި އުރްބާނީ ވަނީ ފާހަގަކޮށްފަ އެވެ.
ސާފް 20 އަހަރުން ދަށުގެ މުބާރާތުގެ ގުރުއަތުލުން ނިމުމާ އެކު، ގިނަ ބަޔަކު ދެކުނީ ރާއްޖެ ހިމެނެނީ ފަސޭހަ ގްރޫޕްގައި ކަމަށް ކަމަށާއި އެކަމަކު، އޭނާ ދެކެނީ އެހެން ގޮތަަކަށް ކަމަށް އުރްބާނީ ވަނީ ބުނެފަ އެވެ. އެއީ، ރާއްޖެ ހިމެނޭ ގްރޫޕްގައި ހަތަރު ޓީމު އޮތުމުން ދެން އޮތް ގްރޫޕަށް ވުރެން އެއް މެޗު އިތުރަށް ކުޅެން ލިބޭތީ އެ ހިތްހަމަޖެހުން ކަމަށް އުރްބާނީ ވަނީ ބުނެފަ އެވެ.
ސާފް 20 އަހަރުން ދަށުގެ މުބާރާތުގެ ފަައިނަލަށް ދާ ޓީމެއް 10 ދުވަސް ތެރޭ ފަސް މެޗު ކުޅެން ޖެހޭނެ ކަމަށާއި މީގެ ކުރިން ވެސް ސާފްގެ ސީނިއާ މުބާާރާތްތަކާއި 23 އަހަރުން ދަށުގެ މުބާރާތުގައި އެކަން ތަޖުރިބާކޮށްފައިވާނެ ކަމަށް އުރްބާނީ ވަނީ ބުނެފަ އެވެ. އެހެންކަމުން، އެ ވިސްނުމަށް ބަލާއިރު ވެސް ކުޅުންތެރިންގެ ކަންކަން ދެނެގަންނަން މި ފަަހަރުގެ ސާފް 20 އަހަރުން ދަށުގެ މުބާރާތް މުހިންމު ކަމަށް އުރްބާނީ ވަނީ ބުނެފަ އެވެ.
މި މުބާރާތަކީ ޑިވެލޮޕްމަންޓްގެ މުހިންމު ބައެއްކަން ފާހަަގަކޮށް އުރްބާނީ ބުނެފައިވަނީ، ދެން އޮތް ކަމަކީ މި ގޮތަށް މި ކުޅުންތެރިންނަށް ގިނަ މުބާރާތްތަކެއް ކުޅެން ފުރުސަތު ފަހިވެފައި އޮންނަ ގޮތަށް ކަންކަން ރާވައި، މި ކުޅުންތެރިން ކުރިއެރުވުމަށް ކުރާ މަސައްކަތް ހުއްޓިގެންނުދާނެ ގޮތަށް ކަންކަން ބެލެހެއްޓުން ކަމަށެވެ. އަދި، އެ ގޮތަށް ކަންކަން ކުރިއަށް ގެންގޮސްފިނަަމަ ދެ އަހަރެއްހާ ދުވަސް ތެރޭ ކުރިއެރުން ފެންނާނެ ކަމަށް އުރްބާނީ ވަނީ ބުނެފަ އެވެ.
ރާއްޖޭން ސާފް 20 އަހަރުން ދަށުގެ މުބާާރާތަށް ތައްޔާރުވާން ސިންގަޕޫރުގައި ހަ ދުވަހުގެ ޓްރެއިނިން ކޭމްޕް ޖަހައި، އެ ގައުމުގެ 19 އަހަރުން ދަށުގެ ޓީމާ ދެކޮޅަށް ދެ މެޗު ކުޅުނެވެ. އެއް މެޗުން 4-3 އިން މޮޅުވިއިރު، އަނެއް މެޗުން 6-2 އިން ވީ ބައްޔެވެ. އުރްބާނީ ވަނީ މި މެޗުތަކާ އަޅާކިޔާއިރު ކުރިއަށް ހުރި މެޗުތައް ތަފާތު ވާނެ ކަމަށެވެ.
ރާއްޖޭން ސާފް 20 އަހަރުން ދަށުގެ ފުރަތަމަ މެޗުގައި މިރޭ ރާއްޖޭން ކުޅޭނީ ލަންކާއާ އެވެ. ދެ ވަނަ މެޗުގައި، ބުދަ ދުވަހުގެރޭ ބޫޓާނާ ދެކޮޅަށް ކުޅޭނެ އެވެ. އަދި، ގްރޫޕްގެ ފަހު މެޗުގައި، ހުކުރު ދުވަހު ހަވީރު ނޭޕާލާ ކުޅޭނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ