ހެލިކޮޕްޓަރުގެ ހިދުމަތަށް ޕްރޮޕޯސަލް ހުށަހަޅަން އިތުރު ވަގުތު

ރާއްޖޭގައި ހެލިކޮޕްޓަރުގެ ހިދުމަތް ދޭން ޝައުގުވެރިވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި އެވެ.ހެލިކޮޕްޓަރުގެ ހިދުމަތް ދޭނެ ބަޔަކު ހޯދަން މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ކުރި އިއުލާނުގައި ހިމެނޭ ބައެއް ކަންކަމަށް ބަދަލު ގެނެސް ޓްރާންސްޕޯޓް މިނިސްޓްރީން މި ހިދުމަތް ދޭނެ ބަޔަކު ހޯދުމަށް ތިންވަނަ އިއުލާނެއް ކުރީ މިދިޔަ ޖެނުއަރީ 22 ވަނަ ދުވަހު އެވެ.އޭރު ހުޅުވާލީ މިމަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށެވެ. ނަމަވެސް މިހާރު ވަނީ ޕްރޮޕޯސަލް ހުށަހެޅުމުގެ މުއްދަތު ކުރިއަށް އޮތް އޭޕްރީލް 20 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފަ އެވެ. އެ މިނިސްޓްރީން ބުނީ އެގޮތަށް ނިންމީ މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ފަރާތްތަކަށް އޮޕަރޭޝަނަލް އަދި ލޮޖިސްޓިކަލް ގޮތުން ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާތީ އެކަމާ ގުޅިގެން އިތުރު ވަގުތު ބޭނުން ވާނެ ކަމަށް ގަބޫލު ކުރެވޭތީ ކަމަށެވެ.ރާއްޖޭގައި ހެލިކޮޕްޓަރުގެ ހިދުމަތް ދޭން ނިންމާފައި ވަނީ ކުއްލި ހާލަތުގައި ބަލި މީހުން އުފުލުމަށާއި ސާޗް އެންޑް ރެސްކިޔު އޮޕަރޭޝަންތަކަށެވެ.އެ ހިދުމަތް ދޭން ބަޔަކާ ހަވާލު ކުރަން ނިންމާފައި ވަނީ 10 އަހަރުގެ މުއްދަތަކަށެވެ.ރާއްޖޭގައި މީގެ އަހަރުތަކެއް ކުރިން ވިޔަފާރީގެ އުސޫލުން ހަމިންބާޑްގެ ނަމުގައި ހެލިކޮޕްޓަރުގެ ހިދުމަތް ދީފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ