އިންޑިއާގެ ފްލައިޓްތަކުގެ އަގުގެ މަތީ މިންގަނޑުތައް އުވާލައިފި

އީރާނުގެ ހަނގުރާމައާ ގުޅިގެން ކުރިމަތިވެފައިވާ ދަތިތަކުގެ ސަބަބުން އެއާލައިންތައް ހިންގުމުގެ ހަރަދު ބޮޑުވަމުންދާތީ، އެތެރޭގެ އުދުހުންތަކުގެ އަގުތަކަށް ކަނޑައަޅާފައިވާ ވަގުތީ ހުރަސްތައް މިއަދުން ފެށިގެން ނައްތާލުމަށް އިންޑިއާ ސަރުކާރުން ނިންމައިފި އެވެ.
މި އަގުތަކަކީ، އިންޑިއާގެ އެންމެ ބޮޑު އެއާލައިން ކަމަށްވާ އިންޑިގޯއިން ގިނަ އަދަދެއްގެ ފްލައިޓްތައް ކެންސަލްކުރުމާ ގުޅިގެން، ޓިކެޓްގެ އަގު އަތްނުފޯރާ ފަށަށް އުފުލިގެން ދިއުން ހުއްޓުވުމަށް މިދިޔަ ޑިސެމްބަރު މަހު ސަރުކާރުން ކަނޑައެޅި މިންގަނޑުތަކެކެވެ. އެގޮތުން، 500 ކިލޯމީޓަރާ ހަމައަށް ކުރާ ދަތުރުތަކުގެ އެންމެ މަތީ އަގަކީ 7,500 ރުޕީޒް ކަމަށާއި، 1,000 އާއި 1,500 ކިލޯމީޓަރާ ދެމެދުގެ ދަތުރުތަކަށް 15,000 ރުޕީޒްއަށް ވުރެ ބޮޑު ނުކުރެވޭނެ ގޮތަށް އޮތީ ހަމަޖައްސާފަ އެވެ.
އިންޑިއާގެ ސިވިލް އެވިއޭޝަން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ނިންމުން ނިންމީ މަޝްރަހު މިހާރު ރަނގަޅުވެފައިވާތީ ކަމަށެވެ. އަދި ވައިގެ ދަތުރުފަތުރުގެ ދާއިރާ މިހާރު އާންމު ހާލަތަކަށް ރުޖޫއަވެ، ހިދުމަތް ދިނުމުގެ ގާބިލުކަން އިތުރުވެފައިވާ ކަމަށް ވެސް އެ މިނިސްޓްރީން ފާހަގަކުރި އެވެ.
މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ތެލުގެ އަގު އުފުލި، އާމްދަނީން ބޮޑު ބައެއް އުނިވަމުންދާތީ، އަގުތަކަށް ކަނޑައަޅާފައިވާ ހުރަސްތައް ނައްތާލުމަށް އެއާލައިންތަކުން ދިޔައީ ވަކާލާތު ކުރަމުންނެވެ. ދާއިރާގެ ތަޖުރިބާކާރުން ލަފާކުރާ ގޮތުގައި، ތެޔޮ ފީފާއަކުން އެންމެ ޑޮލަރެއްގެ އަގު ބޮޑުވި ނަމަވެސް، އެއީ އެއާލައިންތަކުގެ ޖުމްލަ ހަރަދަށް ވަރަށް ބޮޑު ބަދަލެއް އަންނާނެ ކަމެކެވެ.
ސަރުކާރުން އެއާލައިންތަކަށް އިރުޝާދު ދީފައިވަނީ، މާކެޓްގެ ހާލަތަށް ރިއާޔަތްކޮށް އަގުތައް ކަނޑައެޅި ނަމަވެސް، އެއީ އާންމުންނަށް އަތްފޯރާ ފަށުގެ، ދެފުށް ފެންނަ އަދި ދަތުރުވެރިންގެ މަސްލަހަތު ހިމާޔަތްކުރެވޭނެ ފަދަ އަގުތަކަކަށް ހެދުމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ