ހުޅުމާލޭގައި 1،000 އަގުހެޔޮ ފްލެޓް އަޅަން ޕްރޮޕޯޒަލް ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި
ހުޅުމާލެ ތިން ވަނަ ފިޔަވަހީގައި އަގުހެޔޮ 1،000 ހައުސިން ޔުނިޓު އަޅަން ޕްރޮޕޯޒަލް ހުށަހެޅުމުގެ މުއްދަތު ހައުސިން މިނިސްޓްރީން މިއަދު އިތުރުކޮށްފިއެވެ. ހައުސިން މިނިސްޓްރީން 1،000 ފުލެޓް އަޅައިދޭނެ ބަޔަކު ހޯދަން އިއުލާން ކުރީ މިދިޔަ މަހުގެ 26ގައެވެ. އެ އިއުލާނުގައި ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފައިވަނީ މި މަހުގެ 23 ވަނަ ދުވަހުގެ 13:00ގެ ނިޔަލަށެވެ. އެ މިނިސްޓްރީން މިއަަދު ވަނީ އެ އިއުލާނަށް ބަދަލުގެނެސްފައެވެ. އަދި ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 31 ވަނަ ދުވަހުގެ 13:00ގެ ނިޔަލަށް ވަނީ އިތުރުކޮށްފައެވެ. ޕްރޮޕޯޒަލްތައް ހުށަހަޅާނީ އެކަމަށް ޚާއްސަކޮށްފައިވާ މެއިލް [email protected] އަށެވެ. އެ މިނިސްޓްރީން އިއުލާނަށް އިތުރު ބައެއް ބަދަލުތައް ގެނެސްފައިވާއިރު، އެ ބަދަލުތަކާ ގުޅޭ މައުލޫމާތު ހޯދުމުގެ ފުރުސަތު ވަނީ އަންނަ އާދިއްތަ ދުވަހުގެ 13:00ގެ ނިޔަލަށް ހުޅުވާލައިފައެވެ. އެ މަޝްރޫއުގެ ދަށުން އެންމެ ކުޑަވެގެން 950 އަކަފޫޓުގެ ތިން ކޮޓަރިއާއި އެންމެ ކުޑަވެގެން 700 އަކަފޫޓުގެ ދެ ކޮޓަރީގެ ޔުނިޓުތައް އަޅާނެ ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ. އަގުހެޔޮ ފުލެޓުތައް އަޅައިދޭނެ ބަޔަކު ހޯދަން އިއުލާނުކުރިއިރު، ބޯހިޔާވަހިކަމަކީ މާލެ ސަރަހައްދަށް ދިމާވެފައި އޮތް އެންމެ ބޮޑު މައްސަލައެވެ. ގިނަ ބަޔަކު މި ސަރަހައްދުގައި ދިރިއުޅެނީ، ބޮޑު ޚަރަދެއް ކޮށްގެން ކުއްޔަށެވެ. މި ސަރުކާރުން ވަނީ މިދިޔަ ނޮވެންބަރު މަހުގެ މެދުތެރޭ "ބޯހިޔާވަހިކަން އެންމެންނަށް"ގެ ނަމުގައި ބޯހިޔާވަހިކަމުގެ ސިޔާސަތު ތައާރަފުކޮށް، މިދިޔަ ޖަނަވަރީ މަހު 7،900 ފުލެޓަށާއި 15،000 ގޯއްޗަށް އެދި ހުށަހެޅުމަށް ހުޅުވާލައިފައެވެ. އޭގެ ތެރެއިން 3،000 ފުލެޓެއް އަޅަން ހަވާލުކުރީ ބީއެމްއެލުން ބޯހިޔާވަހިކަމަށް ޚާއްސަކޮށް އުފެއްދި ސަބްސިޑަރީ ކުންފުންޏެއް ކަމަށްވާ ބީއެމްއެލް އެފޯޑެބުލް ހޯމް ލީޒިން ޕްރައިވެޓް ލިމިޓެޑަށެވެ. ވެރިކަމުގެ ދައުރުގައި 18 އަހަރުން މަތީގެ ކޮންމެ މީހަކަށް ބޯހިޔާވަހިކަން ކަށަވަރު ކޮށްދިނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ