މިއަދު ސުކޫކު ދައްކަން ޖެހުނަސް، އެ މިންވަރަށް ފައިސާ އެބަހުރި

500 މިލިއަން ޑޮލަރުގެ ސުކޫކު، 8 އޭޕްރިލް 2026 ގައި ދެއްކެވުމަށް ސަރުކާރުން ނިންމަވާފައިވާއިރު، މިއަދު ސުކޫކު ދައްކަންޖެހުނު ކަމުގައި ވީ ނަމަވެސް އެ މިންވަރަށް ފައިސާ އެބަހުރި ކަމަށާ، ދިވެހިރާއްޖޭގެ ގްރޮސް ރިޒާވް މިހާރު ހުރީ ރިޔާސީ ބަޔާނުގައި ފާހަގަކުރެއްވި މިންވަރަށްވުރެވެސް މަތީގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ، މިއަހަރުގެ ރިޔާސީ ބަޔާނުގައި ވިދާޅުވެފައިވާ ގޮތުގެ މަތިން އެމަނިކުފާނު މިއަހަރު ކުރިއަށްގެންދެވި ފުރަތަމަ ޕްރެސް ކޮންފަރެންސްގައި ވާހަކަފުޅުދައްކަވަމުންނެވެ.
ސުކޫކާ ގުޅޭ އަދާހަމަތައް ނޫސްވެރިންނާ ހިއްސާކުރައްވަމުން ރައީސް ވިދާޅުވީ، މި ފައިސާ ދެއްކެވުމަށްޓަކައި 650 މިލިއަން ޑޮލަރަށްވުރެ ބޮޑުއަދަދެއް މިހާރުވެސް ރައްކާކުރެވިފައި އެބަހުރިކަމުގައެވެ.
500 މިލިއަން ޑޮލަރުގެ ސުކޫކު ދެއްކެވުމުންވެސް، 150 މިލިއަން ޑޮލަރަށްވުރެ ބޮޑުއަދަދެއް ބާކީ ހުންނާނެ ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މިގޮތުން ސޮވްރިން ޑިވަލޮޕްމަންޓް ފަންޑް (އެސް.ޑީ.އެފް) ގައި، 320 މިލިއަން ޑޮލަރަށްވުރެ ގިނައިން މިހާރުވެސް އެބަހުރިކަމަށާ، ޔޫޒަބަލް ރިޒާވްގެ ގޮތުގައި 330 މިލިއަން ޑޮލަރަށްވުރެ ބޮޑުއަދަދެއް އެބަހުރިކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ސުކޫކު ދެއްކެވުމަށް ހަމަޖެހިފައިވާ، 8 އޭޕްރިލް 2026 ވަނަ ދުވަހަށް ވަނީ ތައްޔާރުވެފައިކަމުގައި ވިދާޅުވެ ވާހަކަފުޅުކުރިއަށްގެންދަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ދިވެހިރާއްޖޭގެ ތާރީޚުގައިވެސް ގްރޮސް ރިޒާވް ގޮސްފައިނުވާހާ މަތީ މިންވަރަކަށް އެ ޢަދަދު ގެންދެވިފައިވާކަމުގައެވެ.
ރިޔާސީ ބަޔާނުގައި ދެންނެވި ގްރޮސް ރިވާޒްގެ މިންވަރަކީވެސް ރެކޯޑެއްކަން ފާހަގަކުރައްވަމުން އެމަނިކުފާނު ވިދާޅުވީ، ދިވެހިރާއްޖޭގެ ގްރޮސް ރިޒާވް މިހާރު އެ ރެކޯޑަށްވުރެވެސް މައްޗަށް ގެންދެވިފައިވާކަމުގައެވެ. އެގޮތުން 1.27 ބިލިއަން ޑޮލަރަށް މި ޢަދަދު މިހާރު އަރާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. މިކަންމިހެން އޮތުމީ، މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ކަންކަމާ ގުޅިގެން ކުރާ އަސަރުތައް މެނޭޖުކުރުމަށް ލިބޭ ލުޔެއްކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ކަންމިހެން އޮތްއިރު، އިތުރު ފައިސާ ހޯދުމުގެ ކާމިޔާބު މަސައްކަތްތަކެއް، ކަމާބަހާ ފަރާތްތަކާއެކު މަޝްވަރާކުރެވިގެން ކުރިއަށްގެންދެވޭ ކަމުގައި ރައީސް ވިދާޅުވިއެވެ. ނިމުމަކާ ހިސާބަށް މި މަޝްވަރާތައް ގޮސްފައިވާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ ބޭރުގެ ދަރަނި ދެއްކެވުމުގައި ދިވެހިރާއްޖެއަށް އެއްވެސް ވަރެއްގެ ކަންބޮޑުވުމެއް ނެތްކަމުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ