ތެލުގެ ސަޕްލައި މެދުނުކެނޑި ފޯރުކޮށްދޭން ފިޔަވަޅުތައް އަޅަނީ
މެދުއިރުމަތީގައި މިއަދު ފެށި ހަނގުރާމައާ ގުޅިގެން ރާއްޖެއަށް ތެލުގެ ސަޕްލައި މެދުނުކެނޑި ފޯރުކޮށްދިނުމަށްޓަކައި އެސްޓީއޯއާ ގުޅިގެން ފިޔަވަޅުތައް އަޅާނެ ކަމަށާއި، އާންމު ހިދުމަތްތައް މެދުނުކެނޑި ފޯރުކޮށްދިނުމަށްޓަކައި މާލީ ސިޔާސަތުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ ޕްލޭން އެކަށައަޅާފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.ފިނޭންސުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން، ރާއްޖޭގެ މާލީ އަދި އިގްތިސާދީ ހާލަތަށް އަތުވެދާނެ ބަދަލުތައް ވަރަށް ގާތުން ބަލަމުންދާ ކަމަށެވެ.މިކަމާ ގުޅިގެން ދައުލަތުގެ ކަމާ ބެހޭ މުއައްސަސާތަކާ ގުޅިގެން، މި ހާލަތުގެ ސަބަބުން ރާއްޖެއަށް ކުރިމަތިވެދާނެ ހިރާސްތަކަށް ތައްޔާރުވުމަށާއި އަވަސް ފިޔަވަޅުތައް އެޅުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް މެދުކެނޑުމެއްނެތި ކުރަމުންދާނެ ކަމުގެ ޔަގީންކަން ވަނީ އަރުވާފަ އެވެ.އެގޮތުން، ފިނޭންސް މިނިސްޓްރީން ބުނީ ރާއްޖެއަށް ބޭނުންވާ ތެޔޮ މައިގަނޑު ގޮތެއްގައި އެތެރެކުރަނީ އޮމާން މެދުވެރިކޮށް ކަމަށްވުމާ އެކު، ތެޔޮ ފޯރުކޮށްދިނުމުގެ ނިޒާމަށް ކުރިމަތިވެދާނެ ގޮންޖެހުންތައް ދެނެގަނެ، ތެލުގެ ސަޕްލައި މެދުނުކެނޑި ފޯރުކޮށްދިނުމަށްޓަކައި އެސްޓީއޯއާ ގުޅިގެން އެ މިނިސްޓްރީން ދާނީ ފިޔަވަޅުތަކެއް އަޅަމުން ކަމަށެވެ.ރާއްޖޭގެ އިގްތިސާދު ބިނާވެފައިވަނީ ފަތުރުވެރިކަމުގެ ދާއިރާގެ މައްޗަށް ކަމަށްވުމާ އެކު، މެދުއިރުމަތީގެ ހަމަނުޖެހުންތަކުގެ ސަބަބުން ފަތުރުވެރިން އަންނަ މިންވަރަށާއި ބައިނަލްއަގުވާމީ ދަތުރުފަތުރުގެ ނިޒާމަށް ކޮށްފާނެ އަސަރުތައް ވަރަށް ބޮޑަށް ދިރާސާކުރަމުންދާ ކަމަށްވެސް މިނިސްޓްރީން ބުންޏެވެ."މި ދިރާސާތަކުގެ އަލީގައި، ރާއްޖޭގެ މެކްރޯ-އިކޮނޮމިކް ހަމަޖެހުން ދެމެހެއްޓުމަށާއި އާންމު ހިދުމަތްތައް މެދުނުކެނޑި ފޯރުކޮށްދިނުމަށްޓަކައި، މާލީ ސިޔާސަތުތަކަށް ގެންނަންޖެހޭ ބަދަލުތައް ހާލަތާ އެކަށީގެންވާ ގޮތެއްގައި ގެނައުމަށް ވަނީ ރޭވިފަ އެވެ،" ބަޔާނުގައިވެ އެވެ.ފިނޭންސް މިނިސްޓްރީން ބުނީ މަރުކަޒީ ބޭންކު، އެމްއެމްއޭން އެންމެ ފަހުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، ރާއްޖޭގެ ރިޒާވް މި ވަގުތު ހުރީ މީގެ ކުރިން ރިޒާވް މަތިނުވާ މިންވަރެއްގަ އެވެ. އެހެންކަމުން ބޭރު ދުނިޔެއިން ކުރިމަތިވާ އިގްތިސާދީ ލޮޅުންތަކުން އަރައިގަތުމަށާއި މުދާ އިމްޕޯޓް ކުރުމަށް ބޭނުންވާ ފައިސާ ހަމަޖެއްސުމަށާއި އިގްތިސާދީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް ހަރުދަނާކަމާއެކު ތަންފީޒުކުރުމަށް ސަރުކާރަށް ބޮޑު ބާރަކަށް ވެގެންދާނެކަން ވަނީ ފާހަގަކޮށްފަ އެވެ."މި ދަނޑިވަޅުގައި ރާއްޖޭގެ މާލީ ދާއިރާގެ ހަމަޖެހުން ހިފަހައްޓައި، އިގްތިސާދީ އިތުބާރު ދެމެހެއްޓުމަށްޓަކައި އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް ސަރުކާރުން އަޅަމުންދާނެ އެވެ." އެ ބަޔާނުގައިވެ އެވެ.މެދުއިރުމަތީގައި މިއަދު ފެށި ހަނގުރާމައާ ގުޅިގެން ސަޕްލައި ޗެއިންއަށް ދިމާވެދާނެ ގޮންޖެހުންތައް މޮނީޓާކޮށް، ހުއްޓުމެއްނެތި އަސަސާސީ ކާބޯތަކެތި ރާއްޖެއަށް ލިބޭނެކަން ކަށަވަރުކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ މިރޭ ބުނެފަ އެވެ.މި ހަމަލާއާ ގުޅިގެން ދިމާވެދާނެ ދަތިތައް ހައްލު ކުރުމަށްޓަކައި ރައީސް މުހައްމަދު މުއިއްޒު ވަނީ، ނުވަ ބޭފުޅުންގެ މައްޗަށް އެކުލެވޭ ވަޒީރުންގެ މަޖިލީހުގެ ކޮމިޓީއެއް އެކުލަވާލާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ