ރިޔާސީ ބަޔާން އިއްވާތީ، އަންނަ މަހު 5 ސަރުކާރު ބަންދު
މި އަހަރަށް ރައްޔިތުންގެ މަޖިލީސް ހުޅުވައި، ރިޔާސީ ބަޔާން އިއްވަވާ ޖަލްސާ އަންނަ މަހުގެ ފަސްވަނަ ދުވަހަށް ތާވަލުކޮށްފައިވާތީ، އެ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ކަނޑައަޅުއްވައިފިއެވެ. އާންމު އުސޫލުން ވެސް ރިޔާސީ ބަޔާން އިއްވާ ދުވަސް ސަރުކާރު ބަންދުވާނެއެވެ. ރައީސް އޮފީހުން މިއަދު ބުނީ، ގާނޫނުއަސާސީގެ 84 ވަނަ މާއްދާގައިވާގޮތުގެ މަތިން ކޮންމެ އަހަރަކު ވެސް މަޖިލީސް ހުޅުވައި، ރިޔާސީ ބަޔާން އިއްވާ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި މީގެ ކުރިން ވެސް ހަމަޖައްސާތީ، އެ ދުވަސް ބަންދުކުރަން ނިންމީ ކަމަށެވެ. މި އަހަރުގެ ފުރަތަމަ ޖަލްސާ ތާވަލުކޮށްފައިވަނީ އަންނަ މަހުގެ ފަސްވަނަ ދުވަސްކަމުގައިވާ ބުރާސްފަތި ދުވަހުގެ ހެނދުނު 9:00 އަށެވެ. https://sun.mv/216544 ކޮންމެ އަހަރެެއްގެވެސް ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ޖަލްސާގައި އޮންނާނީ ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވުމެވެ. ވެރިކަންކުރާ ޕީއެންސީގެ އޮފީސް ހުޅުވުމަށް މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ރައްޔިތުންގެ މަޖިލިސް މިއަހަރު ހުޅުވޭ ދުވަހު ރިޔާސީ ބަޔާނުގައި މުހިންމު ކަންކަން ހާމަކުރައްވާނެ ކަމަށެވެ. އެކަމަކު، އިތުރު ތަފުސީލެއް އެ މަނިކުފާނު އެރޭ ހާމަ ނުކުރައްވައެވެ. މިދިޔަ އަހަރު ރިޔާސީ ބަޔާން އިއްވީ ފެބްރުވަރީ މަހުގެ ހަވަނަ ދުވަހެވެ. އެ ދުވަހު ރައީސް ރިޔާސީ ބަޔާން އިއްވަވަން ފެއްޓެވުމާ އެކު، އިދިކޮޅު އެމްޑީޕީގެ މެންބަރުން ވަނީ އިހުތިޖާޖުކޮށްފައެވެ. އިހުތިޖާޖުކުރި މެންބަރުންގެ ނަން އިއްވައި، މެންބަރުން ނިކުންނަންދެން 12 މިނެޓަށް އެ ދުވަހު ޖަލްސާ މެދުކަނޑާލިއެވެ. ރައީސް ރިޔާސީ ބަޔާން އިއްވަވަމުން ގެންދެވި ވަގުތު އިހުތިޖާޖުކުރުމާ ގުޅިގެން ނަން އިއްވައި ނެރުނު މަޖިލިސް މެންބަރުން ވަނީ ފަހުން އިދާރާގެ ބޭރުގައި ވެސް އިހުތިޖާޖުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ