ކާށިދޫގައި ފުލުސް މީހާ މަރާލި ކަމަށް، ސަމާހުގެ މައްޗަށް އަނެއްކާވެސް ސާބިތުވެއްޖެ

ކ. ކާށިދޫގައި ފުލުހަކަށް ވަޅިން ހަމަލާދީ މަރާލި މައްސަލަ ކްރިމިނަލް ކޯޓުން ދެވަނަ ފަހަރަށް ބެލުމަށް ފަހު ވެސް، މުހައްމަދު ސަމާހުގެ މައްޗަށް ކުށް ސާބިތުވާ ކަމަށް މިއަދު ކަނޑައަޅައިފިއެވެ. މިއީ، ކ. ކާށިދޫގައި މީގެ 14 އަހަރު ކުރިން ފުލުހުންގެ ތެރޭގައި މަސައްކަތް ކުރި، ކ. ކާށިދޫ ކެތި، ސާޖަންޓް އާދަމް ހަލީމަށް ވަޅިން ހަމަލާދީ މަރާލި މައްސަލައެވެ. އެ މައްސަލައިގައި ދައުލަތުން ދައުވާކުރީ، ކާށިދޫ ސުވާސާގެ, މުހައްމަދު ސަމާހުގެ މައްޗަށެވެ. ދެހާސް ބާރަ ވަނަ އަހަރުގެ މި ހާދިސާގެ މައްސަލަ ދެވަނަ ފަހަރަށް ބަލަން ޖެހުނީ، ސުޕްރީމް ކޯޓުގެ ހުކުމަކާއެކުއެވެ. ސަމާހުގެ މައްޗަށް ކުށް ސާބިތުވެ، އޭނާ މެރުމަށް، 2013ވަނަ އަހަރު ހުކުމް ކުރިއެވެ. އެ ހުކުމް، ހައިކޯޓުންވެސް ދަމަހައްޓާފައިވަނިކޮށް، އަލުން މައްސަލަ ބަލަން އެންގީ ސުޕްރީމް ކޯޓުންނެވެ. ސުޕްރީމް ކޯޓުގައި އެ މައްސަލައިގެ ހުކުމް އިއްވަމުން އޭރު ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު ވިދާޅުވީ މީހަކު ކުށަކަށް އެއްބަސް ވިޔަސް، އެ މީހެއްގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ނިންމޭނީ އެ މީހަކު ދައްކާ ވާހަކަތައް އެއްވެސް ޝައްކެއް ނެތް މިންވަރަށް ކަށަވަރު ކުރުމަށްފަހު ކަމަށެވެ. އަދި ހައްދުގެ މައްސަލަތަކުގައި ކީރިތި ރަސޫލާ ވެސް އެގޮތަށް އަމަލު ކުރެއްވި ކަމަށް ސުޕްރީމް ކޯޓުގެ ނިންމުމުގައި ބުނެފައިވެއެވެ. ނަމަވެސް ސަމާހު ކުށަށް އެއްބަސްވިއިރު، ހަމަލާދިން ކަމަށް އެއްބަސްވި ނަމަވެސް ހަމަލާދިނީ ގަސްދުގައި މީހަކު މެރުމުގެ ނިޔަތުގައި ނޫން ކަމަށް އޭނާ ބުނެފައިވާ ކަމަށް ހުކުމުގައިވެއެވެ. އެ މައްސަލަ ސުޕްރީމް ކޯޓުން ބެއްލެވީ ފަނޑިޔާރު ހުސްނުއްސުއޫދުގެ އިތުރުން ކުރީގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދުގެ އިތުރުން ކުރީގެ ފަނޑިޔާރު މަހާޒް އަލީ ޒާހިރު އަދި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމެވެ. ސަމާހު އެއްބަސްވީ ބިރު ދައްކައިގެން ކަމަށް އޭނާ ބުނުމާއި ސަމާހު ވެފައިވާ އިއުތިރާފްގެ ބޭރުން އިތުރު ހެއްކެއް ހުރިތޯ ބެލުމަށް ފަހު އެ މައްސަލަ އަލުން ބަލަން ކްރިމިނަލް ކޯޓަށް ފޮނުވަން ޖެހޭ ކަމަށް ފަސް ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި އެ ހުކުމުގައިވެއެވެ. ސުޕްރީމް ކޯޓުގެ ހުކުމާއެކު، އަލުން މައްސަލަ ބަލައި ސަމާހުގެ މައްޗަށް ކުށް ސާބިތުވިނަމަވެސް މި މައްސަލައިގެ ހުކުމް އިއްވުން އޮންނާނީ ފަހުންނެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މި ހަފުތާގައި އޭނާގެ މައްޗަށް ހުކުމް އިއްވާނެއެވެ. ފުލުހުން ބުނެފައިވާ ގޮތުގައި އާދަމް ހަލީމަށް ސަމާހު ހަމަލާދިނީ ގޭ ބަންދުގައި ހުއްޓާ ގެއިން ބޭރަށް އޭނާ ނިކުމެ އުޅޭތީ އޭނާ ޕޮލިސް ސްޓޭޝަނަށް ގެންދަން އާދަމް ހަލީމް އުޅުމުންނެވެ. ނަމަވެސް ސަމާހުގެ ފަރާތުން ބުނެފައިވަނީ ހަމަލާދިނީ މެރުމުގެ ގަސްދުގައި ނޫން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ