އާދީއްތަ ދުވަހު ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ޓްރަމްޕް ބުނީ، "ތޫސްކާ" ގެ ނަން ދީފައިވާ މި ބޯޓު ހުއްޓުމަށް އޮމާން ކަނޑުން އެމެރިކާގެ ނޭވީގެ ގައިޑެޑް މިސައިލް ޑިސްޓްރޯޔަރ އަކުން އިންޒާރު ދިން ކަމަށާއި، ނަމަވެސް ބޯޓުގެ ފަޅުވެރިން އެކަމަށް އިޖާބަނުދިން ކަމަށެވެ. އަދި ބޯޓުގެ އިންޖީނު ރޫމަށް ހަމަލާދީ ފޫދުއްވާލުމަށްފަހު އެމެރިކާގެ ނޭވީން އެ ބޯޓު ހުއްޓުވާފައިވާ ކަމަށާއި، މިހާރު އެ ބޯޓު އޮތީ އެމެރިކާގެ ކަނޑުގެ ސިފައިންގެ ބެލުމުގެ ދަށުގައި ކަމަށްވެސް ޓްރަމްޕް ބުންޏެވެ. އޭނާ އިތުރަށް ބުނީ މިހާރު ބަލަމުންދަނީ ބޯޓުގައި ހުރީ ކޯއްޗެއްތޯ ކަމަށެވެ.
މިކަމާ ގުޅިގެން އީރާނުގެ އަސްކަރިއްޔާގެ އިސް ކޮމާންޑުން ބުނެފައިވަނީ، ޗައިނާއިން އީރާނަށް ދަތުރުކުރަމުންދިޔަ ވިޔަފާރި ބޯޓަކަށް ހަމަލާދީ، މި މަހުގެ ކުރީކޮޅު ވެފައިވާ ހަމަލާބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމާ އެމެރިކާއިން ހިލާފުވެފައިވާ ކަމަށެވެ. ޚާތަމް އަލް-އަންބިޔާގެ ތަރުޖަމާނަކު ބުނީ، އެމެރިކާގެ އަސްކަރިއްޔާއިން ހިންގި މި ހަތިޔާރުއެޅި ފޭރުމުގެ އަމަލަށް އީރާނުގެ އަސްކަރީ ބާރުތަކުން ވަރަށް އަވަހަށް ރައްދުދީ ބަދަލުހިފާނެ ކަމުގެ އިންޒާރު ދޭ ކަމަށެވެ.
އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ނިމުމަކަށް ގެނައުމަށްޓަކައި އީރާނާއެކު މަޝްވަރާކުރުމަށް އެމެރިކާގެ މަންދޫބުން ހޯމަ ދުވަހު ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދަށް ދާނެކަމަށް ޓްރަމްޕް ބުނިތާ ގަޑިއިރުތަކެއް ފަހުން އޭނާ ވަނީ މި ބޯޓުގެ މައްސަލައިގައި ބަޔާން ނެރެފައެވެ.
ބުދަ ދުވަހުގެ ނިޔަލަށް ހަމަވާ، ނާޒުކު ފައްތަރެއްގައިވާ ސުލްހައިގެ އެއްބަސްވުމުގެ މުއްދަތު މި މަޝްވަރާތަކުގެ ސަބަބުން އިތުރުކުރެވިދާނެ ކަމުގެ އުއްމީދު އޮތީ އާވެފައެވެ. ނަމަވެސް އީރާނުގެ ދައުލަތުގެ މީޑިއާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ދެވަނަ ބުރުގެ މަޝްވަރާތަކަކަށް ތެހެރާނުން އެއްބަސްވެފައެއް ނުވެއެވެ.
ހުރްމުޒް ކަނޑުއޮޅި ކައިރިން އީރާނުގެ ބޯޓެއް ހިފަހައްޓައިފިން: ޓްރަމްޕް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ