ޢިބްރަތްތެރި ޥާހަކަ: މުސްކުޅިޔަސް ތަނަވަސްކަންހުރި އަންހެނަކާ ހިތާވެ އަނބިމީހާއާ ދަރިފުޅު އެއްލައިލި މީހަކަށް ޖެހުނު ޙާލާ އެ އަނބިމީހާއަށް ލިބުނު ތަނަވަސް ދިރިއުޅުމުގެ ވާހަކަ-

އަހަރެމެން ކައިވެނިކުރީ ހައަކަ މަސްދުވަހު އެކުގައި އުޅެފައެވެ. މިބުނީ ލޯބިވެގެން އުޅުނުވާހަކައެވެ. އެއިރު އޭނާ އެހައި ބިޒީއެއް ނޫނެވެ. ރޭގަނޑު 8 އާއި 9 އަކާއި ދެމެދު އަހުރެންނާއި ބައްދަލުކުރަން އައުދެއެވެ. 11 ޖަހަންދެން އެކުގައި ވަޤުތު ހޭދަކުރެއެވެ. 
ނަމަވެސް ކައިވެނިކުރިތާ ހަފްތާއެއްވެސް ނުވަނީސް ބިޒީވާން ފަށައިފިއެވެ. ގެއަށް އައުދެވެނީ 12 ވެސް ޖަހާފަހުންނެވެ. ބުނަނީ ކުރަންޖެހޭ ޚަރަދު ބޮޑުވުމުން ފައިސާ ހޯދަން އިތުރުގަޑީގައި މަސައްކަތްކުރަނީ ކަމަށެވެ.  
އެކަން ޤަބޫލުކޮށްގެން އިނީއެވެ. އިނދެވުނު އެންމެ ބޮޑު ސަބަބަކީ ހުރިހާ ވަޤުތަކުވެސް އޮފީސް ފޯނުން ފޯނުނަގާތީ އުޅެނީ އޮފީހުގައިކަން އެނގޭތީ ފިރިމީހާ ދައްކާ ވާހަކަތަކަށް އިތުބާރު ކުރެވުމެވެ.  
ޙަޤީޤަތް ފަޅާއެރީ ދަރިއަކުވެސް ލިބުނުފަހުންނެވެ. ފިރިމީހާ މަސައްކަތްކުރާ އޮފީހުގެ ވެރިއަކީ އަންހެނެކެވެ. ކައިވެނިކޮށްގެން އުޅޭ އަންހެނެކެވެ. ފިރިމިހާއަށްވުރެ 10 އަހަރު ދޮށިވެސްމެއެވެ. އެކަމަކު ފިރިމީހާ ޢާއި ދެމީހުން އުޅެނީ ލޯބީގެ ގޮތުން ގުޅިގެންނެވެ.  
އެކަމުގެ ހެކި ހޯދައި ފިރިމީހާއަށް ދެއްކުމުން ޖަވާބަކަށްވީ އެކަމަށް ނުރުހޭނަމަ ވަރިވެގެން ދިއުމެވެ. އަޅުގަނޑަކީ ވަރަށް ނިކަމެތި އަންހެނަކީމެވެ. ދިރިއުޅެމުން އައީ ބޮޑުދައިދައެއްގެ ގާތުގައެވެ. ބޮޑުދައިތައަކީވެސް ފަޤީރު ޙާލުގައި އުޅޭ އަންހެނެކެވެ. ވީމާ ދަރިއަކު ގޮވައިގެން ގޮސް ބޮޑުދައިތައާއި ކުރިމަތިލާނެ ގޮތަކާއިމެދު ވިސްނަން މަޑުކޮށްލި ވަޤުތު ފިރިމީހާ އައިސް އަޅުގަނޑުގެ ބުރަކަށީގައި އަތް އަޅައި ކޮއްޕަމުން، އުރައިގެންހުރި ތުއްތު ދަރިފުޅާއިއެކު ގެއިން ނެރެލީއެވެ.  
ގެއިން ނެރެލުމުންވެސް ވިސްނަން މަޑުކޮށްލި ވަޤުތު ދެމައިންގެ އެއްޗެތި ކޮތަޅުތަކަކަށް އަޅާފައި ނެރެ ބޭރަށް އެއްލިއެވެ. ހުރީ ވަރިކޮށްފައި ކަމަށާއި ދާނެ ތަނަކަށްދާން ބުންޏެވެ. ޖަވާބެއް ނުދެމެވެ. ރޯން މަޑުންހުރީއެވެ.  
އެވަޤުތު މަގުހުރަސްކުރި ޒުވާންފިރިހެނަކަށް އަޅުގަނޑުމެން ދެމައިން ފެނިގެން އައިސް ސުވާލުކުރުމުން ޖަވާބެއް ނުދެވުނެވެ. ކުރިއަށްވުރެ ބާރަށް ރޮވެން ފެށިއެވެ.  
އޭނާ އިރުކޮޅަކުން އައީ ކާރެއްގައެވެ. އައިސް މަޑުކޮށްލާފައި ސުވާލުކުރީ އެއީ އަހުރެންގެ ކޮތަޅުތަކެއްތޯއެވެ؟ ބޮލުން ޖަވާބުދިނުމުން ކޮތަޅުތައް ޑިކީއަށް އަރުވާފައި އަޅުގަނޑު ގާތުގައި ބުނީ ފަހަރުސީޓަށް އެރުމަށެވެ. އެކަންކުރަން ބޭނުން ނުވިނަމަވެސް އިތުރު އެހެންގޮތެއް ފެންނަން ނެތުމުން ކާރަށް އެރީއެވެ. އެހިސާބުން އަޅުގަނޑާއި ަދރިފުޅުގެ ހުރިހާކަމެއް މާތް ﷲ އަށް ވަކީލްކުރީމެވެ. ދެރަގޮތެއް މިންވަރު ނުކުރެއްވެވުން އެދިގެން ދުޢާކުރީމެވެ.
އޭނާ އަޅުގަނޑަކާއި އެއްވެސް ވާހަކައެއް ނުދައްކައެވެ. ގެންގޮސް ވެއްދީ ދެކޮޓަރީގެ ފްލެޓަކަށެވެ. އެއިރު އެގޭގައި މެދުއުމުރުގެ އަންހެނަކުވެސް އުޅެއެވެ. އޭނާ ގާތު ބުނީ އަޅުގަނޑުމެން ދެމައިންގެ ކަންކަން ބެލެހެއްޓުމަށެވެ. ކަމަކު ބޭނުންވެއްޖެނަމަ އޭނާއަށް ގުޅުމަށެވެ. އަޅުގަނޑުގެ ގާތުގައި ބުނީ ހަމަޖެހިގެން އެތަނުގައި އިނުމަށެވެ. ވާހަކަދެއްކޭ ވަރަށް ހަމަޖެހުން ލިބުމުން އެއަންހެންމީހާ ގާތުގައި ބުނެގެން އޭނާއަށް ގުޅުމަށެވެ. އެހެން ބުނެފައި އޭނާ އެދިއަތަނަކަށް ދިއައީއެވެ. 
އެއަންހެންމީހާ އަޅުގަނޑުމެން ދެމައިން ތިބެން ކޮޓަރިއެއް ދެއްކިއެވެ. ބޭނުން އެއްޗެއް އަމިއްލައަށް ހަދައިގެން ކެއުމުގެ މައްސަލައެއް ނެތްކަމަށާއި އަމިއްލައަށް ނުކެއްކި ނަމަވެސް ކާންދޭނެ ކަމަށްވެސް ބުންޏެވެ.  
އެއީ ވަރަށް ރަނގަޅު ދައްތައެކެވެ. އެދައްތަގެ އޯގާތެރިކަން ލިބުނެވެ. އެދައްތަގެ ކިބައިން ހިތްވަރު ލިބުނެވެ. އެހެންކަމާއިއެކުވެސް އެދައްތައާއިވެސް ވާހަކަދައްކައިކައިލެވޭވަރުވީ ހަފްތާއެއްހައި ދުވަސް ފަހުންނެވެ. އެހައިދުވަސްވަންދެން މަންމަނެއްހެން މަޑުން އިނީއެވެ.  
މަޑުމަޑުން ކަންކަން ހަމައަކަށް އެޅެމުން ގޮސް ދެއަންހެނުންގެ މެދުގައި ގުޅުން ބަދަހިވީމާ އަޅުގަނޑަށް އެހީތެރިވީ ކާކުތޯ އާއި މިއީ ކާކުގެ ތަނެއްތޯ ސުވާލުކުރުމުން ބުނީ އޭނާއަކީ މެދުމިނުގެ ތަނަވަސްކަންހުރި ވިޔަފާރިވެރިއެއް ކަމަށެވެ. ކައިވެނިކޮށްގެން އުޅުނު އަނބިމީހާ ތަނަވަސްމީހަކާއިއެކު ދިއުމުން އެކަނި އުޅޭތާ އަހަރެއްހައި ދުވަސްވެދާނެ ކަމަށެވެ. އޭނާއަކީ ވަރަށް އަޚްލާޤް ރަނގަޅު ޒުވާނެއް ކަމަށާއި މިފްލެޓަކީ އޭނާގެ ކޮއްކޮއަކަށް ގަނެދީފައި ހުންނަ ތަނެއް ކަމަށާއި ކޮއްކޮ ހުންނަނީ ކިޔަވަން މެލޭސިޔާގައި ކަމަށްވެސް ބުންޏެވެ. އަދި އެދައްތައަކީ އެގެ ބަލަހައްޓަން ވަޒީފާގައި މަސައްކަތްކުރާ އަންހެނަކު ކަމަށްވެސް ބުންޏެވެ.  
އަޅުގަނޑު އަތަކު ފޯނެއް ނުއޮވެއެވެ. އެހެންވެ އެދައްތަ މެދުވެރިކޮށް ބައްދަލުކުރަން އެދުމުން އައިސް ބައްދަލުކުރުމުން އަޅުގަނޑަށް ކަންކަން މެދުވެރިވި ގޮތް ކިޔައިދިނީމެވެ. ކިޔައިދިނުމުން ބުނީ އަޅުގަނޑު އުޅުނުގެ އާއި އިންވެގެން ދިރިއުޅެނީ އޭނާގެ ރައްޓެހިން ކަމަށާއި އެރޭވެސް ބައްދަލުވީ އެގެއަށް ގޮސްފައި ނުކުތްތަނުން ކަމަށެވެ. އަދި އެމީހުންގެ ގާތުގައި އަހައިގެން އަޅުގަނޑަށް ކަންކަން މެދުވެރިވި ގޮތްވެސް އޮޅުންފިލުވާފައިވާ ކަމަށެވެ.  
ދެން އޭނާ ބުނީ އެއްވެސް ކަމަކަށް ކަންބޮޑުނުވެ އެތަނުގައި އިނުމަށެވެ. އަދި ބީރައްޓެހިނުވެ އަމިއްލަ ގެއެއް ކަމަށް ބަލައިގެން ގޭގައި އިނުމަށެވެ. އޭނާ އެދުވަހު ދިއައީ އަޅުގަނޑަށް ފޯނެއްދީފައެވެ. ކަމަކު ބޭނުންވެއްޖެނަމަ ގުޅަން ބުނެފައެވެ. އެކަމަކު އަޅުގަނޑު ފޯނެއް ނުކުރަމެވެ. ފޯން އޮންވެސް ނުކުރަމެވެ. ގުޅާނެ މީހެއް ވާހަކަދައްކަން ބޭނުންވާ މީހަކު ނެތުމުންނެވެ.  
އެއިގެ ފަހުން ދެމަސްދުވަސްވަރު ފާއިތުވީތަނާ އެގެ ބަލަހައްޓާ އަންހެންމީހާ ވަޒީފާއިން ވަކިވެގެން ދިއުމުން ގޭގައި އިންނަން ޖެހެނީ އެކަންޏެވެ. އޭނާ ދިއުމުން ގޭގެ ބޭނުންތަކަށް ޚަރަދުކުރާނެ ފައިސާ ދެނީ އަޅުގަނޑުއަތަށެވެ. ބުނެފައި އޮންނަނީ ކައިރީ ފިހާރަތަކުން ނުލިބޭ އެއްޗެއް ބޭނުންވެއްޖެނަމަ އޭނާއަށް އަންގައިލުމަށެވެ. ނަމަވެސް އެއްވެސް ކަމަކު ނުއެދެމެވެ. ފުދިގެން އިނީއެވެ.  
އެހެން އިންނަތާ މަސްދުވަސްވީތަނާ އެއްދުވަހު އައިސް އަޅުގަނޑަށް މުސާރަދޭން އުޅުމުން ބުނީމެވެ. "އަޅުގަނޑުމެން ދެމައިންގެ ޚަރަދާ ގޭކުލި ތިއަ މުސާރައަކުން ނުދެއްކޭނެއެވެ. ދެމައިން މިތިބީ ތިބާއަށް ދަރައެވެ." އެހެން ބުނުމުން ސުވާލުކުރީ ފޯން އޮން ނުކުރަނީ ކީއްވެގެންތޯއެވެ؟ ޖަވާބުގައި އަޅުގަނޑު ބުނީ ވާހަކަ ދައްކާނެ މީހަކު ނެތުމުން ކަމަށެވެ.  
އެހެން ބުނުމުން މަޖާޒާތުގެ ހިނިގަނޑެއް ޖަހާލާފައި ސުވާލުކުރީ މީހަކު ވާހަކަދައްކަން އުޅެފިނަމަ ދައްކާނަންތޯ؟އެވެ. އަޅުގަނޑު ބުނީ އެއްފަހަރު އަލިފާން ކެވިއްޖެއެވެ. އަދިވެސް އެތެރެ އެބަ އަނދައެވެ. ވީމާ ތިއަމީހަކުވެސް ފެނި ކާކުކަމާއި ގޮތްގަނޑު އެނގުމުން ނޫނީ އާނއެކެވެ ނުބުނެވޭނެ ކަމަށެވެ. 
އަނެއް ރޭ އައީ 2 މީހަކު ގޮވައިގެންނެވެ. ފުރަތަމަވެސް ބުނީ އޭނާ އާއި ރުހޭނަމަ މިތިބަ 2 މީހުން ހެކިކޮށް ރަންކިޔުމަށެވެ. އެހެން ބުނެފައި އޭނާގެ އައިޑި ކާޑު ދިނުމުން އިތުރު ބަހެއްވެސް ނުބުނެ އައިޑީ ކާޑު ބަލައިގެން އޭނާގެ ނަން ކިޔާފައި އިންނަން ރަންކީމެވެ.  
އެކައިވެންޏަށް 15 އަހަރުވީއެވެ. އިތުރު 3 ދަރިންވެސް ލިބިއްޖެއެވެ. ދިރިއުޅެމުން މިގެންދަނީ އޭނާގެ ގޭގައި ނުހަނު އުފަލުގައެވެ.  
އަޅުގަނޑުގެ ފުރަތަމަ ވިރިމީހާއަށް މެދުވެރިވި ގޮތްވެސް ކިޔައިދޭނަމެވެ. ކުޑަ ދުވަސްކޮޅެއް ފަހުން އެއަންހެންމީހާ އޭނާގެ މަތިން ފޫހިވެ ވަކިވީއެވެ. ވަޒީފާއިންވެސް ވަކިކުރީއެވެ. އަންހެން މީހާ އެހެން ލޯބިވެރިއަކު ހަމަ އެއޮފީހުން ހޯދީއެވެ. އެޙާލުގައި ޖެހުމުން އަޅުގަނޑު ހޯދަން މަސައްކަތްކުރިއެވެ. ނަމަވެސް ފެނުނީ އަޅުގަނޑު ދެވަނަ ކައިވެނިކުރި ފަހުންނެވެ. ފިރިމީހާ އާއިއެކު ބާޒާރުގައި އުޅެނިކޮށެވެ. ބޮޑުދައިތައަށްވެސް އަޅުގަނޑު އިންތަނެއް ނުއެނގޭތީ އާއި އަޅުގަނޑު އެއްވެސް ވަރަކަށް ގެއިން ބޭރަށް ނުދާތީ ނުފެނުނީއެވެ.  
މިއަދުނޫހުގެ އެކުވެރި ކިޔުންތެރިންނަށް ބުނެލަން އޮތީ ތެދުވެރިވާށެވެ! އުފަލުގައި ހުރެވުނަސް ނަމާދުކުރާށެވެ. ދަތިޙާލެއްގައި ޖެހުމުން ދުޢާކޮށްފިނަމަ ރަނގަޅު ގޮތްތައް ދައްކަވާނެތެވެ. އިން ޝާ ﷲ. އެކަން އަޅުގަނޑަށް މިވަނީ ތަޖުރިބާ ކުރެވިފައެވެ.
 
- ސަފީނާ / މިއަދުނޫހުގެ ކިޔުންތެރިއެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ