ރިސޯޓުތަކުން ޑޮލަރު މާރުކުރަން މަޖުބޫރު ކުރުމުގެ ސަބަބުން ކުރިމަތިވެފައިވާ މާލީ ގޮންޖެހުންތަކާ ހުރެ، ސަން ސިޔާމް ގްރޫޕުގެ ހުރިހާ މުވައްޒަފުންނަށްދޭ ސާވިސް ޗާޖު މި ޖެނުއަރީން ފެށިގެން ރުފިޔާއިން ދޭން އެ ކުންފުނިން ނިންމައިފިއެވެ.
ބޭރު ފައިސާއާ ބެހޭ ގާނޫނާއި ގަވާއިދުގެ ދަށުން ވަނީ 2024 ވަނަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން ޓޫރިޒަމް ވިޔަފާރިތަކަށް ކޮންމެ މަހެއްގައި ލިބޭ އާމްދަނީގެ 20 ޕަސެންޓު ނުވަތަ އަންނަ ކޮންމެ ޓޫރިސްޓަކަށް ބޮލަކަށް 500 ޑޮލަރު މަގުން މާރުކުރަން މަޖުބޫރުކޮށްފަ އެވެ.
މި ގަވާއިދުގެ ސަބަބުން ކުންފުނީގެ ހިންގުމަށާއި މުވައްޒަފުންނަށް ކުރިމަތިވެދާނެ ދަތިތަކާ ގުޅޭގޮތުން ކަމާބެހޭ އިދާރާތަކާއެކު ގިނަ މަޝްވަރާތަކެއް ކުރެވުނު ކަމަށާއި ނަމަވެސް އެ މަޝްވަރާތަކުން މިހާތަނަށް އެދެވޭ ހައްލެއް ލިބިފައި ނުވާ ކަމަށް، 5000 އަށް ވުރެ ގިނަ މުވައްޒަފުން އުޅޭ ސަން ސިޔާމް ގްރޫޕުން މުއައްޒަފުން ފޮނުވި މެމޯއެއްގައި ބުނެފައިވެ އެވެ.
އެހެންވެ، ޖެނުއަރީ 1، 2026 އިން ފެށިގެން އެ ގްރޫޕުގެ ހުރިހާ ރިސޯޓުތަކެއްގެ ދިވެހި އަދި ބޭރު މުވައްޒަފުންނަށް ސާވިސް ޗާޖު ބަހާނީ ދިވެހި ރުފިޔާއިން ކަމަށް ވަނީ ކަނޑައަޅާފައެވެ.
ޑޮލަރު މާރުކުރުމުގެ ގަވާއިދު ތަންފީޒުކުރަން ފެށި ފަހުން، މިއަދާ ހަމައަށް މުވައްޒަފުންނަށް ޑޮލަރުން ފައިސާ ދިނުމަށް ކުންފުނިން ބޮޑެތި މާލީ ގޮންޖެހުންތަކަކާއެކު ގިނަ މަސައްކަތްތަކެއް ކުރިކަށް އެ ކުންފުނިން ބުނެފައިވެ އެވެ.
އެ ކުންފުނީގެ މުވައްޒަފުންނަށް މިހާރު ވެސް މުސާރަ ދެމުންދަނީ ޑޮލަރުންނެވެ. ނަމަވެސް، ކުންފުނީގެ ވިޔަފާރި ދެމެހެއްޓުމަށާއި ލިބޭ ގެއްލުންތައް ކުޑަކުރުމަށްޓަކައި، ސާވިސް ޗާޖު ރުފިޔާއިން ދިނުމަށް މިހާރު މަޖުބޫރުވެފައިވާ ކަމަށް ބުނެފައިވެ އެވެ.
ފަތުރުވެރިކަމުގެ ސިިނާއާަތުގައި ހިންގާ ވިޔަފާރިތަކުން ސާވިސް ޗާޖުގެ ގޮތުގައި ނެގޭނީ ފޯރުކޮށްދޭ ކޮންމެ ހިިދުމަތަކުން، ހިިދުމަތުގެ އަގުގެ މަދުވެގެން 10 ޕަސެންޓެވެ.
ޑޮލަރު މާރުކުރަން މަޖުބޫރު ކުރުމުން ގިނަ އަދަދެއްގެ ރިސޯޓުތަކުގެ މުސާރަ ރުފިޔާ އިން ދޭ ގޮތަށް ވަނީ ބަދަލުކޮށްފަ އެވެ.
ރައީސް މުހައްމަދު މުއިއްޒުގެ ޑޮލަރު ސިޔާސަތުގެ ސަބަބުން ޑޮލަރުގެ އަގު 20ރ. އަށް އަރައި، ބާޒަރުގައި މުދަލާއި ހިދުމަތުގެ އަގުތައް ވަނީ އުފުލިފަ އެވެ.
ޑޮލަރު މާރުކުރަން މަޖުބޫރުވުމުން ސަން ސިޔާމް ގްރޫޕުގެ ސާވިސް ޗާޖު ރުފިޔާއިން ދޭން ނިންމައިފި ޑޮލަރު މާރުކުރަން މަޖުބޫރުވުމުން ސަން ސިޔާމް ގްރޫޕުގެ ސާވިސް ޗާޖު ރުފިޔާއިން ދޭން ނިންމައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ