މިދިޔަ އަހަރު ނިމުނީ ރާއްޖެއިން ކަނޑައަޅާފައި އޮތް ޓޫރިޒަމް ޓާގެޓުގެ ނަންބަރު ހާސިލް ނުކުރެވި އެވެ. 2.3 މިލިއަން ފަތުރުވެރިންގެ އަމާޒަކަށް މަސައްކަތް ކުރި ނަމަވެސް އަހަރު ނިމުނު އިރު ރާއްޖެ އައީ 2.2 މިލިއަން ފަތުރުވެރިންނެވެ. ޓާގެޓަށް ވުރެ 150،000 އެއްހާ ފަތުރުވެރިން މަދެވެ.
ފަތުރުވެރިން ގެނައުމަށް ކަނޑައެޅި އަދަދުގެ ޓާގެޓު ހާސިލް ނުވި ނަމަވެސް، އަހަރުން އަހަރަށް ބަލާއިރު ރާއްޖެ އައި ފަތުރުވެރިންގެ އަދަދު އޭގެ ކުރީ އަހަރަށް ވުރެ %9.8 އިތުރެވެ.
ޓޫރިޒަމްއަކީ ރާއްޖެއަށް އެންމެ ބޮޑު އާމްދަނީ އެއް ވަންނަ ސިނާއަތް ކަމަށްވާއިރު، މީގެ ކުރިން އޮތް އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ އަހަރުން އަހަރަށް ފަތުރުވެރިންގެ އަދަދު އިތުރުވި ނަމަވެސް ފަތުރުވެރިކަމުގެ ސިނާއަތުން ލިބޭ އާމްދަނީ އެކަށީގެންވާ ވަރެއްގައި އިތުރުނުވުމެވެ. ކޮންމެ އަހަރަކު ވެސް އެތައް ސަތޭކަ އާ އެނދެއް ސިނާއަތަށް ނެރޭއިރު، ފަތުރުވެރިން ރާއްޖޭގައި ހޭދަކުރާ ރޭގެ އަދަދު (ބެޑް ނައިޓްސް) އިތުރު ނުވުމަކީ ވެސް އޮތް ކަންބޮޑުވުމެކެވެ.
ދައުލަތުގެ ޓެކްސް އިދާރާ މީރާގެ ތަފާސްހިސާބުތަކަށް ބަލާއިރު:
މިދިޔަ 2025 ވަނަ އަހަރު ފަތުރުވެރިކަމާ ގުޅުންހުރި ހިދުމަތްތަކުން ނަގާ ޓެކްސް، ޓީޖީއެސްޓީން އާމްދަނީގެ ގޮތުގައި 10 ބިލިއަން ރުފިޔާ ވަނީ ލިބިފައި؛ އޭގެ ކުރީ އަހަރު ލިބުނީ 9.5 ބިލިއަން ރުފިޔާ
2025 ވަނަ އަހަރު ގްރީން ޓެކުހުގެ ގޮތުގައި 2.2 ބިލިއަން ރުފިޔާގެ އާމްދަނީއެއް ދައުލަތަށް ލިބުނު؛ އޭގެ ކުރީ އަހަރު ގްރީން ޓެކުހުގެ ގޮތުގައި ލިބުނީ 1 ބިލިއަން ރުފިޔާ
ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރާ ސަރުކާރުގެ ކުންފުނި ވިޒިޓް މޯލްޑިވްސްގެ ޗެއާމަން އަބްދުﷲ ގިޔާސް ވިދާޅުވި ގޮތުގައި، ފަތުރުވެރިން އަންނަ އަދަދު އިތުރުވި ނަމަވެސް ޓޫރިޒަމުން ލިބޭ އާމްދަނީ އިތުރުނުވުމަކީ އިންޑަސްޓްރީގެ އޮތް ކަންބޮޑުވުމެކެވެ. ނަމަވެސް މިދިޔަ އަހަރު ނިމުނުއިރު އެ މަންޒަރު ބަދަލުވެއްޖެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ކޮވިޑުގެ ފަހުން ވެސް ދެ އަހަރަކު އަޅުގަނޑުމެންގެ ޓްރެވަލް ރިސިޓްސް ހުރީ އެއް އަހަރަށް ވުރެ އަނެއް އަހަރު މަދުވެފައި. މިދިޔަ އަހަރު 5.4 ބިލިއަން ޑޮލަރު ޓްރެވަލް ރިސިޓްސްގެ ގޮތުގައި ވަނީ ލިބިފައި،" އަބްދުﷲ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މިދިޔަ އަހަރު ވިޒިޓް މޯލްޑިވްސް އިން އެންމެ ބޮޑު އިސްކަމެއް ދިނީ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށް ވުރެ ބޮޑަށް އެ އިންޑަސްޓްރީން ލިބޭ އާމްދަނީ ނުވަތަ ޓްރެވަލް ރިސިޓްސް އިތުރުކުރުމަށެވެ.
"2.3 ފަތުރުވެރިންނަށް ޓާގެޓުކުރި އިރު ވެސް ރެވެނިއު އިތުރުކުރުމަކީ ކީ ފޯކަސް،" އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން އެބަޖެހޭ މީގަ ބެލެންސެއް ގެންގުޅެން. ޓޫރިސްޓު އެރައިވަލްސްއަކީ އެކަތި. އަނެކެއްޗަކީ ރެވެނިއު، ދެން ބެޑްނައިޓްސް އަދި އޮކިޔުޕެންސީ. މި ހުރިހާ އެއްޗެއް ކޮމްބައިންވެގެން އަޅުގަނޑުމެންނަށް މި ގޭޖު ކުރެވެނީ ޕާފޯމަންސް."
އަބްދުﷲ ވިދާޅުވި ގޮތުގައި، ރާއްޖޭގައި ފަތުރުވެރިން ހޭދަކުރާ ރޭގެ އަދަދު ނުވަތަ އެވްރެޖު ސްޓޭ މަދުވުމަކީ ވެސް އޮތް ކަންބޮޑުުވުމެކެވެ.
"ޝޯޓް ހޯލް މާކެޓުތަކުން ބޮޑަށް މި އަންނަނީ. ޓޮޕް އެއް މާކެޓަކީ ޗައިނާ. ޗައިނާ މާކެޓަކީ އެވްރެޖު 4-5 ނައިޓްސް މަޑުކުރާ ބަޔެއް. އެކަމަކު އެހެން ޑެސްޓިނޭޝަންތަކުގައި އެ މީހުން އެއަށް ވުރެ ގިނައިން އެބަ މަޑުކުރޭ. އަޅުގަނޑުމެން ބޮޑަށް މި މަސައްކަތްކުރަނީ މި މެޓްރިކްސްތައް ރަނގަޅުކުރެވޭނެ ގޮތްތަކަކަށް،" އޭނާ ވިދާޅުވި އެވެ.
އަބްދުﷲ ވިދާޅުވި ގޮތުގައި، މި އަހަރު ގެންނަން އަމާޒު ހިފާފައިވާ 2.4 މިލިއަން ފަތުރުވެރިންގެ ޓާގެޓަކީ ގަބޫލުކުރެވޭ އަދަދެކެވެ. ވިޒިޓް މޯލްޑިވްސް އިން އަބަދު ވެސް މަސައްކަތް ކުރަނީ ރާއްޖޭގެ ޓޫރިޒަމް އިޝްތިހާރުކޮށް އެ ޓާގެޓަށް ވާސިލްވުމަށް ކަމަށް އޭނާ ފާހަގަ ކުރެއްވި އެވެ.
މީގެ އިތުރުން މި އަހަރު އެންމެ ބޮޑު ފޯކަސްއެއް ބަހައްޓާނީ އެވްރެޖު އޮކިޔުޕެންސީ %80ގައި ހިފެހެއްޓުމަށް ކަމަށް އަބްދުﷲ ވިދާޅުވި އެވެ.
"މެއި، ޖޫން އަދި ޖުލައި އަކީ އެންމެ ޗެލެންޖިން މަސްތައް. އެމާޖިން މާކެޓުތަކަށް ބެލިޔަސް އެ ދުވަސްތަކުގައި ފަތުރުވެރިން އަންނަ އަދަދު މަދު. މިހާރު މި މަސައްކަތް ކުރަނީ އެ މާކެޓުތަކަށް ޓާގެޓުކޮށްގެން އެވްރެޖު އޮކިޔުޕެންސީ ލޯ ސީޒަންގައި ވެސް %80 ގައި ހިފަހައްޓަން،" އޭނާ ވިދާޅުވި އެވެ.
އެމްއެމްއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު:
މިދިޔަ އަހަރު ރާއްޖޭގެ އެވްރެޖު އޮކިޔުޕެންސީ ރޭޓު އުޅެނީ %58ގައި؛ މިއީ 2024 ވަނަ އަހަރާ އަޅާބަލާއިރު ގާތްގަނޑަކަށް އެއްވަރުގެ އަދަދެއް
މިދިޔަ އަހަރު ރާއްޖޭގެ އެވްރެޖު ބެޑްނައިޓްސް އުޅެނީ 6.9ގައި؛ 2024 ވަނަ އަހަރު މި އަދަދު ހުރީ 7.4ގައި
މިިދިޔަ އަހަރު ނިމުނުއިރު ރާއްޖޭގެ އޮޕަރޭޝަނަލް ބެޑް ކެޕޭސިޓީއަކީ ޖުމްލަ 67،475
ޓްރެވެލް އެޖެންޓުންގެ ޖަމްއިއްޔާ، މަޓާޓޯގެ ސީއީއޯ މުހައްމަދު ބައްސާމް އާދަމް ފާހަގަކުރެއްވި ގޮތުގައި، މިދިޔަ އަހަރުގެ ޓޫރިޒަމް ޓާގެޓު ހާސިލްކުރުމަށް އިންޑަސްޓްރީން ބުރަ މަސައްކަތްތަކެއް ކުރި އެވެ. އެ މަސައްކަތުގައި ގިނަ ގޮންޖެހުންތައް ކުރިމަތިވިކަން އޭނާ ފާހަގަ ކުރެއްވި އެވެ.
"ދުނިޔޭގެ އިގްތިސޯދަށް އަންނަ ބަދަލުތަކާއެކު ވެސް އެރައިވަލްސްއަށް އެބަދަ އަސަރު ކުރޭ. އަނެއް ފެކްޓާއަކީ ރާއްޖެއާ ވާދަކުރާ އެހެން ޑެސްޓިނޭޝަންތައް. މީގެ ކުރިން ރާއްޖެ އަންނަ ފަތުރުވެރިން އެބަ ބޭނުންވޭ އެތަންތައް ތަޖުރިބާކުރަން. އެކަމަކު އެ ތަންތަނަށް ގޮސްފައި ވެސް އެމީހުން އެނބުރި ރާއްޖެ އަންނަން ބޭނުންވޭ،" ބައްސާމް ވިދާޅުވި އެވެ.
ބައްސާމް ވިދާޅުވީ ޓްރެވަލް އެޖެންޓުންނާ ގުޅިގެން މަޓާޓޯ އިން ވެސް މިއަހަރު ގިނަ ހަރަކާތްތަކެއް ކުރިއަށްގެންދަން ރާވާފައިވާ ކަމަށެވެ. އެ ޖަމްއިއްޔާގެ މެންބަރުންނާ އެކު ރާއްޖޭގެ ޓޫރިޒަމް އިޝްތިހާރުކޮށް ޓޫރިޒަމްގެ ޓާގެޓު ހާސިލް ކުރުމަށް ފެއާތަކާއި ފޯރަމްތައް އަދި ފެމެލަރައިޒޭޝަން ދަތުރުތައް އަހަރު ތެރޭ ކުރިއަށް ގެންދަން ރާވާފައިވާ ކަމަށް ބައްސާމް ވިދާޅުވި އެވެ.
"މީގެ އިތުރުން މިހާރު ވެސް ރާއްޖެ އަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ މާކެޓުތައް، މިސާލަކަށް ޗައިނާގެ ޓޫރިސްޓުން އިތުރުކުރަން ވެސް އިންޑަސްޓްރީ ތެރެއިން އެބަ މަސައްކަތްތައް ކުރެވޭ. މިހާރު މި އަންނަ އަދަދަކީ ޗައިނާގެ އައުޓްބަންޑު ޓޫރިސްޓުގެ %1އަށް ވުރެ ވެސް މަދު އަދަދެއް. އެ އަދަދު އިތުރު ކުރަން މީގެ ކުރިން އެޑްރެސް ނުކުރެވި ހުރި ގިނަ ކަންތައްތަކަށް އެޑްރެސްކޮށްގެން ކުރިއަށް އެބަ ދޭ،" އޭނާ ވިދާޅުވި އެވެ.
ޓޫރިސްޓުންގެ އަދަދު އިތުރުވުމާ އެކު އާމްދަނީ އިތުރުވުމުގެ މުހިއްމުކަން ބައްސާމް ވެސް ފާހަގަކުރެއްވި އެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް ބޭނުންކުރަން ފަށާފައިވާއިރު އެއާލައިންތަކުގެ ދަތުރުތައް އިތުރުވެ، ޓޫރިސްޓުންގެ އަދަދު އިތުރުވާނެ ކަމުގެ އުއްމީދު އެބައޮތް ކަމަށް އޭނާ ވިދާޅުވި އެވެ. މީގެ އިތުރުން، އުތުރުން ހދ. ހަނިމާދޫ އެއާޕޯޓާއި ނ. މާފަރު އެއާޕޯޓާ އެކު ވެސް ފްލައިޓުތަކުގެ އަދަދު އިތުރުވެ ފަތުރުވެރިން އަންނަ އަދަދު އިތުރުކުރެވިދާނެކަން އޭނާ ފާހަގަ ކުރެއްވި އެވެ.
"މިހާރު މި އަހަރަށް ކަނޑައަޅާފައިވާ 2.4 މިލިއަނަކީ ވެސް ރީޒަނަބަލް އަދަދެއް. ޖިއޯ ޕޮލިޓިކަލް ކަމެއް ދިމާވާ ހިނދަކު މި ޓާގެޓު ހާސިލްކުރަން އުނދަގުލެއް ނުވާނެ. އެކަމަށް މަސައްކަތްތައް ވެސް އެބަ ކުރެވޭ،" އޭނާ ވިދާޅުވި އެވެ.
ރާއްޖޭގެ ޓޫރިޒަމް ސިނާއަތުގެ އަމާޒަކީ ޓޫރިސްޓު އެރައިވަލްސްގެ ރެކޯޑު ހެދުމާ އެކު، އެ އިންޑަސްޓްރީން ލިބޭ އާމްދަނީ ވެސް ރެކޯޑު އަދަދަކަށް އިތުރުކުރުމެވެ. މި ދެ ކަންތައް ވެސް އިންޑަސްޓްރީގެ އަދި އިގްތިސޯދުުގެ ކުރިއެރުމަށް މުހިއްމެވެ.
މުހިއްމީ އެރައިވަލްސް ރެކޯޑެއްތަ؟ ނޫނީ އާމްދަނީ އިތުރުކުރުންތަ؟
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ