ލީގު ކަޕް ސެމީގެ ފުރަތަމަ ލެގުގައި ޗެލްސީ ދަނޑުގައި އާސެނަލަށް މޮޅެއް ލީގު ކަޕް ސެމީގެ ފުރަތަމަ ލެގުގައި ޗެލްސީ ދަނޑުގައި އާސެނަލަށް މޮޅެއް

ލަންޑަން (ޖެނުއަރީ 15) - އިނގިރޭސި ލީގު ކަޕް ސެމީ ފައިނަލްގެ ފުރަތަމަ ލެގުގައި ޗެލްސީ ދަނޑުގައި އާސެނަލުން 3-2 އިން މޮޅުވެއްޖެ އެވެ.
ޗެލްސީ ދަނޑުގައި ކުޅުނު މި މެޗުގައި އާސެނަލުން ހަތް ވަނަ މިނިޓްގައި ވަނީ ލީޑުނަގައިފަ އެވެ. މިއީ، ކޯނަރެއްގައި އާސެނަލްގެ ބެން ވައިޓް ޖެހި ގޯލެކެވެ، މިއީ، ޗެލްސީގެ ކީޕަރު، ރޮބަޓް ސަންޗޭޒަށް ހެދުނު ގޯހަކުން ވައިޓް ޖެހި ގޯލެކެވެ. އަދި، ދެ ވަނަ ހާފު ފެށިގެން ހަތަރު މިނިޓް ތެރޭ، ކީޕަރު ސަންޗޭޒް އަތުން ހެދުނު ގޯހަކުން އާސެނަލްގެ ވިކްޓަ ޔޯކެރޭޝް ވަނީ ލަނޑު ޖަހައި އެ ޓީމަށް ދެ ގޯލުގެ ލީޑެއް ހޯދައިދީފަ އެވެ.
ޗެލްސީން ބަދަލަކަށް ކުޅެން އެރި އަލެހަންދްރޯ ގާނާޗޯ ވަނީ މެޗުގެ 57 ވަނަ މިނިޓްގައި ލަނޑެއް ޖަހައި، އެ ޓީމަށް އުންމީދެއް ހޯދައިދީފަ އެވެ. އެކަމަކު، މެޗުގެ 71 ވަނަ މިނިޓްގައި އާސެނަލްގެ މާޓިން ޒުބިމެންޑީ ވަނީ އެ ޓީމަށް އަނެއްކާ ވެސް ދެ ލަނޑުގެ ލީޑެއް ނަގައިދީފަ އެވެ. ދެ ވަނަ ލެގަށް އާސެނަލް ދަނޑަށް ދިއުމުގެ ކުރިން، ޗެލްސީން ފަރަގު ކުޑަކުރި ލަނޑު ޖެހީ 83 ވަނަ މިނިޓްގައި ގާނާޗޯ އެވެ.
މިއީ، ޗެލްސީގެ ކޯޗުކަމާ ހަވާލުވި ލިއަމް ރޮސެނިއާގެ ކޯޗުކަމުގައި ޗެލްސީ ބަލިވި ފުރަތަމަ މެޗެެވެ.
ލީގު ކަޕްގެ ދެ ސެމީ ފައިނަލުގެ ފުރަަތަމަ ލެގުގައި ވެސް މޮޅުވީ ރަށުންބޭރުގައި ކުުޅުނު ޓީމުންނެވެ. މެންޗެސްޓާ ސިޓީން ވަނީ ފުރަތަމަ ސެމީ ފައިނަލުގައި އެންމެ ފަހުގެ ޗެމްޕިއަން، ނިއުކާސަލް ޔުނައިޓެޑް އަތުން 2-0 އިން މޮޅުވެފަ އެވެ.
ސިޓީ ދަނޑުގައި ކުޅޭ ދެ ވަަނަ ލެގު އަންނަ މަހު ހަތަރެއްގައި އޮތްއިރު، އާސެނަލް ދަނޑުގައި ކުޅޭ ދެ ވަނަ ލެގު އޮތީ އަންނަ މަހު ތިން ވަނަ ދުވަހުގެރޭގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ