ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ޓެމްޕްލޭޓް ބޭނުންކޮށްގެން ވޯޓުލާން ރަޖިސްޓަރީވާން ހުޅުވާލައިފި ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ޓެމްޕްލޭޓް ބޭނުންކޮށްގެން ވޯޓުލާން ރަޖިސްޓަރީވާން ހުޅުވާލައިފި

އަންނަ އެޕްރީލް 4، ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބުގައި ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ މީހުން ޓެމްޕްލޭޓް ބޭނުންކޮށްގެން ވޯޓުލާން ރަޖިސްޓްރީކުރަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން އިއްޔެ ހުޅުވާލައިފި އެވެ.
އީސީން ބުނީ ޓެމްޕްލޭޓް ބޭނުންކޮށްގެން ވޯޓުލާން ރަޖިސްޓްރީކުރަން ހުޅުވާލީ ފެބްރުއަރީ 23، ވާ ހޯމަ ދުވަހުގެ ރޭގަނޑު 10:00 ގެ ނިޔަލަށް ކަމަށެވެ. މިގޮތުން އެ މުއްދަތުގެ ތެރޭގައި ރަޖިސްޓްރީވުމަށް އެދި 1414 އަށް ގުޅުމުން އިންތިޒާމު ހަމަޖެހޭނެ ކަމަށް ކޮމިޝަނުން ބުންޏެވެ.
އީސީގެ ކޯލް ސެންޓަރުން ހިދުމަތް ދެނީ ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އިން ރޭގަނޑު 10:00 އަށް އަދި ހުކުރު ދުވަހުގެ މެންދުރުފަހު 3:00 އިން ރޭގަނޑު 10:00 އަށެވެ.
ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އަމިއްލައަށް ވޯޓުކަރުދާހުގައި ޓެމްޕްލޭޓް ބޭނުންކޮށްގެން ފާހަގަ ޖެހުމުގެ ފުރުސަތު ދިނުމުގެ ގޮތުން، އެކަމަށް ހާއްސަ ޓެމްޕްލޭޓެއް ތައްޔާރުކުރީ 2023 ވަނަ އަހަރެވެ. އެ ޓެމްޕްލޭޓް ބޭނުންކޮށްގެން ވޯޓުލުމުގެ ފުރުސަތު އެންމެ ފުރަތަމަ ފެށީ މިދިޔަ ރިޔާސީ އިންތިހާބުގަ އެވެ.
ނިމިދިޔަ ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވެސް ޓެމްޕްލޭޓް ބޭނުންކޮށްގެން ވޯޓުލުމަށް އެދޭ ފަރާތަކަށް، އެކަމަށް ބޭނުންވާ މައުލޫމާތު ދިނުމަށް މާލެއާއި އަތޮޅުތެރޭގައި މިކަމާގުޅޭ ތަމްރީން ޕްރޮގްރާމްތައް ކުރިއަށްގެންގޮސްފައިވެ އެވެ.
ކައުންސިލް އިންތިހާބުގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓު އީސީގެ ވެބްސައިޓް ގެ އިތުރުން، (VR (space) ID number to 1414) އެސްއެމްއެސް ކޮށްގެން ޗެކްކުރެވެ އެވެ.
ކައުންސިލް އިންތިހާބުގައި ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ 294،937 މީހުންނެވެ. އޭގެ ތެރެއިން 150،410 މީހުންނަކީ ފިރިހެނުން ކަމަށްވާއިރު، 144،527 މީހުންނަކީ އަންހެނުންނެވެ. އިންތިހާބުގައި ޖުމްލަ 621 ވޯޓު ފޮށި ބެހެއްޓުމަށް ވަނީ ހަމަޖެހިފަ އެވެ.
އިންތިހާބުގައި ޖުމްލަ 225 ދާއިރާއަކުން، ލޯކަލް ކައުންސިލްތަކުގެ މެންބަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުން އިންތިހާބުކުރާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ