ލެއްޗޭ ބަލިކޮށް އިންޓަ އިން އެއް ވަނައިގައި ލީޑުފުޅާކޮށްފި ލެއްޗޭ ބަލިކޮށް އިންޓަ އިން އެއް ވަނައިގައި ލީޑުފުޅާކޮށްފި

މިލާން (ޖެނުއަރީ 15) - ލެއްޗޭ އަތުން 1-0 އިން މޮޅުވެ، އިންޓަ މިލާނުން އިޓާލިއަން ލީގުގެ އެއް ވަނައިގައި ހަ ޕޮއިންޓަށް ލީޑުފުޅާކޮށްފި އެވެ.
އިންޓަ އިން އެއް ވަނައިގައި އޮތީ 20 މެޗުން 46 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް އޭސީ މިލާނުން 19 މެޗުން ވަނީ 40 ޕޮއިންޓް ހޯދައިފަ އެވެ. ތިން ވަނައިގައި އޮތް ނަޕޯލީ އަށް ލިބިފައިވަނީ 20 މެޗުން 40 ޕޮއިންޓެވެ. މިލާނުން މިރޭ ކުޅޭ މެޗުގައި ކޯމޯއާ ބައްދަލުކުރާނެ އެވެ. ކޯމޯ އަކީ މި ވަގުތު ލީގުގެ ހަ ވަނައިގައި އޮތް ޓީމެވެ.
ލެއްޗޭ ކޮޅަށް ގޯލެއް ޖެހުމަށް އިންޓަ އިން ފުރަތަމަ މިނިޓުން ފެށިގެން މަސައްކަތްކުރިއިރު، އެ ޓީމުގެ އަންގޭ ބޮނީ ފޮނުވާލި ބޯޅަ ދިޔައީ ދަނޑިކައިރިން ބޭރުންނެވެ. އަދި، އަންގޭ ބޮނީ އަށް ކުރި ފައުލަކަށް ފުރަތަމަ ހާފުގައި އިންޓަ ޕެނަލްޓީއެއް ދޭން ނިންމި އެވެ. އެކަމަކު، ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބަލާފައި އެ ޕެނަލްޓީ ދޭން ނިންމި ނިންމުން ވަނީ ބަދަލުކޮށްފަ އެވެ.
އިންޓަ އިން މި މެޗުގައި ޖެހި ހަމައެކަނި ގޯލު ކާމިޔާބުކުރީ މެޗުގެ 78 ވަނަ މިނިޓްގައި ޕިއޯ އެސްޕޮސީޓޯ އެވެ. މިއީ، އިންޓަގެ ލަޓައުރޯ މާޓީނޭޒް ޖެހި ބޯޅައެއް ލެއްޗޭ ކީޕަރު، ވްލަޑިމީރޯ ފަލްކޯނޭ އަތުގައި ޖެހިފައި ނުކުތް ވަގުތު އެސްޕޮސީޓޯ ޖެހި ގޯލެކެވެ. ބަދަލަކަށް ދެ ވަނަ ހާފުގައި ކުޅެން އެރި އެސްޕޮސީޓޯ އިންޓަ އަށް ދެ ވަނަ ލަނޑެއް ޖަހައިދޭން ފޮނުވާލި ބޯޅަ ދިޔައީ ދަނޑިކައިރިން ބޭރުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ