އީދަށް ވެސް ޓެކްސީ ލައިން ނުފެށޭ، އެކަމަކު މި މަހު ފެށޭނެ: ޓްރާންސްޕޯޓު
މިއަދު ފާހަގަކުރާ އީދާ ދިމާކޮށް ސަރުކާރުގެ ޓެކްސީ ލައިން ނުފެށުނު ނަމަވެސް މި މަހު އެ ޚިދުމަތް ފަށާނެ ކަމަށް ޓްރާންސްޕޯޓު މިނިސްޓްރީން ބުނެފިއެވެ. ސަރުކާރުގެ ޓެކްސީ ލައިންގެ ޚިދުމަތް ފެށޭނެ ކަމަށް ބުނެ މިނިސްޓަރު އަމީން އެންމެ ފުރަތަމަ ދެއްވި ތާރީޚަކީ ނިމިދިޔަ އަހަރުގެ ޖުލައި މަހުގެ ފުރަތަމަ ހަފުތާއެވެ. އެއަށްފަހު، މިނިސްޓަރު ވަނީ އެ އަހަރުގެ ޖޫން މަހު، ޓެކްސީ ލައިންގެ ޚިދުމަތް ފެށޭނީ އޮގަސްޓް މަހު ކަމަށް ވިދާޅުވެފައެވެ. ނަމަވެސް، މިނިސްޓަރު ދެއްވި ދެ މުއްދަތުގައި ވެސް ޓެކްސީ ލައިންގެ ޚިދުމަތް ފެށިފައެއް ނުވެއެވެ. މި މަހުގެ ހަތަރެއްގައި މިނިސްޓަރު ވަނީ އިތުރު ތާރީޚެއް ދެއްވާފައެވެ. މިގޮތުން، ފިތުރު އީދުގައި ޓެކްސީ ލައިންގެ ޚިދުމަތް ފަށަން މަސައްކަތް ކުރައްވާ ކަމަށް އޭރު މިނިސްޓަރު ވިދާޅުވިއެވެ. ސަރުކާރުން ފަށަން ނިންމި ޓެކްސީ ޚިދުމަތުގައި ބޭނުންކުރާ ކާރެއް -- ފޮޓޯ/ ޓްރާންސްޕޯޓު މިނިސްޓްރީ 'ސަން'އިން ސުވާލުކުރުމުން މިދިޔަ ބުދަ ދުވަހު ޓްރާންސްޕޯޓު މިނިސްޓްރީގެ އޮފިޝަލެއް ވިދާޅުވީ، އީދަށް ޓެކްސީ ލައިންގެ ޚިދުމަތް ނުފެށޭނެ ކަމަށެވެ. ނަމަވެސް، މި މަހު ޓެކްސީ ލައިންގެ ޚިދުމަތް ފެށޭނެ ކަމަށް އޮފިޝަލް ވަނީ ވިދާޅުވެފައެވެ. މާލޭ ސަރަހައްދުގައި ސަރުކާރުން ޓެކްސީ ޚިދުމަތް ފަށަން އެމްޓީސީސީއާއި ޓްރާންސްޕޯޓު މިނިސްޓްރީއާއެކު އެމްޔޫއޯއެއްގައި ސޮއިކުރީ މިދިޔަ ފެބްރުއަރީ މަހުގެ 15ގައެވެ. ޓެކްސީ ލައިންގެ ޚިދުމަތަށް 407 ޑްރައިވަރުން ހޯދުމަށް ހޯދުމަށް އެމްޓީސީސީއިން ވަނީ ނިމިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 19 ވަނަ ދުވަހުގައެވެ. އޭގެތެރޭގައި ފުލް ޓައިމް ޑްރައިވަރުންގެ ގޮތުގައި 285 މީހުން ހޯދުމަށް އޭރު އެމްޓީސީސީއިން އިއުލާނުކުރިއެވެ. އެއީ، ހަފުތާއަކު ހަ ދުވަހު، ދުވާލަކު އަށް ގަޑިއިރަށް މަސައްކަތް ކުރާ ގޮތަށެވެ. މަޖީދީމަގުން ޓެކްސީއެއް ދަތުރުކުރަނީ: އީދަށް ޓެކްސީ ލައިންގެ ޚިދުމަތް ނުފެށޭނެ ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ އޭގެފަހުން، އެމްޓީސީސީއިން ވަނީ ނިމިދިޔަ ޖެނުވަރީ މަހުގެ 17 ވަނަ ދުވަހު ޕާޓްޓައިމް ޑްރައިވަރުން ހޯދަން ވޯކްއިން އިންޓަވިއުއެއްވެސް ބާއްވާފައެވެ. އެމްޓީސީސީއިން ބުނީ ސަރުކާރުން ތައާރަފްކުރާ މި ޚިދުމަތުގައި ބޭނުންކުރާނީ ތިމާވެއްޓާއި ރައްޓެހި، ސައްތައިން ސައްތަ އިލެކްޓްރިކް ވެހިކަލް ހިމެނޭ ޓެކްސީތައް ކަމަށެވެ. އެގޮތުން ސައުވީސް ގަޑިއިރު ޚިދުމަތް ދޭ ގޮތަށް ތާރަފްކުރެވޭ މި ޓެކްސީ ޚިދުމަތް ދިނުމަށް އެކަމަށް ޚާއްސަ އެޕްލިކޭޝަނެއް އޮންނާނެ ކަމަށާއި އެ އެޕް މެދުވެރިކޮށް ޓެކްސީގެ ޚިދުމަތް ހޯދާ ފަރާތުގެ ލޮކޭޝަނާއި އެންމެ ގާތުގައިވާ ޓެކްސީ އެނގޭނެ ކަމަށް އެމްޓީސީސީއިން ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ