އީރާނުން ޤަޠަރުގެ ގޭސް ދަނޑަކަށް ދިން ޙަމަލާއެއްގެ ސަބަބުން އެ ޤައުމުގެ ދިޔާކޮށްފައިވާ ޤުދުރަތީ ގޭސް (އެލްއެންޖީ) ބޭރުކުރުމުގެ ޤާބިލުކަން 17 އިންސައްތައިން ދަށަށް ގޮސްފިއެވެ. އޭގެ ސަބަބުން އަހަރެއްގެ މައްޗަށް ލިބޭ އާމްދަނީއިން 20 ބިލިޔަން ޑޮލަރުގެ ގެއްލޭނެ ކަމަށް ބެލެވެއެވެ.
އީރާނުން ހުރުމުޒު ކަނޑުއޮޅި ބަންދުކޮށް ގަލްފުގެ ބައެއް ޤައުމުތަކުގައި ހުންނަ ތެލާއި ގޭސް މަރުކަޒުތަކަށް ޙަމަލާ ދެމުން ދަނީ ހުސްވި ފެބްރުއަރީ މަހުގެ 28ވަނަ ދުވަހު ޔަހޫދީންނާ ގުޅިގެން އެމެރިކާއިން އީރާނަށް ނިރުބަވެރި ޙަމަލާތަކެއް ދޭން ފަށައި އީރާނުގެ އޭރުގެ ރޫޙީ ވެރިޔާ ހިމެނޭ ގޮތަށް އެ ޤައުމުގެ އިސް ބޭފުޅުންތަކެއް ޝަހީދުކޮށްލުމާ ގުޅިގެންނެވެ. ގަލްފުގެ ބައެއް ޤައުމުތަކަށް އީރާނުގެ ޙަމަލާތައް މުޅިން ވެސް އަމާޒުކުރަނީ އެމެރިކާއާއި ޔަހޫދީންގެ މަސްލަހަތު އޮތް ތަންތަނަށާއި އަސްކަރީ މަަރުކަޒުތަކަށެވެ. އަމިއްލަ ދިފާޢުގައި އީރާނުން ދެމުންދާ ވަރުގަދަ ރައްދުގެ ސަބަބުން ވަރަށް އަވަހަށް ނިންމާލެވޭނެ ކަމަށް އެމެރިކާއިން ދެކުނު ހަނގުރާމަ ވަނީ ދިގުލާން ފަށައިފައެވެ. އަދި ތެލާއި ހަކަތައިގެ އަގު ދަނީ އިންތިހާއަށް އުފުލެމުންނެވެ.
އީރާނުގެ ޙަމަލާގެ ސަބަބުން ވިލާތާއި އޭޝިޔާއަށް ގޭސް ފޯރުކޮށްދިނުމަށް ބުރޫއަރާނެ ކަމަށް ޤަޠަރުއެނާޖީގެ ސީއީއޯ އަދި ހަކަތައާބެހޭ ސްޓޭޓް މިނިސްޓަރު ސަޢުދު އަލް-ކަޢުބީ ވަނީ ވިދާޅުވެފައެވެ. އެލްްއެންޖީ ޕްރޮސެސް ކުރުމަށް ޤަޠަރުން ބޭނުންކުރާ 14 މަރުކަޒުގެ ތެރެއިން ދެ މަރުކަޒާއި، ދެ ގޭސް-ޓު-ލިކުއިޑް (ޖީޓީއެލް) މަރުކަޒަށް ޙަމަލާތަކުގައި ގެއްލުން ލިބިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. މަރާމާތުތައް ކުރަން ޖެހުމުގެ ސަބަބުން ކުރިއަށް އޮތް ތިން އަހަރާއި ފަސް އަހަރާ ދެމެދު އުފައްދާ އެލްއެންޖީގެ އަހަރަކު 12.8 މިލިޔަން ޓަނު މަދުވާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އަދި އެ ތަންތަނުގެ މަރާމާތަށް 26 ބިލިޔަން އެމެމެރިކާ ޑޮލަރު ޚަރަދުވާނެ ކަމަށް ވެސް ބެލެވެއެވެ.
އީރާނުން ގެއްލުން ދިން އެލްއެންޖީ މަރުކަޒުތަކުގައި އެމެރިކާގެ ތެޔޮ ކުންފުނި، އެކްސޮންމޮބައިލްގެ ޙިއްޞާ އޮވެއެވެ. އަދި ޖީޓީއެލް މަރުކަޒުތުގައި ޝެލް ކުންފުނީގެ ޙިއްޞާ އޮވެއެވެ. މަރުކަޒުތަކަށް ލިބުނު ގެއްލުމުގެ ސަބަބުން ސަރަޙައްދީ ކުރިއެރުން 10 އަހަރާއި 20 އަހަރުގެ މުއްދަތަކަށް ފަހަތަށް ޖެހިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ޤަޠަރުގެ ހަކަތައިގެ ދާއިރާއަށް ލިބިފައިވާ ގެއްލުމުން އަރައިގަތުމަށް އަހަރުތަކެއް ނަގާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ